އާންމު ބްރޯޑްކާސްޓް ވަގުތީ ގޮތުން ހުއްޓާލަން ނިންމީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
އެ ސްޓޭޝަނުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނޮވެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، މި ހާލަތުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި ނެތަސް، އެންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހިފައިވަނީ ނޫސްވެރިންނަށް ކަމަށެވެ. ހާއްސަކޮށް ބްރޯޑްކާސްޓަރުންނަށް ކަމަށެވެ.
"ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި، ބްރޯޑްކާސްޓަރުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަވަސްވެގަތީ މީޑިއާތަކަށް އިންޒާރު ދެއްވުމަށް، ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ދެއްވުމަށް، ބްރޯޑްކާސްޓިން ކޮމިޝަނަށް، ބްރޯޑްކާސްޓަރުންގެ ހައްގުގައި ބަހެއް ނުބުނެވުނު އިރު، މުޅި ދައުލަތް ގުޅިގެން ނޫސްވެރިންނަށް ފުރައްސާރަކުރުމާއި އަނިޔާކުރުން އިންތިހާއަށް ވަނީ ގޮސްފައި ސަލާމަތީ ބާރުތަކުން ނޫސްވެރިން ހައްޔަރުކުރި ނަމަވެސް، ހައްޔަރުކުރި ކަމަކަށް ނުވޭ، އަނިޔާކުރިޔަސް އަނިޔާކުރިކަމަކަށް ނުހަދާ، އެކަމަށް ހައްގު ބަދަލެއް ވެސް ނުލިބޭ" ރާއްޖެ ޓީވީގެ ބަޔާނުގައި ވެ އެވެ.
އެ ޓީވީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު މި ހަފުތާގައި ހައްޔަރުކޮށް، އިންތިހާއަށް ފުލުހުން އަނިޔާކުރިއިރު ވެސް ނޫސްވެރިންގެ ހައްގުގައި ބަހެއް ބުނެލާނެ ވަރު ހުރި މުއައްސަސާއެއް ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ބަހުސްކޮށްލުމަށް ވެސް ފުރުސަތެއް ނުދެއްވުމުން، ނޫސްވެރިންނަށް އަނިޔާކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން ދަނީ ސަރުކާރުން ބޭނުންވެގެން ކަން ދަލީލުކޮށްދޭ ކަމަށެވެ.
"ހާއްސަ ގޮތެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ ގޯނާ އާއި ފުރައްސާރަ ނިމުމެއް ނެތި ކުރިއަށް ދާއިރު، މި ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ބިރުވެރިކަން މާބޮޑަށް ވެސް އޮތް ކަމަށް ގަބޫލުކުރަމު، ގާނޫނު އަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތަސް، މި ހާލަތުގައި "ގައުމި ސަލާމަތަށް ނުރައްކާވާ" ކޮންޓެންޓަކީ ކޮބައިކަން ބަޔާން ނުކޮށްދީ، ބްރޯޑްކާސްޓްކުރާ ކޮންޓެންޓެއްގެ ބާވަތުން ލައިސަންސް ބާތިލުކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދީފައި، ސަލާމަތީ ބާރުތަކުން ސްޓޭޝަނަށް ވަދެ، މުދާ ހިފައި ގެންދިއުމުގެ ބިރުވެސް އެބަ އޮތް، އެ ބިރުވެރިކަން ވެސް ދަނީ އުފައްދަމުން" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން، ބިރުވެރިކަމެއް، ބިރު ދެއްކުމެއް ނެތި ކުރެވޭނެ މާހައުލެއް މިހާރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީވެ ރާއްޖެޓިވީގެ މިރޭގެ "60 މިނެޓަށް" ފަހު މި ސްޓޭޝަންގެ "އާންމު ބްރޯޑްކާސްޓް" ވަގުތީ ގޮތުން ހުއްޓާލުމަށް މި ނިންމީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށާއި ހަމަ އެހެންމެ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ހައްގު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށް ދެއްވުމާއި ލައިސަންސް ހިފެހެއްޓެނީ ކޮންޓެންޓްގައި ކޮން ކަހަލަ ސިފަތަކެއް ހުރެގެންކަން ސާފުކޮށް ދެއްވުމަށް މި ސްޓޭޝަނުން އެދިފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލާ ކަމަށްވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޓީވީން އެދެނީ ނޫސްވެރިކަމުގެ މަސްއޫލިއްޔަތު މިނިވަންކަމާއެކު ބިރުވެރިކަމެއް ނެތި އަދާކުރެވޭނެ މާހައުލެއް ސަރުކާރުން ވީހާވެސް އަވަހަކަށް ގާއިމުކޮށް ދެއްވުމަށް ކަމަށެވެ. އަދި ރާއްޖެ ޓީވީގެ ހިދުމަތް އަވަހަށް އާންމު އުސޫލުން ފެށޭނެ ގޮތް ތަނަވަސްކޮށް ދެއްވުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް