ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނަށް އަދި ރާއްޖެއަށް ގެއްލުންތަކެއް ދޭނޭ ކަމަށްބުނެ އޯގަސްޓްމަހުގެ 31 ވަނަ ދުވަހު ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑީއޯ އަޕްލޯޑްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސަންގު ޓީބީ ބަލައި ފާސްކޮށް އެ ސްޓޭޝަންގެ ބައެއް ކޮމްޕިއުޓަރުގެ ހާޑުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން އެ ސްޓޭޝަނަށް ވަދެފައިވަނީ ރޭ 1:00 ހާއިރު އެވެ. ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އަސްވާޑު ވިދާޅުވީ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ އެތާނގެ ސިސްޓަމްތަކުގެ ހާޑްޑިސްކުތައް ފުލުހުން ގެންގޮސްފައިވާކަމަށެވެ.
ބަލާ ފާސްކުރުމަށްފަހު ފުލުހުން އެ ސްޓޭޝަނުން ނިކުތީ ފަތިހު 4:40 ހާއިރު އެވެ. ފާސްކުރުމަށް ފުލުހުން ވަދެ އޮންއެއާ ހުއްޓާލަން އެންގި ކަމަށާއި އެތަނަށް އެއްވެސް މުވައްޒަފަކަށް ނުވަދެވޭގޮތް ހެދުމަށްފަހު މުވައްޒަފުން ބޭނުންކުރާ ލޮކަރުތަކާއި ސަންގުޓީވީގެ ތިޖޫރިވެސް ހަލާކުކޮށްލައިގެން ބަލާ ފާސްކުރިކަމަށް މައުލޫމާތު ލިބެ އެވެ.
ސަންގުޓީވީ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އެ ކޯޓު އަމުރު ދޫކޮށްފައިވަނީ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ވެރިންނަށް މަރުގެ އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތައް ހިންގާނެ ކަމަށްބުނެ ބިރު ދައްކާފައިވާ މަންޒަރުދައްކުވައިދޭ ވީޑިއޯ މެސެޖެއް ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގެ ހެކި ގަރީނާ ހޯދުމަށް" ކަމަށެވެ.
ސަންގު ޓީވީއަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދުގެ ހިއްސާ އޮންނަ ޓީވީ ޗެނަލެކެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ރިޕޯޓް އަދި ޔޫޓިއުބު ޑޮޓްކޮމްއަށް ލިބިފައިވާ މައުލޫމާތު" އަކީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް