ލ. ބަރެސްދޫގައި ޓޫރިޒަމާއި ގުޅޭ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެ ފުރުސަތު ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ބަރަސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ އަދި އެ ރިސޯޓާ ގުޅޭ ތަންތަން ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ތަންތަން ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ހަދާ ތަންތަން ކުއްޔަން ހިފަން ބޭނުންވާ ފަރާތްތަކަށް އެތަންތަން ހިންގަން ހަވާލު ކުރާނީ އެ ފަރާތަކުން ބޭނުންވާ ގޮތަކަށް އެ އިމާރާތެއް ނުވަތަ ތަނެއް ހަދައި ދިނުމަށް ފަހު ކަމަށެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަންނަ ބުދަ ދުވަހު ހޮޓެލް ޖެންގައި ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ނިންމާފައި ވަނީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ.
އެ ރަށުގެ އިތުރުން ކައިރީގައި އޮންނަ ކުޑަ ރަށެއްވެސް ވަނީ އެ ރަށާއި ގުޅާލާފައި އެވެ. އެ މަސައްކަތް ކޮށްފައިވަނީ މި މަޝްރޫއު ކުރިން ހިންގި އެމްއެމްޕީއާރުސީންނެވެ. އެ ކުންފުނިން ވަނީ ބަރެސްދޫގެ ބަނދަރުގެ މަސައްކަތްވެސް ނިންމާފަ އެވެ. އަދި އެ ރަށުން 16 ބިމެއް ވިއްކާފަ އެވެ.
ޝާހިދު ވިދާޅުވީ އެ ބިންތައް ވިއްކުމަށް ހަދާފައިވާ އެއްބަސްވުމަށް އެ ކުންފުނިން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. ރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް