ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު - ފޮޓޯ: ރައީސް އޮފީސް
އަޙްމަދިއްޔާ ސްކޫލަކީ މާނަފުން ތާރީޚަކާއި ފަޚްރުވެރި
އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ
ސްކޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ
އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ސްކޫލު އުފެދިގެން
މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި،
އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަޙްމަދިއްޔާ
އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ،
ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ތަޢުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ
ޢިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވުމުގެ ފުރުޞަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް
އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަން
ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް
ހަނދާންކޮށްދެއްވާފައެވެ. އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް
ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި
ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ.
އެގޮތުން ދިވެހި ޤައުމަށް ފާރަވެރިވެ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި
ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން
އެދިވަޑައިގެންނެވިއެވެ. ދިރިއުޅުމުގައި ޤަދަރާއި ޢިއްޒަތްލިބި، މަތިވެރި އަޚްލާޤާއި
ހެޔޮވިސްނުންތެރިކަމާއިއެކު ލިބިފައިވާ ޢިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން
އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި
ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން
އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި،
އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ
ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ
ފަރާތުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ''ބްރިލިއަންސް ޓީޗަރ'' އަދި ''ބެސްޓް އޯވަރޯލް
ޓީޗަރ'' އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. މީގެ
އިތުރުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް
ހޮވުނު ދަރިވަރާއި، ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ
ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ޙާސިލްކުރި ތިން ދަރިވަރުންނަށްވެސް
އިނާމު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ
އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ
މުޙައްމަދު ވަނީ އެ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް