"ކޮބާތަ މިހާރު ނާޝިދު...! މިހާރު ގޭތެރެއިން ނުވެސް ފެނޭ... ގެއަށްވެސް ނާންނަނީތަ....؟ ނޫނީ އަބަދު ކޮޓަރީގަތަ އޭނަ އޮންނަނީ...؟" ނާޞިރު ސުވާލު ކޮށްލިއެވެ.
"ގެއަކު ނެތް... އޭނަ ފެނުނަސް އަހަރެން ބިރުން ފިތްކަނޑައިގެންދާވަރުވޭ... މަ މިހުންނަނީ ހަދާނެގޮތް ހުސްވެފަ...." ހާސްވެފައި އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"ތިކަމާ ތަންކޮޅެއް ސީރިއަސްކޮށް އުޅެމާ... ދެން އަހަންމާބެއެއް ނާންނާނެއެއްނު... އެހެންވީމާ ދެން މިރަށުގައި ހިޔެއްވުނުވެ މިހާރު އެކަހަލަ އިތުރު މީހަކު ހުރިހެނެއް... ގައިމުވެސް ދަންނަމީހަކު ނެތް... ދެން ޖެހޭނީ ކައިރި ރަށަކުން މީހަކު ހޯދަން... އައްޑޫ އިން މީހަކު ވޭތޯ ބަލާނަން...." ޚާލިދުގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ނާޞިރު ބުނެލިއެވެ.
"އާނ... ނާޞިރު ތިކަމާއުޅޭ.... އަހަރެންގެ އެހާ ހިތްވަރެއް މިހާރަކު ދެން ނެތް..... މިގޭގަ އުޅެންވެސް މިހާރު ބިރުގަނޭ.... އަހަންނަކަށް ނޭނގެ ކަންތައް ކުރާނެ ގޮތެއްވެސް...." ނާޞިރުއާ ދިމާއަށް ބަލަންއިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"މިއަދު ތި މަސައްކަތް ފަށާނަން.... މިހާރު އިތުރު މީހަކަށް މިކަން އިނގިއްޖެތަ....؟" ނާޞިރު ސުވާލު ކޮށްލިއެވެ.
"އަދި އެއްވެސް މީހަކަށް ނޭނގޭނެ... އަހަރެން އަހަންމާބޭ ކައިރިއަށް ފަންޑިތަ ހަދަން ދަންވަރު ދާތީ އެކަމާ ޙަސީނާ ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައި.... އެކަމަކު އަހަރެން ކިހިނެތް ހަސީނާއަށް ނާޝިދުގެ އެވާހަކަތައް ކިޔައިދޭނީ... އަހަރެންގެ އެހާ ހިތްވަރެއް ނެތް...." ނާޞިރު އާ ދިމާއަށް ބަލަންއިނދެ ޚާލިދު މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"ޒާހިރާވެސް އިއްޔެ ފާޑެއްގެ ވާހަކައެއް ދައްކައިފި...." ޚާލިދުގެ ކޮނޑުގައި ހިފަހައްޓަލައިގެން އިނދެ ނާޞިރު ވާހަކަ ދެއްކިއެވެ.
"ކީކޭ ބުނީ... އަނެއްކާ ޒާހިރާއަށް މިގޭތެރެއިން ކަމެއް ފެނުނީތަ....؟" ސީރިއަސްވެފައި އިނދެ ޚާލިދު ސުވާލުކޮށްލިއެވެ.
"ނޭނގެ.... އެހެނެއްނުބުނެ.... ބުނި މިގޭތެރޭގައި ކުރިން ހުންނަ ރޫހެއް ނެތޯ.... މުޅި ގެ ހީވަނީ މަރުވެފަ އޮންނަހެނޯ.... ކޮންމެވެސް ކަމެއް ގޭތެރޭގައި ހިނގައިފިހެންނޯ ހީވަނީ.... މަ ދެން ވަރަށް ސުވާލު ކުރިން.... އެކަމަކު އިތުރު އެއްޗެއް ނުބުނެ... ހަމަ ހީވަނީޔޯ ބުނީ...." ނާޞިރު، ޒާހިރާ ދެއްކި ވާހަކަ ތައް ކިޔައިދިނެވެ.
"އޭނައަށްވެސް ކޮންމެވެސް ކަމެއް ފެނުނީ ކަންނޭނގެ.... ދުވަސްކޮޅަކުން އެންމެނަށްވެސް ނާޝިދުގެ ހުރިހާ ޙަޤީޤަތެއް އެނގޭނެހެން ހީވަނީ...؟ ޚާލިދު ވިސްނަން އިނދެ ވާހަކަ ދެއްކިއެވެ.
"މަ މިދަނީ އެ އައްޑޫ މީހާއާ ގުޅޭނެ ގޮތެއް ހޯދަން... އޭނައާ ގުޅިއްޖިއްޔާ ހަމަ ވީއެންމެ އަވަހަށް އަންނާށޭ ބުނާނަން... މިހާރުން މިހާރަށްވެސް މަސައްކަތް ފަށަން ޖެހޭނެ...." ނާޞިރު ތެދުވަމުން ބުނެލިއެވެ.
ނާޞިރު އާއި ޚާލިދު ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަންހުރި ޙަސީނާ ނާޞިރު ދިޔުމުން އައިސް ޚާލިދު ކައިރީގައި މަޑުމަޑުން އިށީނނެވެ. ޙަސީނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި، ކަންބޮޑުވުމެވެ.
ކިހިނެތް....؟ ކޮންވާހަކައެއް ނާޞިރު އާ ދެމީހުން ތިދެއްކީ....؟ ކޮން އަހަންމާބެއެއް މަރުވީ... މައްޗަށް އަރައިގެން ފުނޑުފުނޑު ވެގެން ދިޔައީއޭ... ކޮނަކަހަލަ ވާހަކައެއް ތިދައްކަނީ...." ކަންބޮޑުވެފައި އިނދެ ޙަސީނާ ސުވާލު ކުރިއެވެ.
"އޭނ... ކީކޭ....؟ ޙަސީނާއަށް އެވާހަކަތައް އަޑުއިވުނީތަ....؟" ސޯފާގައި ލެނގިލައިގެން އިން ޚާލިދު، ހަސީނާގެ އަޑު އިވުމާއެކު ސިއްސައިގެންގޮސް ސުވާލު ކުރިއެވެ.
"އާނ... އަހަރެން މިހިރީ އަޑުއަހަން.... ކޮންކަމަކާ ފަންޑިތަ ހަދާ ވާހަކައެއް ތިދައްކަނީ... ތިބުނާ އަހަންމާބެއަށް ކިހިނެތްތަވީ...؟ ނާޝިދުދެކެ ބިރުން ތިއުޅެނީ އަނެއްކާ އޭނައަށް ކިހިނެތްވީތަ...؟ އަހަރެން ވަރަށް ކަންބޮޑުވެއްޖެ.... ތި ވެގެން އުޅޭގޮތެއް މަށަށް ކިޔައިދީބަލަ...!" ހަސީނާ ކަންބޮޑުވެފައި އިނދެ ވާހަކަ ދެއްކިއެވެ.
"ހަސީނާ... މިވާހަކަ އަދި އެއްވެސް މީހެއް ކައިރީ ނުދައްކައްޗޭ... އަހަރެން ދަންވަރު ބޭރަށްދަނީ އެ އަހަންމާބެއާ ބައްދަލު ކުރަން ފަންޑިތަ ހަދަން... އޭނައާ އެވާހަކަ ދައްކާފަ ފަންޑިތަ ހަދަން ގޮވައިގެން އަންނަނިކޮށް އެކަމެއް ދިމާވީ.... އަހަރެންގެ ލޯ ކުރިމަތީގައި އަހަންމާބޭ މަރުވެގެން އެދިޔައީ.... އެކަމަކު މިވާހަކަތައް އަހަރެން ކިހިނެތް ކައުންސިލް މީހުންނަށް ކިޔައިދޭނީ...." ކަންބޮޑުވެފައި އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"ކޮން ފަންޑިތައެއް ހަދަން ތިބުނާ މީހެއް ގެންނަން ތިއުޅުނީ....؟" ޙައިރާން ވެފައި ޙަސީނާ ސުވާލު ކުރިއެވެ.
"ޙަސީނާއަށް ނޭނގެ މިވާހަކަ ޤަބޫލު ކުރެވޭނެ ކަމެއް...! ނާޝިދުއަކީ އިންސާނެއް ނޫނޭ...." ޙަސީނާއާ ދިމާއަށް ބަލަން އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"ކީކޭ.... ކީކޭ... ނާޝިދު... އިންސާނެއް ނޫނޭ....؟ ކިހިނެތް ތިވާހަކަ ޤަބޫލު ކުރަނީ....؟ އޭނ...." ޙަސީނާ ސިއްސައިގެން ގޮސް ވާހަކަ ދެއްކިއެވެ.
"އާނ.... އެއީ އިންސާނެއް ނޫން... މީކީ މީހަކު ސަމާސާއަކަށްވެސް ދައްކާކަހަލަ ވާހަކައެއް ނޫނެއްނު.... ޤަބޫލު ކޮށްބަލަ... އަހަރެން އަމިއްލަ ލޮލުން ދެކިފަ މިބުނަނީ.... އަހަރެން މިހުންނަނީ މިކަމާހުރެ ބިރުން ހަލާކުވާވަރުވެފަ.... ހަދާނެގޮތް ހުސްވެފައި... އަހަރުމެންގެ ހުމޭދާއަށް ވަމުންދާގޮތް ދެކިބަލަ....! ކިހިނެތް ދެން ހަދާނީ....؟" ބޮލުގައި އަތް އަޅައިގެން އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"ކިހިނެތް ޚާލިދަށް ތިކަމެއް އެނގުނީ....؟" ހައިރާންވެފައި ބިރުން އިނދެ ޙަސީނާ ސުވާލު ކުރިއެވެ.
"ކޮންމެ ރެޔަކު ދަންވަރު އޭނަ ބޭރަށްދާތީ ފުރަތަމަ އަހަރެން ސުވާލުކުރީ ހުމޭދާއާ... ހުމޭދާބުނީ އޭނަ ބޭރަށްދަނީ ބުނެފައޭ...! އެކަމަކު ބޭރަށްދާ ސަބަބު ފަހުން ބުނާނަމޭ... ދެންވެސް އެކަމުގެ ކޮންމެވެސް ނުބައެއް އެބައުޅެޔޭ އަހަރެން ހިތަށް އަރާވަރުން އަހަރެން ނިންމީ އޭނައަށް ފާރަލާން.... އެއްރޭ ދަންވަރު އޭނާ ބޭރަށް ނުކުތީމަ އަހަރެން ފަހަތުން ނިކުތީ...! އަހަންނަށް ފެނުނީ މަގުމަތިން ވަކި ހިސާބަކަށް އޭނަގޮއްސަ ގެއްލުނުތަން... އެވަގުތު އޭނަހުރި ހިސާބުން އަލިފާން ކަނިތަކެއް ކަހަލަ އަލިތަކެއް މައްޗަށް އަރައިގެން ދިޔައީ...." ހާސްވެފައި އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.
"ނާ ހަމަތެދެއް... ދެން ކިހިނެތް ހަދާނީ...؟ އަހަރުމެންގެ ދަރިފުޅު މިކަމުން ސަލާމަތް ކުރާނީ ކިހިނެތް....؟" ހަސީނާ ބިރުން ތުރުތުރުއަޅާ އިނދެ ވާހަކަ ދެއްކިއެވެ.
"އެހެންވެއޭ އަހަންމާބޭ ހޯދައިގެން ގެންނަން އުޅުނީވެސް... މިހާރު ނާޞިރު އެދިޔައީ އައްޑޫ ކޮންމެވެސް މީހަކާ ގުޅޭތޯ ބަލަންވެގެން... ހަދާނެ ގޮތް ހުސްވެފަ މަވެސް މިހުންނަނީ.... ޙަސީނާވެސް އަދި އެއްވެސް މީހެއް ކައިރީގައި މިވާހަކަ ނުދައްކައްޗޭ..." ޚާލިދު މަޑުމަޑުން އިނދެ ވާހަކަ ދެއްކިއެވެ.
"އާނ... ތިހެންބުނީމަ ނާޝިދު ކުރިން ބައެއް ކަންތައް ކޮށްފަހުރި ގޮތުން މިހާރު އެބަވިސްނޭ... އެކަމަކު ކާކު ހިތަށްވެސް އަރާނީ އިންސާނެއްގެ ސިފައިގައި ޖިންނިއެއް އުޅެދާނެ ކަމަށް.... މިހާރު ކޮންދުވަހެއް އޭނަ އުޅޭތާވެސް.... ދެން ނުކެރޭނެ އޭނަ ކުރިމައްޗަށް އަރާކަށްވެސް...." ޙަސީނާ ވިސްނަންއިނދެ ވާހަކަ ދެއްކިއެވެ.
"އާނ.... މަވެސް އޭނަ ފެންނައިރަށް ބިރުންގޮސް ތުރުތުރު އަޅާ.... މިހާރު އަހަންނަށް ހީވަނީ އަހަރުންނަށް އެކަން އިނގޭކަން އޭނައަށްވެސް އިނގިއްޖެހެން... މިހާރަކަށް އައިސް ފާޑަކަށްނު އެހުންނަނީ...." ޚާލިދު ވިސްނަން އިނދެ ވާހަކަ ދެއްކިއެވެ.
"ތިބުނާ އައްޑޫ މީހާ އަންނަނީ ކޮންއިރަކުން...." ޙަސީނާ ސުވާލުކޮށްލިއެވެ.
"އަދި ނޭނގެ... ނާޞިރު އެދިޔައީ އެމީހާގެ ނަންބަރު ހޯދައިގެން ގުޅަންވެގެން... އޭނަ އޯކޭ ވެއްޖިއްޔާ ހަމަ ވީއެންމެ އަވަހަކަށް ގެންނާނަން.... އޭރުންތާ މިކަމުން އަހަރެމެން ސަލާމަތްވާނީ...." ޚާލިދު ހަސީނާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.
"އިރާދާ ކުރެއްވިއްޔާ މިކަމުން އަހަރެންގެ ޢާއިލާ ސަލާމަތް ކުރައްވާށި...! އަހަންނަށް ފެންނަނީ އަނެއްކާވެސް މިކަމުން ސަލާމަތް ވެގެން މާލެއަށް ބަދަލުވާން... ނާޞިރުމެންގެ އެހީތެރިކަމާއެކު މިހާރު މިރަށުގައި ވަރަށް ގިނަދުވަހު ތިބެވިއްޖެއެއްނު.... ދެން ނާޞިރުމެން މާލެދާން ތިބިއްޔާ އެމީހުން ގޮވައިގެން މާލެދާން އަހަންނަށް ފެންނަނީ...." ޙަސީނާ ޚިޔާލެއް ދިނެވެ.
ތިއީވެސް ރަނގަޅު ގޮތެއް...! އެކަމަކު ދެން އިތުރު ކަމަކާ ވިސްނާނީ މިކަމަށްފަހު.... މިހާރު މިނޫން އެއްވެސް ކަމެއް އަހަރެންގެ ބޮލުގައެއް ނެތް..." ޙާލިދު ޙަސީނާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
އެވަގުތު ބޭރުން އައިސް ގޭތެރެއަށްވަނީ ނާޝިދު އެވެ. ނާޝިދު ފެނުމާއެކު ހަސީނާ ދިޔައީ ސިއްސައިގެންނެވެ. ދެފައި ތުރުތުރު އަޅަން ފެށިއެވެ. ޚާލިދުއަށްވެސް ނާޝިދުއާ ދިމާއަށް ނުބަލަން ވެގެން އިސްދަށަށް ޖަހާލެވުނެ.
"މަންމާ ކިހިނެތްވީ....؟ ކަމެއްވެގެންތަ ތިއުޅެނީ... ބުނެބަލަ...!" ނާޝިދު ފެނުމުން ޙަސީނާ އާއި ޚާލިދަށް ވީގޮތް ފެނުމުން ނާޝިދު ސުވާލު ކުރިއެވެ.
ނާޝިދުގެ މިސުވާލަށް ޖަވާބެއްދޭނެ ހިތްވަރެއް އެއްވެސް މީހެއްގެ ނެތެވެ. ޖަވާބަކަށް އިންތިޒާރު ކުރުމަށްޓަކައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު މާޔޫސްވެގެން ނާޝިދު ދިޔައީ ކޮޓަރިއަށެވެ.
ނާޝިދު ކޮޓަރިއަށް ދިޔައިރު ހުމޭދާ އިނީ ބޭބީ އުނގަށްލައިގެން ނިންދަވާށެވެ.
"ހުމޭ މިއަދު ބަލިކިހިނެތްތަ...؟ އަދިވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާތަ...." ހުމޭދާ ގާތަށް ގޮސް ހުއްޓެމުން ނާޝިދު ސުވާލު ކޮށްލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 މާރިޗް، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް