ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކްލައުޑް ކްލާސްރޫމް ތަޢާރަފު ކުރުމަށް މަޝްވަރާކުރަން ފަށައިފިއެވެ.
ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ޗައިނާބަސް ދަސްކުރުމުގެ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ” ކްލައުޑް ކްލާސްރޫމް ” ތަޢާރަފު ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ޗައިނާގެ ޔުނާން އޯޕަން ޔުނިވަރސިޓީ އާދެމެދެ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ވިދާޅުވީ އެ ޔުނިވަރސިޓީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.
އަދި ޔުނާން އޯޕަން ޔުނިވަރސިޓީ އާއެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން މިކަމަށް އަލިމަގެއް ފެންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި މަޝްވަރާތަކާއެކު ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ޤައުމީ ޔުނިވަރސިޓީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ބޮޑެތި މަންފާތަކެއް ލިއްބައިދޭނެ މަޝްރޫޢުތަަކަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ޑރ. ޢަލީ ފަވާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޔުނިވަރސިޓީއަށް ކުރިއެރުން ލިބިދޭނެ އިތުރު ފުރުޞަތުތަކާއެކު ޔުނާން އޯޕަން ޔުނިވަރސިޓީއިން ޤައުމީ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވީތީ ޔުނާން އޯޕަން ޔުނިވަރސިޓީގެ އިސްވެރިންނަށް ޑރ. ޢަލީ ފަވާޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޔުނާން އޯޕަން ޔުނިވަރސިޓީގެ ވައިސް ޕްރެސިޑެންޓް ޝީ ހުއިޖުންގ ވިދާޅުވީ ރާއްޖެ އާ ޗައިނާ އާދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އިރު، މިހިނގާ 21ވަނަ ޤަރުނުގައި ދެޤައުމުގެ ގުޅުން އިތުރަށް ފުޅާވެގެން ދިއުމަކީ ވަރަށްބޮޑު އުއްމީދެއް ކަމަށެވެ.
ދިވެހި ޤައުމީ ޔުނިވަރސިޓީގެ 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމާއެކު އިންޓަރނެޓު މެދުވެރިކޮށް ޗައިނާބަސް ދަސްކޮއްދޭ މިޕްލެޓްފޯމު ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ އެ ޔުނިވަރސިޓީން ވަމުންނެވެ.
މިގޮތުން ޗައިނާބަސް ދަސްކޮއްދޭ ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް މިހާރި ފަށާފައިވާ އިރު، މި ސެންޓަރުގެ ކިޔެވުން ފެށުމުން ޗައިނާގެ މައި ކްލާސްރޫމަކާއި ގުޅާލެވި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކްލާސްތައް ނެގޭނޭ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ދިވެހި ޤައުމީ ޔުނިވަރސިޓީ އާއި ޔުނާން އޯޕަން ޔުނިވަރސިޓީއާދެމެދު 2013 ވަނަ އަހަރުން ފެށިގެން ގުޅުން ޤާއިމު ކުރެވިފައިވާ އިރު، ޔުނާން އޯޕަން ޔުނިވަރސިޓީގެ 2 ލެކްޗަރަރއަކުވަނީ ދިވެހި ޤައުމީ ޔުނިވަރސިޓީގައި ޗައިނާ ބަސް ދަސްކޮއްދެއްވުމުގައި މަސައްކަތް ކުރައްވާފައެވެ.
ދިވެހި ޤައުމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މަޝްވަރާގައި ޔުނާން އޯޕަން ޔުނިވަރސިޓީގެ އިސްވެރިންނާއި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު އާއި އެ ޔުނިވަރސިޓީގެ އިސްވެރިންނާއި ފެކަލްޓީ އޮފް އާރޓްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްއިން ޗައިނާބަސް ދަސްކޮއްދިނުމަށް ފޭސްޓުފޭސް ކްލާސްތަކެއް މިހާރުވެސް ބާއްވަމުން އަންނަމުންނެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގައި 2016ވަނަ އަހަރު ބާއްވާ ކުންމިންގ ކޮންފެރެންސްގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހި ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށް ވަނީ އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް