ގިރިފުށީގައި މިހާރު ކުރިއަށްދާ ކެޑޭޓް ކޭމްޕްގެ ބައިވެރިންނާއި އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި

ސަތާރަ ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ގެ ބައިވެރިންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައިފި އެވެ ސްކޫލްތަކުގެ ކެޑޭޓް ދަރިވަރުންނަށް އަމާޒުކޮށްގެން ގިރިފުށީ ގައި ކުރިއަށްދ...

06 Dec 2015 | 04:39

ސަތާރަ ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ގެ ބައިވެރިންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައިފި އެވެ

ސްކޫލްތަކުގެ ކެޑޭޓް ދަރިވަރުންނަށް އަމާޒުކޮށްގެން ގިރިފުށީ ގައި ކުރިއަށްދާ މި ކޭމްޕަށް މިނިސްޓަރ ޒިޔާރަތްކުރެވީ އިއްޔެގެ ވަގުތެއްގަ އެވެ.

ކޭމްޕްގެ ބައިވެރިންނާއި މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ކޭމްޕްތަކުން ތަމްރީނުވެގެން ދަރިވަރުން މުޖުތަމައުއަށް ނިކުންނާނީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުން ހުރި، ގައުމަށް ހިދުމަތްކުރުމުގެ ވިސްނުން ހުރި ނަމޫނާ ބައެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު ތިޔަ ކުރެވޭ މަސައްކަތުން ގައުމަށް ހިދުމަތްކުރުމުގެ ރަނގަޅު ވިސްނުން ތިޔަ ހުރިހާ ދަރިވަރުންނަށް ލިބި، ﷲ ގެ ވާގިފުޅާއި އެކު އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގު އުޖާލާ ވެގެން ދާނެ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެކަމަނާގެ އުއްމީދަކީ މި ކޭމްޕުން ދަރިވަރުންނަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެން ދިޔުން ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީގައި ކުރިއަށްދާ މި ކޭމްޕްގައި 33 ސްކޫލަކުން 139 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އެއީ 111 ފިރިހެން ކެޑޭޓުންނާއި 28 އަންހެން ކެޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޑް އަށެއް އަދި ނުވައެއްގެ ގެ ދަރިވަރުންނެވެ.

މި ކޭމެޕްގައި ދަރިވަރުން ތަމްރީނުކުރާ ދާއިރާތަކުގެ ތެރޭގައި ނަފްސް ތަރުބިއްޔަތުކޮށް ބައްޓަންކުރުމާއި، އަސްކަރީ އަސާސީ ހުނަރުތައް ތައާރަފްކޮށްދިނުމާއި، އެކުވެރިކަމާއި އެއްބައިވަންތައްކަން އާލާކުރުމާއި، ދަރިވަރުންގެ ދީނީ އަދި ގައުމީ ރޫހް އާލާކުރުމާއި އަދި ހަރުދަނާ އަހްލާގާއި ރިވެތި ސުލޫކު އުނގަންނައި ދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް