ޤަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަނެ އެމީހުންގެ ނަން ހާމަކުރަން ނިންމާފައިވާކަމުގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބުންޏެވެ. މީގެ ކުރިންވެސް މިފަދަ ބައެއް ކަންކަން ކުރާނެކަން ދައުލަތުގެ މުއައްސަސާތަކުން ބުނަމުންދެއެވެ. އެހެންނަމަވެސް އެފަދަ ކަންކަން އޮންނަނީ ހަމައެކަނި ބުނެލާ މޮޅު ބަސްތަކަކަށް ވެފައެވެ.
އެހެންނަމަވެސް އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އެޖެންސީން މިވަނީ މިކަން ހަމަ ހަގީގަތުގައިވެސް ކުރަން ފަށާފައެވެ.
އެގޮތުން އެންމެ ފުރަތަމަ މައުލޫމާތެއް ހާމަކުރީ މި މަހުގެ ދެވަނަ ދުވަހުގައެވެ. އެދުވަހު އީޕީއޭގެ ރަސްމީ ޓްވިޓަރ ހޭންޑަލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ކުނި އަޅާފައިވާތީ ހެންވޭރު ހަނދުވަރުދޭގޭގެ ތިންވަނަ ފަންގިފިލާގައި އުޅޭ މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. ނަމަވެސް އެފަހަރު އެމީހަކީ ކާކުކަން ސީދާ ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިއްޔެ އީޕީއޭއިން ވަނީ މާލޭގެ ހަތަރު ތަނަކަށް ކުނި އެޅި ހަތަރު މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ. އެމީހަކު ކުނި އެޅީ ކޮންތާކަށް ކަމާއި އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ ސީދާ ކާކުކަން ހާމަކުރުމުގެ އިތުރުން ކުނި އަޅާފައިވާ މަންޒަރުވެސް ހާމަކޮށްފައިވެއެވެ.
އީޕީއޭއިން މިކަން ކުރަނީ ދިވެހި ފުލުހުންގެ އެހީތެރިކަމާއި އެކުގައެވެ. ބެލެވޭ ގޮތުގައި މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަންނަނީ މާލޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ އެހީގައެވެ.
ނަމަވެސް އިސްލާހަށް އީޕީއޭއިން ނެގި މި އިސްނެގުން ބައެއް ދިވެހިންނަކަށް ކަމަކު ނުދިޔައެވެ. ސޯޝަލް މީޑިއާގައި ބުނެ އަޑު އިއްވަމުންދަނީ ކުރުން މިއަށްވުރެ މާ އައުލާކަން ބޮޑު ކަންކަން އެބަ ހުރި ކަމަށެވެ. ދުންފަތުގެ ގާނޫނަށް އަމަލުކުރަން ފަށައި، އާންމު ތަންތާނގައި ސިނގިރޭޓު ބޯ މީހުން ދެނެގެތުން މާ ރަނގަޅުވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ކެމްޕޭނު ކުރައްވާ ބޭފުޅަކުވެސް މީޑީއާތަކުގެ ސުރުހީން ޖާގަ ހޯއްދަވަމުން ވިދާޅުވެފައިވަނީ ހަދަމުންދާ ރިސޯޓުތަކުން ތިލަފުއްޓަށް އުކާލަން ފޮނުވާ ކުނިބުނި ލޮލަށް ނުފެންނަ ހިސާބަށް ނުކުމެ އޮއްސާލަނީ ކަނޑަށް ކަމަށެވެ. އަތޮޅުތަކުގެ އެތެރެވަރި އޮތީ ކުނިކޮއްޓަކަށްވެފައި ކަމަށެވެ. ކަނޑުފަޅަށް ކުނިއަޅާ ދޯނިތަކާ ރިސޯޓުތަކު ގެ ނަންވެސް ހާމަކުރަން ޖެހޭ ކަމަށެވެ.
ތެދެކެވެ. ފެށުން މާ ރަނގަޅުވާނެ މާ ގިނަ ކަންތައްތައް އެބަހުއްޓެވެ. މަގުމަތީގައި "ބޮއެގެން" ހޭލަމޭލަވެ އުޅޭ އެންމެން ހިފާ ހައްޔަރު ކުރަންވީއެވެ. ދުންތަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ޖޫރިމަނާ ކުރަންވެސް ހަމަ ފަށަންވީއެވެ. މަގުތަކުގެ ނުބައި ފަޅިން ޓޭކް އޯވަރ ކުރާ މީހުންވެސް ހަމަ ހިފާ ހައްޔަރު ކޮށް އެކަންކަންވެސް ހައްލު ކުރަން ހަމަ މަސައްކަތް ކުރަންވީއެވެ.
އީޕީއޭއިން ފަށާފައިވާ "ނޭމް އެންޑް ޝޭމް" (ނަން ހާމަކޮށް ލަދުގަންނަވާލުމުގެ) ތިއަރީއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ، ނަތީޖާ ފެންނަ ތިއަރީއެކެވެ. ޖަޕާނާއި ޗައިނާގައި، ޓެކްސް ނުދައްކާ މީހުންގެ ވަނަވަރު އެމީހުންގެ ފޮޓޯއާއެކު ބޮޑެތި ބިލްބޯޑުތަކަށްވެސް އަރުވައެވެ. ސިންގަޕޫރުގައިވެސް އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށް މި ތިއަރީ ބޭނުންކުރެއެވެ.
ދިވެހި މި މުޖްތަމައުގައި ކަންކަން ރަނގަޅުވާނީ ކޮންމެވެސް ބަޔަކު އިސްނަގައިގެން ނޫންތޯ އެވެ.؟ އީޕީއޭއިން މި ފެށި މަސައްކަތަށް ހަޖޫޖަހާ ފާޑުކިޔުމުގެ ބަދަލުގައި އީޕީއޭއަށް ހިތްވަރު ދިނުން މާ ރަނގަޅުވާނެ ނޫންތޯއެވެ.؟ އޭރަށް މިއަދު އިސްލާހަށް އީޕީއޭ ނިކުތުމުން މާދަމާ މިކަމުން ހިތްވަރު ލިބި ދެން ހުރި ވުޒާރާތައްވެސް ނިކުތުމަށް ހިތްވަރަކަށް ވާނެ އެވެ. މިއީ ދޮގެއްތޯއެވެ.؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް