ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަ އެއްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޚާލިދު އާ އަހަންމާބޭ ގަސްތަކުގެ ތެރެއިން ލާފައި ސައިކަލާ ދިމާއަށް ހިނގަމުންދިޔައިރު ފަހަތުން ކޮންމެސް އަޑެއް އިވެމުންދިޔައެވެ. އަދި އިރުއިރުކޮޅާ އެއަޑު ބާރުވަމުން ދިޔައެވެ. "ނާ...

05 Mar 2024 | 05:12

ކުރީގެ އަދަދާއި ގުޅޭ...

ޚާލިދު އާ އަހަންމާބޭ ގަސްތަކުގެ ތެރެއިން ލާފައި ސައިކަލާ ދިމާއަށް ހިނގަމުންދިޔައިރު ފަހަތުން ކޮންމެސް އަޑެއް އިވެމުންދިޔައެވެ. އަދި އިރުއިރުކޮޅާ އެއަޑު ބާރުވަމުން ދިޔައެވެ.

"ނާމާންވާކަމުގެ އިޝާރާތެއް އެއީ...! ފަހަތް ނުބަލާތި...! މިވަގުތު ފަހަތް ބެލުން ރަނގަޅެއް ނުވާނެ... އެކަމަކު އިރާދާކުރެއްވީޔާ އަހަރުމެންނަށް ކަމެއް ނުވާނެ.... އެދުޢާ އަކީ ހަށިރައްކަލަށް ކުރާ އެންމެ މޮޅުދުޢާ...! ޚާލިދު ނުކުތީ ދުޢާ ކިޔައިގެން... އަހަރެންގެ އަތުގައި އަނގޮޓި...." ކުއްލިއަކަށް އަހަންމާބޭ ހުއްޓުނެވެ.

"ކިހިނެތްވީ...؟ ޚާލިދު ސުވާލުކޮށްލިއެވެ.

"މަގޭ އަނގޮޓި... ދަމުނަމާދު ކުރަން ވުޟޫކުރަން ނެގިގޮތަށް އަނގޮޓި ނޭޅި... ވަރަށް ބޮޑު ގޯހެއް މިހެދުނީ... އަނބުރާ ފަހަތަކަށް ނުވެސް ދެވޭނެ... މާތްﷲ އާ ވަކީލު.... ދެން މަޑުމަޑުން ކުރިއަށް ހިނގާ...." އަހަންމާ ބޭ ބިރުންހުރެ ކުރިއަށް ހިނގައިގަތެވެ.

އެވަގުތު ޚާލިދު ހުރީ އަހަންމާބޭ އަށްވުރެ ފަހަތުގައެވެ. ކުއްލިއަކަށް ފަހަތުން އިވެމުންދިޔަ އަޑު ހުއްޓުމަށްފަހު ބިރުވެރި ބާރު އަޑަކުން ހޭއަޑު އިވެން ފެށިއެވެ. އެވަގުތު އަހަންމާބޭ ހިނގުން ބާރުކޮށްލިއެވެ. ފަހަތުން ޚާލިދުވެސް ހިނގުން ބާރުކޮށްލިއެވެ. އެހެން ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް އަހަންމާބޭ ފުންމައިގެން އެދިމާގަސްތަކުގެ ތެރެއަށް މައްޗަށް އެރުމަށްފަހު ބާރުއަޑުފަށްގަނޑަކާއެކު އަހަންމާބޭ ފުނޑުފުނޑުވެގެން ހަށިގަނޑުގެ އެކިއެކި ބައިތައް މުޅިތަނަށް ބުރަބުރައިގެން ދިޔައެވެ. ޚާލިދު ހުރީ ހަޅޭއްލަވައި ގަންނަންވެސް ނޭނގި މައްޗަށް ބަލަހައްޓައިގެންނެވެ. ބިރުން ހުރި ޚާލިދުގެ ދެފައި ތުރުތުރު އަޅާވަރުން ބިންމަތީގައި ހުންނަން އުނދަގޫވިއެވެ. ކުއްލިއަކަށް އެދިމާ ގަސްތަކުގެ ތެރެއިން ކަޅުކުލައިގެ އޮލަދުންގަނޑެއް ބިންމައްޗަށް ފައިބަންފެށިއެވެ. ޚާލިދު ވެއްޓެމުން ވެއްޓެމުންކަހަލަ ގޮތަކަށް ކުރިއަށް ދުއްވައިގަތެވެ. އެ ދުންގަނޑު ތިރިއަށް އައިސް އަހަންމާބޭގެ ހަށިގަނޑުން ވިއްސައިގެން ދިޔަ ބައިތައް ހުރި ދިމާތަކަށް ފޭބުމަށްފަހު ދުންގަނޑު ސާފުވެގެން ދިޔައިރު އެތަނުގައި ކަމެއް ހިނގާފައިވާ ކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ޚާލިދު ދުވެފައިދިޔައީ ސައިކަލާ ދިމާއަށެވެ. ސައިކަލަށް އެރުމަށްފަހު ފުލް ސްޕީޑުގައި ސައިކަލު ދުއްވާލިއެވެ. މަގުތަކުއި ހެދިފައިވާ ފެންގަނޑުތަކަށް ބެލުމެއްނެތި ފުލް ސްޕީޑުގައި ޚާލިދު ސައިކަލް ދުއްވާފައިދިޔައީ ގެއަށެވެ.

ނާޝިދު އޮތީ ހުމޭދާ ނިދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މިހެން އޮތުމަށްފަހު ހުމޭދާ ނިދުމުން ނިކުތީ ބޭރަށެވެ. އެއަށްފަހު އެހެންރޭތަކަކޭ އެއްގޮތަކަށް މަގުމަތިން ވަކި ހިސާބަކަށް ދިޔުމަށްފަހު ދެކޮޅުހޯދާ ބަލާލިއެވެ. އަދި އެއްވެސް މީހަކު ނެތްކަން ކަށަވަރު ކުރުމަށްފަހު ނާޝިދު ޖިންނީންގެ ޝަހަރަށް އޭނަގެ ބައްޕައާ ބައްދަލު ކުރުމަށް ދިޔުމަށްޓަކައި އަލިފާން ކަނިތަކަށް ބަދަލުވެގެން މައްޗަށް އަރައިގެންދިޔައެވެ.

"ބައްޕާ... ހުމޭ އަށް ތިއަނިޔާ ނުކޮށް، އަހަންނަށް އަނިޔާކޮށް އަހަރެން މަރާލަބަލަ.... ކޮންމެ ރެއަކު ހުމޭއަށް ބައްޕަ ތިކުރާ ބަލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނެއެއް ނޫނޭ...! ތި އަނިޔާތަކުގެ ސަބަބުން އޭނައަށް ހާދަވަރެކޭ އެވަނީ... ކުރިކަމެއް ކޮށްގެން މިއުޅެނީ މަށެއްނު... ހުމޭ އެއްނޫނެއްނު.... އަހެންވީމަ އަހަރެން މަރާލަބަލަ..." ރޮވިފައިވާ އަޑަކުން ނާޝިދު ވާހަކަ ދެއްކިއެވެ.

"ކީއްވެތަ ކަލޭ އިންސާނަކާ ދޭތެރޭ ތިވަރަށް ހަމްދަރުދީ ވެގެން ތިއުޅެނީ....؟ ކަލޭ ތިވަރުން އުޅުނަސް އެމީހުންގެ ހިތުގައި ކަލެއަކަށް އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތޭ... ކަލެއަށް އަދި ނޭނގިގެން ތިއުޅެނީ... ކެލޭ މޮޔަވެގެން ނޫޅެބަލަ...." ރުޅިވެރިކަމާއެކު ނާޝިދުގެ ބައްޕަ ބަރުއަޑަކުން ވާހަކަ ދެއްކިއެވެ.

"އަހަރެންދެކެ އެމީހުން ވަރަށް ލޯބިވެޔޭ....! ތި ބައްޕައަށްވުރެ އެމީހުން އަހަރެންދެކެ މާބޮޑަށް ލޯބިވޭ.... ބައްޕަ ތީކީ އަހަރެން ދެކެ ލޯބިން އުޅޭ މީހެއްނޫން...." އަނެއްފަރާތަށް އެނބުރިލާފައި ނާޝިދު ވާހަކަ ދެއްކިއެވެ.

"ޚަބަރުދާރު...! ތި އަނގަގަނޑު މަތިކޮށްގެން މަޑުންހުރޭ... ކަލެއަށް އަދިވެސް ހާދައެއްޗެއް ނޭނގެއޭ.... ތި އަނގަގަނޑު މައިތިރި ނުކޮށްފިއްޔާ އެ ޢާއިލާގެ ދުވަސްވެސް މަށަށް ދުއްވާލެވިދާނެ...." ނާޝިދު އާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އެޖިންނި ވާހަކަ ދެއްކިއެވެ.

"އެޢާއިލާގެ ދުވަސް ދުއްވާލާއިރު އޭގެ ތެރޭގައި އަހަރެންގެ ދުވަސްވެސް ދުއްވާލަންވާނެ... މިހާރު އަހަންނަކީ އެޢާއިލާގެ މީހެއް... ތިއީ އަހަރެންގެ ޢާއިލާ ކަމަކަށް އަހަރެން މިހާރަކު ޤަބޫލެއް ނުކުރަން...." އިސްދަށަށް ޖަހައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ކަލޭ ފާޑުފާޑުގެ ވާހަކަ ދައްކާއިރު މިހާރު ކަންކަން ހިނގާނުހިނގާގޮތް ކަލެއަށް އެނގޭތަ....؟ މިރޭވެސް ކަލޭގެ ދުވަސް ދުއްވާލަން ކަލޭގެ އަންހެނުންގެ ބައްޕަ ނުކުތްކަން ކަލެއަށް އިނގޭތަ...؟ އެމީހުންނަށް ކަލޭގެ ހުރިހާ ޙަޤީޤަތެއް މިހާރު އެނގިއްޖެއޭ... އެމީހުން މިހާރު ބޭނުންވަނީ ކަލޭ މަރާލަން.... އަހަރެން މިރޭ އެފިޔަވަޅު ނޭޅިނަމަ ކަލޭ މިރޭ މިވަގުތު މިތާކު ނުހުރީސް.... ކަލޭ މިހާރު އޮންނާނީ މަރުވެފައި..!. އެހެންވީމާ ބުނެބަލަ ކާކު ކަލޭދެކެ ލޯބިވަނީ... މަތަ..؟ ނޫނީ އެމީހުންތަ...؟ ކޮންމެ މީހަކުވެސް ލޯބިވާނެ އެމީހެއްގެ ދަރިއެއްދެކެ...! މަ އޭރުވެސް ނުބުންނަންތަ ކަލެއަށް އަބަދަކު އިންސާނުންނަށް އޮޅުވާލައިގެނެއް ނޫޅެވޭނެއޭ...؟. މިއޮތީ މަބުނި ދުވަސް އައިސްފަ....! ނާޝިދު އާ ދިމާއަށް ބަލަންހުރެ އެ ޖިންނި ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ޙަޤީޤަތް އެންމެންނަށްވެސް އިނގިއްޖެތަ....؟ އަހަންނަށް ހަމަ ތަނެއްދޮރެއް އަދިނޭނގެ....؟ އަހަރެންގެ ހުރިހާ ބާރުތަކެއް ބައްޕަ އަތުލާފައިވާތީ، ތިކަމުގަ އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް...! ބައްޕާ... ބައްޕަމެންނަށް ލިބިފަހުންނަ ބާރުތަކުގެ ތެރެއިން ކޮންވެސް ވަރަކަށް އަހަންނަށްވެސް ބާރުކޮޅެއް ދީބަލަ... އަހަރެން ދިފާޢުގައި އަހަރެންވެސް މަސައްކަތް ކުރަން ބޭނުމޭ...." އިސްއުފުލާލުމަށްފަހު އަސަރާއެކު ނާޝިދު ބުންޏެވެ.

"ބަސްޤަބޫލު ނުކުރާ މީހުންނަށް ކޮންމެސް އަދަބެއް ދޭންޖެހޭނެ... އެއީ ކަލެއަށް ދޭންޖެހޭ އަދަބު... ކަލޭ އެއްވެސް ބާރެއް ބޭނުންނަމަ ފުރަތަމަ ކުރަންވީ ކަމަކީ ކަލޭގެ ތި އަމަލުތައް އިޞްލާޙް ކުރަންވީ... އެހެންނޫނީ ކަލެއަށް އެއްވެސް ބާރެއް ނުލިބޭނެ..." ރުޅިއައިސްފައިހުރެ އެ ޖިންނި ވާހަކަ ދެއްކިއެވެ.

"ދެން އެމީހުން އަހަރެން މަރާލާފިއްޔާޔޯ...." އިސްދަށަށް ޖަހައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ތިކަމެއް އެކަކަށްވެސް ނުވާނެ... އަހަރެން ދަރިފުޅު މަރާލަން މަސައްކަތް ކުރަންޏާ، އެއަށްވުރެ ކުރިން އަހަރެން އެމީހުންގެ ދަރި މަރާލާފަ އަހަރެންގެ ކާފަދަރިފުޅު މިތަނަށް ގެންނާނަން... މުޅި އެ ޢާއިލާގެ ދުވަސްވެސް ދުއްވާލާނަން...! ރުޅިވެރިކަމާއެކު ޖިންނި ވާހަކަ ދެއްކިއެވެ.

"ނޫން ބައްޕާ... ހުމޭދާއަށް ކަމެއް ނުކުރައްޗޭ... އަހަރެން ހުމޭދާ ދެކެ ވަރަށް ލޯބިވޭ.... ހުމޭދާވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ... އޭނަ އަހަންނަކަށް ދެރައެއް ނުދޭނެ... ޕްލީސް ބައްޕާ... އެކަހަލަ ކަމެއް ނުކުރައްޗޭ....!" އާދޭސްކުރާ ރާގަކަށް ނާޝިދު ވާހަކަ ދެއްކިއެވެ.

"ބަލަ ކަލޭގެ ހުރިހާ ޙަޤީޤަތެއް އެނގުނީމަވެސް އޭނަ ކަލޭދެކެ ލޯބިވާނެއޭތަ ތިބުނަނީ...؟ އިންސާނު ލޯބިން ޖިންނިއަކާ އިނދެގެން އުޅެފާނެތަ....؟ ދަރިފުޅާ! އަދިވެސް ވަގުތު އެބައޮތް.... އިންސާނުންގެ ދުނިޔެ ދޫކޮށްފަ އަހަރެންގެ ކާފަ ދަރިފުޅު ގޮވައިގެން އާދޭ...." މަޑުމައިތިރިކަމާއެކު ޖިންނި ވާހަކަ ދެއްކިއެވެ.

"ބައްޕާ.. އެމީހުންނަށް އަހަރެންގެ ހުރިހާ ޙަޤީޤަތެއް އިނގޭއިރު ކީއްވެ އެއްވެސް މީހަކު އެކަމާބެހޭ ގޮތުން އަހަންނާ ސުވާލު ނުކުރަނީ... " ނާޝިދު އަސަރާއެކު ވާހަކަ ދެއްކިއެވެ.

"އެމީހުން ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ... މި ބުނީނު އެމީހުން ކަލޭ މަރާލަން މިރޭވެސް މީހަކު ގޮވައިގެން ތިގެއަށް އަންނަނިކޮށް މަށޭ އެކަން ހުއްޓުވީ... ކަލޭގެ އަންހެނުންގެ ބައްޕައަށް އެނގުނީ....! ކަލޭ މިތަނަށް އަންނަން ވެގެން ސިފަ ބަދަލު ކުރިއިރު ކަލޭގެ އަންހެނުންގެ ބައްޕަ ހުރީ ބަލަން... މިހާރު ނޭނގެ ކަލޭގެ އަންހެނުންނަށްވެސް އެކަން ނޭނގޭ ކަމެއް... އަހަރެން ފަހު ފަހަރު މިބުނަނީ ކަލޭގެ ދަރިފުޅު ގޮވައިގެން މިތަނަށް އާދޭ... މަ މިހާރު މިދަނީ...." ޖިންނި އަނެއް ފަރާތަށް އެނބުރެލުން ބުންޏެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ޚާލިދު ސައިބޮއިގެން އައިސް ސިޓިންރޫމުގައި އިށީންތަނާ ބާރުބާރަށް ހިނގައިފައި އައިސް ގޭތެރެއަށްވަނީ ނާޞިރެވެ.

"އައްދެ.... ހާދަ ހާސްވެފައި ތިއިނީ... އަނެއްކާ ކިހިނެތްވީ....؟" ޚާލިދު ފެނުމުން ނާޞިރު އަހާލިއެވެ.

"އާނ... ނާޞިރު މާ ހާސްވެފައި ކޮންތާކުން ތިޔައީ...." ނާޞިރު ފެނުމުން ޚާލިދުވެސް ކޮށްލީ ސުވާލެކެވެ.

"އާނ... އަހަންމާބޭ ގެއްލިގެން އެބައުޅޭ... ނުދެހުރިންތަ....؟ ރޭގައި ބޭރަށް ނުކުތްގޮތަށް ގެއަށް ނައިސްގެން ކައުންސިލުން އޭނަ ހޯދަން އެބައުޅޭ... އަދިވެސް ނުފެނިގެން އެ އޮޅެނީ...." ނާޞިރު އައިސް ޚާލިދުގާތުގައި އިށީންނަމުން ބުނެލިއެވެ.

"ނޫނޭ، އިނގޭތިކަން.... އެކަމަކު ކިތަންމެ ވަރަކަށް ހޯދިއަސް އޭނައެއް ނުފެންނާނެ... އޭނަ ރޭގައި މަރުވެގެން ދިޔައީ އަހަރެންގެ ކުރިމަތީގައޭ..." ހާސްވެފައި އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.

އެވަގުތަކީ ކޮޓަރި ތެރެއިން ޙަސީނާ ނިކުމެގެން ސިޓިން ރޫމަށް ނުކުތް ވަގުތެވެ. ޙަސީނާ ނުކުތްއިރު ނާޞިރުއާ ޚާލިދު މާބޮޑު ވާހަކައެއްގައި ތިބުމުން އެމީހުންނަށް ނުފެންނަ ގޮތަށް، އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި ހަސީނާ މަޑުކޮށްލީ އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ.

"ކީކޭ ޚާލިދު ތިކިޔައީ...؟ އޭނަ މަރުވީއޭ...؟ ޚާލިދު ކުރިމަތީގައޭ....؟" ޙައިރާންވެފައި އިނދެ ނާޞިރު ސުވާލު ކުރިއެވެ.

"އާނ... ފަންޑިހަދަންވެގެން ރޭގަ ދަންނަވަރު އެގެއަށް ދާން ބުނެގެން އަހަރެން ދިޔައީ... ގޮއްސަ އޭނަގޮވައިގެން މިގެއަށް އަންނަނިކޮށް ނޭނގެ ވީއެއް ނުވީއެއް، ކުއްލިއަކަށް އޭނަ މައްޗަށް އެރުމަށްފަހު މުޅި މީހާ ފުނޑުފުނޑު ވެގެން ބިމަށް ފޭބީ.... މިއީ ވީގޮތަކީ... މިވާހަކަ ކިހިނެތް އަހަރެން އެއްވެސް ބަޔަކަށް ކިޔައިދޭނީ..." ބިރުން ތުރުތުރުއަޅައަޅާ އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 07 މާރިޗް 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް