ދިވެހި ސިފައިން ސާރްޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި - ފޮޓޯ: އެމްއެންޑީއެފް
ލާމު އަތޮޅުން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4" ސަޕްލައި ދޯނީގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެކެވެ.
އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި އިއްޔެ ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އެ ގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯރގެ ޔޫއޭވީ ޑްރޯން ވަނީ ބޭނުންކޮށްފައެވެ.
ކަނޑުމަގުން 310 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި އިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީ އެމްބިއުލޭންސްތަކާއި ފުލުހުންގެ ލޯންޗު ވެސް ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް މިހާތަނަށް ގެއްލުނު ތިން މީހުން ފެނިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް