ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައިވަނީ މަރުވެފައި

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާކަމަށް ދިރޭތަކެތީގެ ނަސަލާއި ގުދުރަތީ މާހައުލުން ފޯރުކޮއްދޭ ހިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓުން ދައްކުވައިދީފިއެ...

07 May 2019 | 05:52

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާކަމަށް ދިރޭތަކެތީގެ ނަސަލާއި ގުދުރަތީ މާހައުލުން ފޯރުކޮއްދޭ ހިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓުން ދައްކުވައިދީފިއެވެ.

ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓް ކަމަށްވާ " ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" މިއަދު އާންމު ކޮއްފައިވާއިރު، މި ރިޕޯޓުގައި ބުނެފައިވަނީ މިހާރު ދުނިޔޭގެ ފަރުތައް ނެތިގެންދާ ނިސްބަތުން ނެތިގެންދާނަމަ ކައިރި މުސްތަގުބަލެއްގައި ފަރުތަކުގެ 90 އިންސައްތަ މަރުވާނެ ކަމަށެވެ.

މި ރިޕޯޓުގައި މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ތިން ކަމެއް ފާހަގަކޮއްފައިވެއެވެ. އެއީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުން ހިފުން ނުވަތަ އެކި ބާވަތްތަކުގެ މަސްވެރިކަމެވެ. ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކަނޑާއި މޫދުގެ ސަރަހައްދު އެކި ކަންކަމަށް ބޭނުންކުރާ ގޮތުންނެވެ. އަދި ތިންވަނަ އަށް ބުނެފައިވަނީ އެންމެ ބޮޑު ގެއްލުމެއް ދެނީ މޫސުމަށް އަންނަ ބަދަލުތަކުން ކަމަށެވެ.

އެގޮތުން މޫދުގެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި  ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި މޫދާއި ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށް "މެރިން ސްޕޭޝަން ޕްލޭނިންގ" ހެދުން މުހިއްމު ކަމުގައި މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގެ ޚުލާސާ "ސަމަރީ ފޮރ ޕޮލިސީ މޭކާސް" ނިންމުމަށްފަހު މިއަދު އެ ރިޕޯޓް ލޯންޗްކޮށްފައިވާއިރު މުހިންމު އެތައް ކަމަކަށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން ދިރޭތަކެތީގެ ނަސްލުގެ މިހާރުގެ ޙާލަތާއި، މިޙާލަތު މެދުވެރިވާން ދިމާވި ސަބަބުތަކާއި، ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙައުލަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެނުރައްކާތަކުގެ މިންވަރާއި، މުސްތަގްބަލުގައި މިނުރައްކާތަކުގެ ސަބަބުން ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙާއުލަށް ވެގެންދާނެގޮތާއި، އެކަމުން ސަލާމަތްވުމަށް ގައުމުތަކުން އަޅަންޖެހޭނެ ފިޔަވަޅުތައް މިރިޕޯޓުގައި ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް