ފުލުހުންގެ ވާޖިބަކީ ހެކި ހުރިތޯ ނުވަތަ ނެތްތޯ ބެލުމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ތުހުމަތު ކުރާ ދެ ފުލުހުން ހައްޔަރު ނުކުރުމާއި ގުޅިގެންނެވެ.
ބަންޑާރަ ނާއިބު އެދިލައްވާފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދުމަށް ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަކީ ކޯޓު އަމުރު ހޯދައި އެ ދެ ފުލުހުން ހައްޔަރު ކުރުން ކަމަށާއި ހެކި ހުރިތޯ ނެތްތޯ ނިންމާނީ ކޯޓުން ކަމުގައި މީކާއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ގިނަބަޔަކު ފުލުހުންނަށް ފާޑުކިޔަމުންދާތީ ފުލުހުން ވަނީ ރޭ ނޫސަބަޔާނެއް ނެރެފައެވެ.
އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ، ރޭ މަރުތައް ބަލާ ކޮމިޝަނާއި، ފުލުހުންނާއި އެކު ކުރެވުނު މަޝްވަރާގައި ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތަށް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށެވެ.
މީގެ އިތުރުން މަރު ކޮމިޝަނުން ވަނީ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް ލަފާދީފައިކަމަށް ފުލުހުން ބުނެއެވެ.
އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް