ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާ ކުރިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ޕޮލިހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
މި ޗިޓްގެ ފޮޓޯއެއް އެމްޕީ މަހްލޫފު ޓްވީޓް ކުރައްވާފައިވާއިރު ޗިޓްގައި ބުނެފައިވަނީ ހާޒިރުވުމަށް އެންގޭ ހައިސިއްޔަތަކީ ކުށުގެ ތުހުމަތު ކަމަށެވެ. މައްސަލައިގެ ހުލާސާގެ ގޮތުގައި ބުނެފައިވަނީ 01 ޑިސެމްބަރު 2017 ވަނަ ދުވަހުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި، ކ.މާލެ/ގ.ހާފްސީ މުހައްމަދު ހައްސާން އިސްވެހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.
ކުރެވޭ ތުހުމަތުގެ ހުލާސާ ނުވަތަ ކުރަމުންދާ ތަހުގީގުގެ ހުލާސާގެ ގޮތުގައި ބުނެފައިވަނީ ހާޒިރު ކުރެވެނީ އެ މައްސަލައިގާ ސުވާލުކަށް ބަޔަން ނެގުމަށް ކަމަށެވެ.
ހާޒިރުވާން އަންގާފައިވަނީ މާދަމާގެ މެންދުރުފަހު 03:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށެވެ.
މި ޗިޓްގެ ފޮޓޯ ޓްވީޓް ކުރައްވަމުން އެމްޕީ މަހްލޫފް ވިދާޅުވެފައިވަނީ އޭނާ ފަހަތުން ޕޮލިހުން ދުވެދުވެ ވަރުބަލިވެގެން އެންމެ ފަހުން ބައްޕައަށްވެސް ޗިޓް ފޮނުވީ ކަމަށެވެ. ދުއާ ކުރާނެ ތަނަކާއި، ކުރާނެ ދުއާ އެނގޭނީ ޔާމީން އަށް ނޫންކަމުގައިވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
މަހްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ "ތިހެން ދައްކާ ބިރަކަށް އަޅުގަނޑުގެ ބައްޕަ ފަހަތަށް އެންމެ އިންޗިއެއްވެސް ޖެހިނުލާނެ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް