އެހެން ޤައުމުތަކުން ކުރަން ބުނެ ނުކުރެވޭ ގިނަ ކަންކަން ރާއްޖެއިން ކޮށްފިކަމަށް، ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވިދާޅުވެއްޖެ

ސިއްޙީ ދާއިރާއިން އެހެން ޤައުމުތަކުން ކުރަން ބުނެ ނުކުރެވޭ ގިނަ ކަންކަން ރާއްޖެއިން ޙާޞިލް ކޮއްފިކަމަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ފޯ ސައުތް-އީސްޓް އޭޝިޔާ...

06 Dec 2015 | 09:37

ސިއްޙީ ދާއިރާއިން އެހެން ޤައުމުތަކުން ކުރަން ބުނެ ނުކުރެވޭ ގިނަ ކަންކަން ރާއްޖެއިން ޙާޞިލް ކޮއްފިކަމަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ފޯ ސައުތް-އީސްޓް އޭޝިޔާ، ޑޮކްޓަރ ޕޫނަމް ކެތްރެޕާލް ސިންހް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެކަމަނާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، ދިވެހިރާއްޖެ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ މެމްބަރު ޤައުމެއްގެ ގޮތުގައި 50 އަހަރު ފުރުން ފާހަގަކުރުމައްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު، ދަރުބާރުގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރާ ހިއްޞާ ކުރެއްވި ކަމަށާއި މިގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތްތައް ހޯދޭނެ ނިޒާމެއް ޤާއިމްކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރީޖަނަލް ޑިރެކްޓަރާއި ރައީސުލްޖުމްހޫރިއްޔާ ޚިޔާލު ބަދަލުކޮށްލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއާ ގުޅިގެން ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާއި ބެހެގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ސިއްޙީ ދާއިރާގައި މިހާރު ހުރި ވަޞީލަތްތަކާއި، ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ސިންހްގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން، ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަކީ ދުނިޔޭގެ ނިސްބަތުން، ފާހަގަ ކޮށްލެވޭފަދަ ތަޢުރީފް ޙައްޤު ކާމިޔާބީތަކެއްކަމުގައި ސިފަކުރެއްވި ކަމަށާއި އަދި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ކަންކަން އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން، އެޖަމްޢިއްޔާއިން އަބަދުވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލާ އިރުތިޝާމް އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް