އެފްއެސްއެމްގެ ފިއުލް ސްޓޭޝަންގެ ހިދުމަތް ފެށުން -- ފޮޓޯ: އެފްއެސްއެމް
މަސްވެރިންނަށް ހެޔޮއަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފިއުލް ސްޓޭޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުﷲ ރަޝީދެވެ. މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ދަނގެތީގައި މި ޚިދުމަތް ފެށުމާއެކު، މަސްވެރިންނަށް މާލެއިން ތެޔޮ ވިއްކާ އަގުގައި ދަނގެތިން ވެސް ޑީސަލް ލިބެން ހުންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، އަތޮޅުތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް