ޑރ. ޖަމީލްގެ ހިތުގެ ޝުއޫރުތަކާއި ސުވާލުތައް !

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނުގެ ހިތުގައި ވާ ޝުއޫރު ތަކާއި ސުވާލުތައް ޝޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފި އެވެ. އެގޮތުން އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށ...

06 Dec 2015 | 05:44

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނުގެ ހިތުގައި ވާ ޝުއޫރު ތަކާއި ސުވާލުތައް ޝޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފި އެވެ.

އެގޮތުން އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައި ވާ ޕޯސްޓެއްގައި އެތައް ސުވާލެއް ކުރައްވާފައި ވެ އެވެ.

ފައްޓަވާފައިވަނީ ދިވެހި ގައުމުގައި ތިމާގެ އަމިއްލަ އެދުމާއި، ޖާހަތާއި، އިއްޒަތު އެއްކިބާކޮށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްޓަކައި ވެރިކަން ކުރާނެ ފަރާތެއް ނުވަތަ ނިޒާމެއް ގާއިމް ކުރެވޭނެ ދުވަހެއް އަންނާނެ ކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ. އަދި އަހުދު ކުރެވިދާނެ ކަމަށާއި ވާހަކަތައް ދެކެވިދާނެ ކަމަށާއި ޕްރޮޕަގެންޑާ ފެތުރި ދާނެ ކަމަށާއި އަދި ފޮޓޯ ތަކާއި ލިޔުންތައް ތަފާތު މީޑިއާތަކުގައި ޝާއިއު ކުރެވިދާނެ ކަމަށް އަދި އެކަމަކު ހަގީގަތް ފޮރުވިދާނެ ކަމާއިމެދު ސުވާލު އުފައްދަވާފައި ވެ އެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މާލެއިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ އެތަކެއް ރައްޔިތުން އަމިއްލަ މަސައްކަތްކޮށް، ވަޒީފާ އަދާކޮށް މުސްކުޅިވާއިރުވެސް އަމިއްލަ ބޯހިޔާވަހިކަން ގާއިމް ކުރަން ވަނީ ނުކުޅެދިފައި ކަމަށާއި އެތަކެއް ރައްޔިތުން މިއަދުވެސް ވަނީ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމަކަށް ބޭނުންވެފައި ވާކަމަށެވެ. އަދި ރާއްޖޭގެ އެތަކެއް ކުދިންނަށް ބޮޑެތި ހޭދަކޮށް މައިންބަފައިން ކިޔަވާ ދިނުމުންވެސް ވަޒީފާ ލިބެނީ ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވެފައި ވެ އެވެ.

އާންމު ހާލަތު ރަނގަޅު ކުރުމަށް އަތޮޅު ތެރޭ ރައްޔިތުންވެސް ޓެކްސް އަދާކުރަނީ އެންމެ ން އެއްވަރަކަށް ކަމަށް ވިދާޅުވެ އެހެނަސް މިއަދު އެ ފައިސާ ހޭދަކުރަނީ ހަގީގަތުގައިވެސް ރައްޔިތުންނަށް ކަމާމެދުގައްޔާއި، ނުވަތަ ރައްޔިތުންނަށް ލިބެނީ ބައިކުޅަބައިގެ ކުޑަ މިންވަރެއް ކަމާމެދުގައި ސުވާލު އުފައްދަވާފައި ވެ އެވެ.

"މިއަދު ރައްޔިތުން ނިކަމެތި ހާލުގައި އުޅޭއިރު، އިތުރަށް ޓެކްސް އަދާކޮށް، ހަރަދު ބޮޑުވެ، ވަޒީފާ ނުލިބި ހާލުގައި ޖެހިފައި ވާއިރުވެސް ވެރިކަން ހިންގުމަށް އެކަނިވެސް މުލިއާގެ، އާރަށް، ފުނަދޫ، ހިލާލީގެ، މުރައިދޫގެ އަދި މީގެ އިތުރުން ރައީސްގެ އަމިއްލަ ގެކޮޅުގެ ހަރަދުވެސް ބަލަހައްޓަން ޖެހުމަކީ އިންސާފުވެރި ގޮތްތޯ ސުވާލު އުފެދޭ" ޑރ ޖަމީލް ވިދާޅުވެފައި ވެ އެވެ.

ޑރ ޖަމީލްގެ ޕޯސްޓްގައި ރައްޔިތުންގެ އަތުން ނަގާ ފައިސާ އިތުރުވެ، ދިރިއުޅުމުގެ ހަރަދު ބޮޑުވެ، ވަޒީފާ ނުލިބި އުޅެން ޖެހިފއި ވާއިރު، ރާއްޖޭގެ ގިނަ ރައްތަކެއް ވިއްކާ، ބޮޑެތި ކުންފުނިތަކަށް ލިބުނު އާމްދަނީ ވަނީ ގެއްލިފައި ކަމަށާއި އެ ފައިސާތަކަށް ވީ ގޮތުގެ ބޮޑު ހަގީގަތް ހޯދޭނެތޯ ސުވާލު އުފައްދާފައި ވެ އެވެ. އަދި އެ އަށްފަހު ރައްޔިތުންގެ ތެރެއިން ވަކި ގްރޫޕަކަށް ފައިސާގެ ވަގުތީ އިނާޔަތްތައް ލިބުމަކީ މި ހިތްދަތި ކަމަށް އޮތް ހައްލުތޯ ސުވާލު އުފައްދަވާފައި ވެ އެވެ.

މީގެ އިތުރުން ރައްޔިތުން އަތުން ދައުލަތް ހިންގުމަށާއި، ވެރިކަން ކުރާ ފަރާތުގެ ވެލްފެއާ ބެލެހެއްޓުމަށް ދާ ހަރަދުގެ ހަގީގީ މިންވަރު ތެދުވެރިކޮށް ދެނެގަނެވޭނެ ނިޒާމެއްވެސް މިއަދު ނެތް އިރު ރައްޔިތުންގެ އަޑު އުފުލާނެ މިނިވަން ފަރާތްތައްވެސް މިއަދު ވަނީ ނެތި ގޮސްފައި ކަމަށާއި ހިތާމައިގެ ކޮޅެއްވެސް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް