ހަށިގަނޑަށް ގެއްލުންދީ ސިއްހީ ފަރުވާ ނުހޯދުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން: ހުތުބާ

06 Nov 2026 | 09:29
ހަށިގަނޑަށް ގެއްލުންދީ ސިއްހީ ފަރުވާ ނުހޯދުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން: ހުތުބާ

ހަށިގަނޑަށް ގަސްދުގައި ގެއްލުން ދިނުމާއި ޒަރޫރީ ފަރުވާ ހޯދުން ދޫކޮށްލުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫން ކަމަށް ބަޔާންކޮށް، ޞިއްޙަތަށް ފަރުވާތެރިވުމުގެ މައްޗަށް ބާރުއަޅައި މިއަދުގެ ހުކުރު ޚުތުބާ އިއްވައިފިއެވެ.

"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުޅަހެޔޮ ޞިއްޙަތުގެ ހަގީގީ އަގު ގިނަ ފަހަރަށް ވަޒަންކުރެވެނީ އެ ނިޢުމަތަށް ބުރޫއެރުމުން ނުވަތަ އެއިން ކަމެއް އުނިވުމުންނެވެ. ޚުތުބާގައި ބުނެފައިވަނީ އިންސާނާގެ ނަފުސަކީ ﷲ ތަޢާލާ ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި، ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ.

އަމިއްލަ ނަފުސު ނުރައްކާތަކަށް ހުށަހެޅުމާއި ޞިއްޙީ ކަންކަމަށް ފަރުވާކުޑަކުރުމަކީ ހުއްދަ ނޫން ކަންތައް ކަމުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ދަލީލުން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޒުވާންކަމަކީ ތާއަބަދަށް ދެމިއޮންނާނެ ކަމެއް ނޫންކަން ހަނދާންކޮށްދެމުން، ހަށިގަނޑުގެ ބާރު ދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާ ދުވަހެއް ކޮންމެ މީހަކަށް ވެސް އަންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޞިއްޙަތު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ނަމަވެސް، މުސްކުޅިކަމާއި ބަލިމަޑުކަން ހުއްޓުވުމުގެ ކުޅެދުންތެރިކަމެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ އަލީގައި، މުއުމިނު އަޅާގެ މިސާލު ޖައްސަވާފައިވަނީ ވައި ޖެހުމުން ލެނބި، ވައި މަޑުވުމުން ސީދާވާ ޅަނދޮޅު ގަހެއްގެ ގޮތުގައެވެ. ކާފިރުވި މީހާގެ މިސާލު ގެންނެވީ ﷲ އިރާދަކުރެއްވި ވަގުތަކު މުލުން ލުހެލައްވަންދެން ވަޔާ ނުލެނބި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ ގޮތުގައެވެ. މި ހަދީޘްފުޅާ ގުޅުވައި ޚުތުބާގައި ބުނެފައިވަނީ، ހަގީގީ އީމާންކަމަކީ ތަދު އިހުސާސް ނުވުން ނޫން ކަމަށާއި، ދަތި ހާލަތްތަކުގައި ވެސް ﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމެހެއްޓުން ކަމަށެވެ.

ޞިއްޙީ ދުޅަހެޔޮކަން ރައްކާތެރިކުރަންވީ ހަމައެކަނި ބަލިތަކުން ސަލާމަތްވާކަށް ނޫން ކަމަށާއި، އެއީ ﷲ އަށް ކުއްތަންވެ ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ދެއްވާފައިވާ އަމާނާތެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

"ގިނަ ބަޔަކު އެ ދެ ނިޢުމަތަކާމެދު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްހަތާއި ހުސް ވަގުތެވެ." މި ހަދީޘްފުޅުގައިވާ "މަޣްބޫން" ގެ މުރާދަކީ އަތުގައިވާ އަގުހުރި ރައުސްމާލެއްގެ ހަގީގީ އަގު ވަޒަން ނުކުރެވި ގެއްލުމުގެ ތެރެއަށް ދޫކޮށްލެވުން ކަމުގައި ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް