ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ދަތުރު ފަހު ވަގުތު ކެންސަލްކޮށްފި އެވެ.
އަމީތާބަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހެޕަޓައިޓިސް އަށް މި ސަރަހައްދުން ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރެވެ. އޭނާ ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ އެ ޖަމިއްޔާއިން ބާއްވާ ހަރަކާތެއްގައި ބައިވެރިވުމަށް މިއަދު މެންދުރު ފަހު އެވެ.
ދަތުރު ކެންސަލް ކުރިކަން ސަރުކާޜުގެ އޮފިޝަލަކު ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ. އެކަމަކު ދަތުރު ކެންސަލް ކުރެއްވި ސީދާ ސަަބަބެއް ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަމީތާބު ރާއްޖެ އައުމަށް ހަމަޖެއްސި ދަތުރު ކެންސަލް ކުރީ ސިއްހީ މައްސަލަތަކަކާއި ގުޅިގެންނެވެ. އަމީތާބުގެ ދަތުރު ކެންސަލް ކޮށްފައި މިވަނީ އޭނާ ރާއްޖެ ނައުމަށް ގޮވާލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރަމުންދަނިކޮށެވެ.
މަހުލޫފު ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލައި، ގާނޫނު އަސާސީން ދީފައިވާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީ އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރަން އެދޭ ކަމަށެވެ. މަހުލޫފަށް ތާއީދުކޮށް ގިނަ ބަޔަކު ދަނީ އަމީތާބުގެ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. އަދި އޭނާ ކުޅެފައިވާ “އަންދާގާނޫން” ގެ ޕޯސްޓަރާއެކު ބައެއް ޓުވީޓްތަކުގައި އަމީތާބު ޓެގްކޮށްފައި ވެސްވެ އެވެ.
އިއްޔެ ޕެރެޑައިސް އައިލެންޑުގައި ފެށުނު ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި މި ސަަހައްދުގެ ގައުމުތަކުގެ ހެލްތް މިނިސްޓަރުން ބައިވެރިވެވަޑައިގެންނަވަ އެވެ. ފަހު ވަގުތު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައި ނުގަންނަވަނީ އިންޑިއާ އާއި މިޔަންމާގެ ހެލްތް މިނިސްޓަރެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ހެލްތް މިނިސްޓަރުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ސަރުކާރާ ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތައް ހުރި ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް