ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ގާސިމްގެ މައްޗަށް ރިޝްވަތުގެ ދިން ކަމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އައިޖީއެމްއެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮއްވަ ޣައިރު ހާޒިރުގައި އެވެ. އެ ހުކުމާއި އެކު ގާސިމްގެ ޕާސްޕޯޓު ދޫކޮށްލައި، ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.
ކަރެކްޝަންސްއިން މިރޭ ހުއްދަ ދީފައިވަނީ ގާސިމް އިތުރު ފަރުވާއަށް 10 ދުވަހަށް ސިންގަޕޫރަށް ގެންދިއުމަށެވެ. ކަރެކްޝަންސްގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މި ހުއްދަ އާއި އެކު ގާސިމް މިރޭ ސިންގަޕޫރަށް ވަޑައިގެންނަވާނީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ކަމަށެވެ.
ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަ ދީފައި މިވަނީ ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގެ އިސްތިއުނާފުކޮށްފައި ވަނިކޮށެވެ. އަދި އެ ބައި އިސްތިއުނާފު ކުރީ ގާސިމް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ދުވަހު އެވެ.
ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްދާން ޑޮކްޓަރު ލަފާ ދީފައިވަނީ ރާއްޖެއިން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހަދަން ޖެހޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް