މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި އެވެ.
އެންމެ ފުރަތަމަ މިއަދު އައީ ޒައީ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. ޒައީ ގްރޫޕުގެ ހަވާލުގައި މިއަހަރު 100 މީހުން ހައްޖަށް ދިޔަ އިރު އެމީހުން ދަތުރުކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްގައި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ބައެއް މީހުން މާދަމާ އައުމަށް ހަމަޖެހިފަވެ އެވެ. އަމިއްލަ ޖަމާއަތްތަކުގެ ތެރެއިން ސިސިލްފަރު ގްރޫޕުގެ ހަވާލުގައި ހައްޖަށްދިޔަ މީހުން އަންނާނީ އަންނަ ހޯމަ ދުވަހު އެވެ. އަންގާރަ ދުވަހު އަލް ހަރަމައިންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އަންނާނެ އެވެ.
މިއަހަރު 800 މީހުން ހައްޖަށް ގެންދިޔަ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ގައި އެވެ. އެއީ ފަހު ވަގުތު ލިބުނު ކޯޓާގައި ގެންދިޔަ 300 މީހުންނެވެ.
މިއަހަރު ރާއްޖެއިން 1،300 މީހުން ހައްޖަށް ދިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް