މާލޭގައި ހުރި މިސްކިތްތަކާއި، ގަބުރުސްތާނު ތަކާއި އަދި މޯޗަރީ ތައް މާލޭ ސީޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލުކޮށްފިއެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން މާލޭގައި ހުރި ހުރިހާ މިސްކިތްތަކާއި، ގަބުރުސްތާނު ތަކާއި އަދި މޯޗަރީތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާއިރު، ކުރިން މި ތަންތަނުގެ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓްރީއެވެ.
ދިވެހި ރާއްޖޭގެ ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގައި ވާގޮތުގައި، މިސްކިތްތަކާއި، ގަބުރުސްތާންތަކާއި އަދި މޯޗަރީ ތަކަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ކުރީގެ ސަރުކާރުގައި މިތަންތަން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކަމުގައި ވިޔަސް، މިއަދު މާލޭ ސިޓީ ކައުންސިލާއި އަދި އިސްލާމިކް މިނިސްޓްރީއާއި ދެމެދު ވެފެއިވާ އެއްބަސްވުމެއްގައި ވާގޮތުގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ މިސްކިތްތަކާއި، ގަބުރުސްތާންތަކާއި، އަދި މޯޗަރީ ތަކަކީ މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.
މި އެއްބަސްވުމުގައި ސޮއެ ކުރުމަށްފަހު ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، ވަރަށް ހާއްސަ ކަމެއް ދީގެން މިސްކިތްތަކާއި، ގަބުރުސްތާންތައް އަދި މޯޗަރީ ތަކުގެ ސާފުުތާހިރު ކަމަށް އިސްކަމެއް ދޭނެކަމަށެވެ. އަދި މިކަން ކަން ބެލެހެއްޓުމަށް ކައުންސިލްގެ ތެރޭން ހާއްސަ ކޮމެޓީއެއް އުފައްދަވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިސްކިތްތައް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރެެއްވިނަމަވެސް، އިމާމުން އަދިވެސް ތިއްބަވާނީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ކަމަށެވެ. އަދި މިސްކިތްތަކުގައޮ ކުލާސް ތައް ހިންގުމަށް ނުވަތަ ދަރުސް ދިނުމަށްވެސް ހުއްދަ ނަގަން ޖެހޭނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް