މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގަންނަވައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ނޮދަން އޭރިއާއަށް ކުރެއްވި މި ދަތުރުފުޅަކީ އެމްއެންޑީއެފް އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
ޑިފެންސް މިނިސްޓަރގެ މިދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މަޑިވަރަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި އެ އޭރިއާގެ ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައި ވާކަމަށާއި މީގެ އިތުރުން ނޮދަން އޭރިއާގައި މަސައްކަތް ކުރައްވާ ސިފައިންނާއި އަދި އެ އޭރިއާގައި މަސައްކަތް ކުރައްވާ އާންމު މުވައްޒަފުންނާއިވެސް ޑިފެންސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
"އަދި ނޮދަން އޭރިއާގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ އޭރިއާގެ ސިފައިންނާ މުޚާޠަބުކުރައްވާ ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައި، މިހަފުލާގައި ޑިފެންސް މިނިސްޓަރ ވަނީ ނޮދަން އޭރިއާ ކޮމާންޑަރުގެ ވާދައިގެ ބުރުޒު، ވޭތުވެދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި ޕޯސްޓްކަމުގައިވާ ހަނިމާދޫ ޕޯސްޓަށް ހަވާލުކޮށްދެއްވާފައި، އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޑިފެންސް މިނިސްޓަރ ކުރެއްވި މިދަތުރުފުޅުގައި އެ ހެޑްކްއޯޓަރޒް ބައްލަވާލެއްވުމުގެ އިތުރުން ޅ.މާފިލާފުށީ ޓްރޭނިންގ ސެންޓަރުވެސް ވަނީ ބައްލަވާލައްވާފައި، އަދި އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާފޮތުގައި ޑިފެންސް މިނިސްޓަރ ވަނީ ސޮއިކުރައްވާފައި" އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ދެ ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ނޮދަން އޭރިއާއަށް ކުރެއްވި މިދަތުރުފުޅުގައި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް