ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީ ހުސެއިން ޝަމީމް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން ވަކި މުއްދަތެއް ނެތި ސަސްޕެންޑް ކޮށްފައިވާތީ އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސެން ޝަމީމް، ކޯޓުން ބޭރުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅޭ މައްސަލައެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާކަމަށް އެ ކޯޓުން ވިދާޅުވެ، އެބޭފުޅާ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ ވަކި މުއްދަތެއް ނެތްގޮތުގައި ސްޕްރީމް ކޯޓުން ކުއްލިއަކަށް ހިފަހައްޓަވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން، ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ހުއްދަ ބާތިލުކުރުމާއި، ފިޔަވަޅުއެޅުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސްޕްރީމް ކޯޓަށް ނަންގަވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.
“އަލްއުސްތާޛު ޙުސެން ޝަމީމް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތުނުކުރެއްވޭނޭކަމަށް ސްޕްރީމް ކޯޓުން ކުއްލިއަކަށް އަންގަވާފައިވަނީ އެބޭފުޅާ ކޯޓުން ބޭރުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅޭ މައްސަލައެއް ސްޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެ, ސްޕްރީމް ކޯޓުން އެގޮތަށް ނިންމަވައި އަންގަވާފައިވަނީ އެ މައްސަލާގައި އަލްއުސްތާޛު ޙުސެން ޝަމީމްގެ ފަރާތްޕުޅުން ދައްކަވަންހުރި ވާހަކަފުޅުތައް އަޑުއެއްސެވުމެއް ނެތި، އެބޭފުޅާގެ ޣައިރު ޙާޟިރުގައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމު، ހަމައެފަދައިން ސްޕްރީމް ކޯޓުން ބައްލަވަމުންދަވާކަމަށް ވިދާޅުވާ އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ވަކި މުއްދަތެއް ނެތި އަލްއުސްތާޛު ޙުސެން ޝަމީމަށް ވަކާލާތު ނުކުރެއްވޭނޭކަމާއި އަދި މިގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭނޭކަމަށް ކަނޑައެޅުއްވުމަކީ މި ޕާރޓީން އަދި ވަކިން ޚާއްޞަކޮށް ކަންބޮޑުވާކަމެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ކޯޓުން ބޭރުގައި ކޮށްފި ޙާލަތެއްގައި ވިޔަސް އެ ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެއްވޭނޭކަމަށް ކަނޑައަޅުއްވަންވާނީ އެ ވަކީލެއް އެކަމުގައި ދައްކަން އޮތް ވާހަކައެއް އަޑުއެއްސެވުމަށްފަހުގައިކަމަށް ދެކޭ ކަމަށާއި އަދި ވަކި ކޯޓެއްގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ކޮށްފިނަމަ އެކަމެއްގައި ފިޔަވަޅު އަޅަންވާނީ އެކޯޓަކުންކަމަށް ދެކޭ ކަމަށް އަދި އެކަމަކީ ހުރިހާ ކޯޓުތަކަކަށް ދެމިގެންދާނޭ ގޮތަކަށް އެޅޭފިޔަވަޅަކަށް ވެގެން ނުވާނޭކަމަށް ވެސް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން، ކޯޓުތަކާ ބެހޭގޮތުން ވަކީލުން ތަފާތު ޚިޔާލުތައް ފާޅުކުރުމަކީ ހުޅުވިގެންވާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އެހެން ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ވަކީލުންނަށް ވެސް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށާއި އަދި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ވަކީލުން ބޭނުންކުރާ ޙައްޤެއް ކަމަށްވާއިރު އަލްއުސްތާޛު ޙުސެން ޝަމީމާމެދު ސްޕްރީމް ކޯޓުން ފިޔަވަޅު އަޅުއްވާފައިވާ ގޮތާއި އަދި އެޅުއްވި ފިޔަވަޅާމެދު އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ހަމަ އެފަދައިން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު މީގެ ކުރިން ވަނީ އެފަދަ ގޮތަށް ރާއްޖޭގެ ސްޕްރީމް ކޯޓުން ޢަމަލުކުރައްވާތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައިކަން ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"މިކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެޓުމުގެ މަސައްކަތް، ވަކި ޤަވާޢިދެއްގެ ދަށުން ބަންޑާރަ ނައިބުގެ އޮފީހުން ކުރައްވަމުން ގެންދަވަނިކޮށް، ސްޕްރީމް ކޯޓުން އެކި ގޮތްގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ އެ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން، އެންމެފަހުން މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި އަދި ހުއްދަ ބާތިލުކުރުމާއި، ފިޔަވަޅުއެޅުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސްޕްރީމް ކޯޓުން 4 ނޮވެމްބަރ 2015 ވަނަ ދުވަހު އެ ކޯޓުން އަމިއްލައަށް ނެރުއްވި ރޫލިންގ އަކުން ނަންގަވާފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމު" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖުޑިޝަލް ޕްރޮފެޝަނާއި ލީގަލް ޕްރޮފެޝަނަކީ މުޅިން ތަފާތު 2 ޕްރޮފެޝަނަކަށްވާއިރު، ސްޕްރީމް ކޯޓުން ލީގަލް ޕްރޮފެޝަން ރެގިޔުލޭޓުކުރައްވަން ފެއްޓެވުމަކީ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޢަމަލުކުރެވޭ ހަމަތަކާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށެވެ. އަދި އެއީ ވެސް ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމެއް ކަމަށެވެ.
އަދި މީގެ އިތުރުން ސްޕްރީމް ކޯޓުގެ މި ޢަމަލުގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީ އާމެދު އަނެއްކާ ވެސް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ފާޑުކިޔުން އިތުރުވެގެންދާނޭ ކަމާމެދު ޝައްކެއްނެތް ކަމަށާއި އަދި އެއީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް