ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާއާއި ތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ އާއި ތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއ...

06 Dec 2015 | 06:03

ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ އާއި ތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 05:50 ހާއިރު މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހޭންވޭރު ގެއަކަށް ވައްކަން ކުރަން ބަޔަކު ވަދެއުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން އެގެއަށް ދިޔައިރު އެ ދެމީހުން އެގެއިން ނުކުންނަނިކޮށް ކަމަށެވެ.

"މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެގެއިން ވަގަށް ނަގާފައިވާ 2000 ވުރެ ގިނަ ޔޫއެސް ޑޮލަރާއި 3000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި ލެޕްޓޮޕަކާއި އޭގެ ޗާޖަރާއި ފޯނުތަކަކާއި ޕަވަރ ބޭންކެއް ފެނިފައިވޭ، މީގެއިތުރުން މިމީހުންގެ އަތުންވަނީ އެގެއިން ވަގަށް ނަގާފައިވާ ސޮސެޖްތަކާއި ޗޮކްލެޓްތަކަކާއި ބަގަރއަކާއި އެއަރ ފްރެޝަނަރ ފުޅިއެއްގެ އިތުރުން ބައެއް ލިޔެކިޔުންތައް ފެނިފައި، ހެންވޭރު ގެއިން ވަގަށް ނަގާފައިވާ ތަކެތި މިހާރުވަނީ އޭގެ ވެރިފަރާތާއި ހަވާލުކުރެވިފައި" ފުލުހުން ހާމަކުރެ އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ ފުލުހުން ބަލަމުންދާ ވައްކަމުގެ މައްސަލައެއްގައި ހޯދަމުންދާ މީހެއް ކަމަށާއި އަދި މިމީހާއަކީ ކުޑަކުއްޖަކާ ބަދުއަހުލާޤީ ހިންގުމުގެ މައްސަލަތަކެއްގެ އިތުރުން ޓެރަރިޒަމްއާއި ފޭރުމާއި މާރާމާރީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން 28 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހަކަށްވާއިރު އޭނާއަކީ ރިހިބިލިޓޭޝަން އަމުރުގެ ދަށުން މުޖުތަމަޢުއަށް ދޫކޮށްލާފައިވާ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް