ރާއްޖެއިން ލަންކާގެ ސްނައިޕަރަކު ހައްޔަރުކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް ދިވެހި ސަރުކާރުގެފަރާތުން ލަންކާއަށް އެކަން ރަސްމީކޮށް އަންގާފައި ނުވާކަމަށް ލަންކާގެ ހާރިޖީ ވުޒާރާއިން ބުނެފި އެވެ.
ލަންކާގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ލަންކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެ މައުލޫމާތު ލިބިފައިވީނަމަވެސް އެކަން ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށެވެ.
ހަމަ މިކަމާއިމެދު ލަންކާގެ މިލިޓަރީ ތަރުޖަމާނު ޖަޔާނަތު ޖަޔަވީރާ ބުނެފައިވަނީ ލަންކާއަށް ނިސްބަތްވާ ސްނައިޕަރަކު ރާއްޖޭގައި ހައްޔަރުކޮށްފައިވާކަން އެނގުނީ މީޑީއާ މެދުވެރިކޮށް ކަމަށާއި ދިވެހި ސަރުކާރުން އަދި އެކަން އަންގާފައި ނުވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ހަވީރު އޮންލައިންގައި ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ އެ ނޫހަށް އެނގިފައިވާ ގޮތުގައި ލަންކާގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ އެ މީހާ މާލެ ތެރެއިން ހައްޔަރުކުރީ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށާއި އަދި އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް