ބުދު ދީނުގެ މެޖޯރިޓީ އޮންނަ ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމް ދަރިކޮޅުގެ ފަސް ކުއްޖަކު ގެނބިގެން ނިޔާވެއްޖެ އެވެ. މި ކުދިން މަރުވީ ރޮހިންޔާ ދޫކޮށް ބަންގްލަދޭޝަށް ހިޖުރަކުރަމުންދިޔަ ބަޔަކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައިގެންނެވެ.
ބަންގްލަދޭޝްގެ ބޮޑަރު ގާޑުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރަކީން ސްޓޭޓާއި ބަންގްލަދޭޝްއާއި ދެމެދުގައި އޮންނަ ނަފް ކޯރަށް އިއްޔެ އެކަނިވެސް ތިން ބޯޓެއް ބަންޑުން ޖަހާލާފައިވާކަމަށެވެ. ނިޔާވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާކަމަށެވެ.
އެ ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ނިޔާވެފައިވާއިރު ބަންގްލަދޭޝް އިން ހާމަކޮށްފައިވާގޮތުގައި ގިނައިން ބަންޑުން ޖަހާލަނީ ކޯރުގެ އޮޔަށް ކެތްނުވާވަރުގެ ކުދި ދޯނިތަކެވެ.
ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ހާމަކޮށްފައިވާގޮތުގައި ކޯރުގެ އެކި ސަރަހައްދުތަކުން، ނިޔާވެފައިވާ އަންހެން ފަސްކުއްޖެއްގެ ހަށިގަނޑު ފެނިގފައިވާކަމަށާއި އިތުރަށް އެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.
ރޮހިންޔާ މުސްލިމް ދަރިކޮޅާއި ދެކޮޅަށް ބަރުމާގެ ބުދުދީނުގެ އަހުލުވެރިން ލާއިންސާނީ އަނިޔާތައް ދެމުންދާއިރު ނިމިދިޔަ އޮގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް އެއް ލައްކަ ފަންސަވީސް ހާހަށްވުރެ ގިނަ މީހުން ބަރުމާ ދޫކޮށް ބަންގްލަދޭޝް ބޯޑަރު ކައިރިއަށް ޖަމާވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް