ތޫފާން އޯޗީގައި ލަންކާ އަދި އިންޑިއާއިން މަސްވެރިކަމުގެ އުޅަނދުތަކެއް ގެއްލިފައިވާއިރު ހާލުގައި ޖެހިފައިވާ އުޅަނދެއް ރާއްޖެ ސަރަހައްދުން ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.
ހާލުގައި ޖެހިފައިވާ ލަންކާގެ 30 މަސްބޯޓާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ އުތުރު ސަރަހައްދު ބެލުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ އުޅަނދެއްގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"އަދި މިހާތަނަށް ހާލުގައި ޖެހިފައިވާ ބޭރު މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިފައިވާކަމުގެ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިނުވޭ. އަދި ގެއްލިގެން ހޯދަމުންދާ ބައެއް މަސްބޯޓުތައް އިންޑިއާ އަދި ލަންކާއަށް ވަދެފައިވާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ވަނީ ލިބިފައި" އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެދިލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް