ބިދޭސީ މީހާގެ މަރާ ގުޅިގެން ފެން ޕްލާންޓުގެ މެނޭޖަރު ހައްޔަރުކޮށްފި

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގަ އިތުރު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ބިދޭސީ މީހާ މަރުވެފައި އޮއްވަ ފެނުނީ އެ ރަށުގައި ހުންނަ ލައިފް ފެން އުފަންދާ ކު...

06 Sep 2017 | 08:07

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގަ އިތުރު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ބިދޭސީ މީހާ މަރުވެފައި އޮއްވަ ފެނުނީ އެ ރަށުގައި ހުންނަ ލައިފް ފެން އުފަންދާ ކުންފުނީގެ ތެރޭގައި އެވެ. އެ ބިދޭސީ މީހާ އަކީ ކުންފުނީގައި މަސައްކަތް ކުރާ 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައިގަ ދެވަނައަށް ހައްޔަރުކޮށްފައިވަނީ ފެން ޕްލާންޓުގެ މެނޭޖަރެވެ. އެ ހާދިސާ ހިނގިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑުވެސް ކޮށްފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ދެވަނަ މީހަކު ހައްޔަރު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ފުރަތަމަ މީހާ ހައްޔަރު ކުރީ ބިދޭސީ މީހާ މަރުވެފަ އޮއްވަ ފެނުނު ދުވަހު އެވެ.

މެނޭޖަރުގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ މީހެކެވެ. އެއީ އެރޭ އެތަނުގައި ޑިއުޓީއަށް އިން އަދި ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށްވެ އެވެ.

އޭގެ ތެރެއިން 33 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އިރު އިމްތިޔާޒުގެ ބަންދަން ވަނީ 12 ދުވަސް ޖަހާފައި އެވެ.

ބިދޭސީ މީހާގެ މަރާ ގުޅިގެން މާބޮޑު ތަފްސީލެއް ލިބިފަނުވިނަމަވެސް ހިންމަފފުށިން ބައެއް މީހުން މައުލޫމާތު ދޭގޮތުގައި އެ ރަށު ސިއްހީ މަރުކަޒުން ބެލުމަށް ފަހު ބުނެފައިވަނީ ބިދޭސީ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އެކަމަކު އެމީހާގެ މަރުގެ މައްސަލަ ބަލަންފެށީ ފުލުހުންނަށް އިތުރު ކަންތައްތަކެއް ޝައްކު ކުރެވިގެންނެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތީ ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް