(ކ) އައިރީން (ވ) ތަންޑީ --
އިއްޔެ ރޭ ނިމުނު މިސް ވޯލްޑް 2026 ގައި ވާދަ ކުރަން އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީން ފޮނުވަން ހަމަޖެހުނު މީހާ ބާކީ ކުރި މައްސަލަ އަނެއްކާވެސް މީޑިއާތަކަށް އަރަން ފަށައިފި އެވެ.
ވިއެޓްނާމުގެ ނާ ޓްރެންގް ސިޓީގައި އިއްޔެ ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި މިއަހަރުގެ ތާޖު ލިބުނީ ޑޮމިނިކަން ރިޕަބްލިކުގެ އުމުރުން 24 އަހަރުގެ ޖޮހެއިރީ މޮލާއަށެވެ.
އެ މުބާރާތުގައި ވާދަ ކުރަން ގައުމުތަކުން މީހުން ހޮވަނީ މިސް ވޯލްޑް އިންތިޒާމް ކުރާ ޖަމާއަތާއި ގުޅުން އޮންނަ އަމިއްލަ ޖަމިއްޔާތަކުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މަލާވީގައި އެ މުބާރާތަށް މީހަކު ހޮވުމާއި ހަވާލުވެ އުޅުނު ޖަމިއްޔާއިން ބޭއްވި ހަރަކާތްތަކުން އެއްވަނަ ލިބި މިސް ވޯލްޑް މަލާވީގެ މަގާމު ހޯދީ ތަންޑީ ޗިސީ އެވެ.
ދެ ވަނައަށް ދިޔައީ އެ ގައުމުގެ ޖެންޑާ މިނިސްޓަރު މޭރީ ނަވިޗާގެ ދަރިފުޅު އައިރީން ނަވިޗާ އެވެ. ނަތީޖާ އެގޮތަށް ނުކުތުމުންވެސް އެ ޖަމިއްޔާއިން ތަންޑީ ބާކީކޮށް، މިސް ވޯލްޑުގައި ވާދަ ކުރަން ފޮނުވީ އައިރީން އެވެ. އައިރީން މުބާރާތުން ކެޓީ ގަދަ 40 ގައި ވާދަ ކުރުމަށް ފަހު އެވެ.
މިސް ވޯލްޑަށް މީހަކު ފޮނުވުމުގައި ސިޔާސީ ނުފޫޒު ވަނީ ކަމަށް ބުނެ ތަންޑީ ބާކީ ކުރުމުން މީޑިއާއިން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އޭރު އިންތިޒާމް ކުރި ފަރާތުން ބުނެފައިވަނީ ތަންޑީ ބާކީ ކުރަން ޖެހުނީ އުމުރު ހަމަވެފައިވާތީ ކަމަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އޭނާއަށް 27 އަހަރު ވަނީ މިއަހަރުގެ މުބާރާތް ނިމޭ ފަހުންނެވެ.
އެކަން ފާހަގަ ކުރުމުން އިތުރު އުޒުރެއްގެ ގޮތުގައި ބުނީ އައިރީންއަށް ފުރުސަތު ދިނީ ހުރިހާ ބައިވެރިންނަށް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިކަމަށް އަދިވެސް މަލާވީގެ އާންމުން ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
111 ޤައުމެއްގެ ބައިވެރިން ވާދަކުރި މިއަހަރުގެ މުބާރާތުގައި ފުރަތަމަ ރަނަރއަޕް ލިބުނީ ސްޕެއިންގެ އެލިޒަބެތް ރެއިނެސް އެލެބާންއަށެވެ. ދެވަނަ ރަނަރއަޕް އަކީ މެލޭޝިއާގެ ތާނޫސިޔާ ޗެޓީއެވެ.
އަންނަ އަހަރުގެ 74 ވަނަ މިސް ވޯލްޑް މުބާރާތް ބާއްވާނީ ޓެންޒޭނިއާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް