" އަހަރެންގެ އުމުރުގެ އެންމެންވެސް އުޅެނީ ކުއްޖަކާ ހިތާވެގެންނެވެ. ނޫނީ މީހަކާ އިނގެންނެވެ. ބައެއް ކުދިންނަށް މިހާރު ދަރިންވެސް ވަނީ ލިބިފައެވެ. އެންމެފަހުން ބަލަބަލާ ހުއްޓާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް އެމީހަކާއިނީއެވެ. އެކަމަކު އަހަރެން މިހުރީ ހުހަށެވެ. އެންމެ ލަދުގަތީ ޢާއިލާގައި އެންމެ ހަޤަށް ހުރި ކޮއްކޮ ކައިވެނިކުރި ދުވަހުއެވެ. އެދުވަހު އެ ހަފްލާއަށް އައި އެންމެންވެސް ތިބީ އަހަރެންނަށް މަލާމާތާއި ފުރައްސާރަކުރުމަށް މާކުރިއްސުރެވެސް ތައްޔާރުވެގެންހެން ހީވެއެވެ. ގަތް ލަދުންނާއި ވީދެރައިން އަހަރެން ނިންމީ ދެން އެންމެ އަވަހަކަށް ހިތާވާން އަހާމީހަކާ ހިތާވާށެވެ. ނޫނީ އިންނާށެވެ. އޭރުން އޮފީހުން ނޫނީ ދިމާވާއިރަށް މީހަކާ އިންނާކަށް ނުވޭހެއްޔެކޭ ނުކިޔާނެ ނޫންހެއްޔެވެ؟"
މިއީ ރަނގަޅުވިސްނުމެއްބާއެވެ؟ އެހެން ބަޔެއްގެ ފިއްތުންތަކާހެދި ތިމާ ބޭނުންނުވާ މީހަކާ ލޯބީގެ ގުޅުމެއް ނުވަތަ ކައިވެނީގެ ގުޅުމެއް އުފެއްދުމަކީ އެއްގޮތަކަށްވެސް ކުރުން ބުއްދިވެރިކަމެއް ނޫނެވެ. ހުއްސަރިބައިކޮށް ހުންނަނަމަ އުމުރުން ދުވަސްވާވަރަކަށް ފެނިދެނިވާ އެންމެންގެވެސް ސުވާލަކަށް ވާނީ ނުވަތަ މަޢުޞޫއަކަށް ވާނީ ތިބާ ކައިވެންޏެއް ނުކޮށްހުރިކަމެވެ. އަބަދާ އަބަދު ހަނދާންކޮށްދޭން މަސައްކަތްކުރާނީ ކައިވެނި ނުކޮށް ގިނަދުވަހު ހުންނަން ނުވާނޭކަމެވެ. ވަކި އުމުރެއްކުރިން ފުރަތަމަ ދަރިފުޅު ހޯދަން ޖެހޭނޭ ކަމެވެ. ހިތުގައި ޖެހޭ ފަހަރުވެސް ދާނެއެވެ. ރުޅި އަންނަ ފަހަރުވެސްދާނެއެވެ. އެފަދަމީހުންނަށް ވަކި ޖަވާބެއް ދޭން ބޭނުން ނުވާ ވަގުތުތައްވެސް ދާނެއެވެ. ފަހުން ބޭނުންވާނީ އެފަދަ ވާހަކަތައް ދައްކާ މީހުން ފެންނަ ހިސާބަށްވެސް ނުދާށެވެ. އެއީ އެފަދަ ސުވާލުތަކުގެ ސަބަބުން ބޮލަށް ބަރުވާތީއެވެ.
މިފަދަ ގޮތްގޮތަށް ކަންތައްތައް މާގިނަ ދުވަހު ދިމާވާން ފެށުމުން ވީހާވެސް އަވަހަށް މީހަކާ ހިތާވެ ނުވަތަ ނުދަންނަ މީހަކާއި ވިޔަސްވެސް ވީހާވެސް އަވަހަކަށް ކައިވެނިކުރުމަށް ބޭނުންވެއެވެ. ނަތީޖާއަކަށްވަނީ އެކަކު އަނެކަކަށް ދަސްނުވާ، ނުވަތަ އެމީހެއްގެ ގޮތް ނުވެސް އިނގޭ މީހަކާއި އަވަސްއަރުވާލާފައި ކައިވެނިކުރުމެވެ. މިކައިވެންޏަށް ވަނީ ކިހިނެއްބާއެވެ؟ މަދުފަހަރެއްގައި މިފަދަ ކައިވެނިތައް އުޖާލާވިޔަސްވެސް ގިނަފަހަރު ކައިވެނި ދެމިއޮންނަނީ މަދު ދުވަސްކޮޅަކަށެވެ. ކައިވެންޏަށް ދުވަސްވާ ވަރަކަށް ތިމާއަށް އަސްލު މިއިނދެވުނީ ކިހާ އުޅުމެއް ނެތް، ނުވަތަ ކިހާ ރުޅިގަދަ، ނުވަތަ ތިމާއަށް އެމީހަކާއެއްކޮށް ނޫޅެވޭނޭފަދަ ސިފައެއް ނުވަތަ ސިފަތަކެއް ހުރި މީހެއްކަން ދެނެގަނެވެއެވެ. އޭރުން ކުރިން އަވަސްއަރުވާލައިފައި ކައިވެނި ކުރެވުނު މޮޔަ ހިތަށް އަރައި ދެރަވެއެވެ. ނަމަވެސް ކައިވެނި ރޫޅާލަން ބޭނުންނުވާތީ އޭނާއާ ނުރުހުންވެފައިވެސް ހުރެއެވެ. އަނެއްބައިފަހަރު ޤައުމުގެ ވަރީގެ ރެކޯޑަށް އިތުރު ކުރިއެރުމެއް ލިބެއެވެ.
ދެން ދިމާވާ އަނެއްކަމަކީ ބައެއް ފަހަރު މައިންބަފައިންގެ ހޮވުމަށް އިންކާރުކުރަން ނުކެރެނީއެވެ. ތިމާ އިންނަން ތިމާގެ މައިންބަފައިން ހޯދި މީހަކީ ތިމާ ކިތަންމެ ފޫހިވާފަދަ ސިފަތަކެއް ހުރި މީހެއްކަމަށްވިޔަސް މައިންބަފައިން ކުރިމަތިގައި އިންކާރުކުރަން ނުކެރުމުން ކައިވެންޏަށް އެއްބަސް ވަނީއެވެ. ނަމަވެސް ވިސްނާލަންވީ މިފަށަނީ ތިމާގެ އަމިއްލަ ދިރިއުޅުންކަމެވެ. މައިންބަފައިންގެ ދިރިއުޅުމެއްނޫނެވެ. ބައްޕައަކު ނުވަތަ މަންމައަކު މިހޯދެނީ ތިމާގެ ދަރިންނަށް ކަމެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލަންވީ އެމީހަކާއެކީގައި ދިރިއުޅެވޭނޭތޯއެވެ. އެމީހަކީ ތިމަގެ ދަރިން ތަރުބިއްޔަތުކުރަން ހެޔޮ މީހެއްތޯއެވެ. ތިމާއަށް އެމީހަކު ކަމުނުދާނަމަ ކައިވެންޏަށް އިންކާރުކުރުމަކީ ދީނީ ގޮތުންބަލާއިރުވެސް މައްސަލައެއްނޫނެވެ. އެއީ މައިންބަފައިންގެ ބަސްނޭހުންކަމުގައި ނުވާނެއެވެ. ވީމާ ތިމާ ހިތްހަމަޖެހޭފަދަ ރަނގަޅު މީހަކާއެކީ ނޫނީ މިފަދަ މާތް ގުޅުމެއް ނުފަށާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް