ފައިސާވެރި ބައެއް މަހުޖަނުން ހައްޖުވަނީ ފަސްތަރީގެ ހިދުމަތުގައި – އެކަން ހިނގާ ގޮތަކީ މިއީ !

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން ފުރިހަމަ ކޮށްފައި ވެ އެވެ. އެ ދެމިލިޔަންގެ ތެރެއިން މި އާޓިކަލްގައި މި ހިމަނާލަނީ ގާތްގަނޑަކަށް 400 އެއްހާ ހައްޖުވެރިން ހައްޖުވ...

06 Sep 2017 | 00:12

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން ފުރިހަމަ ކޮށްފައި ވެ އެވެ. އެ ދެމިލިޔަންގެ ތެރެއިން މި އާޓިކަލްގައި މި ހިމަނާލަނީ ގާތްގަނޑަކަށް 400 އެއްހާ ހައްޖުވެރިން ހައްޖުވި ގޮތުގެ ވާހަކަ އެވެ. ފައިސާވެރި މުއްސަނދި މަހުޖަނުން ހައްޖުވި ގޮތުގެ ވާހަކަ އެވެ. މިފަދަ ފަރާތްތަކުން ހައްޖުގެ އަޅުކަން އަދާކުރަނީ ފަސްތަރީގެ ހިދުމަތާއި އެކުގަ އެވެ.

މި ލިސްޓުގައި ހިމެނޭ ކަމަށްވަނީ އެކި ގައުމުތަކުގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކާއި ތަރިންނެވެ. ފަސްތަރީގެ ހިދުމަތާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް މި ފަރާތްތަކުން ބޮލަކަށް، ގާތްގަނޑަކަށް އެއް ލައްކަ ސައުދީ ރިޔާލް (ދިވެހި ރުފިޔާއިން ނަމަ ހަތަރު މިލިޔަން) ހަރަދު ކުރެ އެވެ.

މި ފަރާތްތަކުގެ މައްކާގައި ތިބެނީ ފަސް ތަރީގެ ހޮޓާތަކުގަ އެވެ. މިނާގައި ތިބެނީ ފަސްތަރީގެ ހިދުމަތް ލިބޭ ޓެންޓްތަކުގަ އެވެ. ދަތުރު ކުރަނީ ލަގްޒަރީ ބަސްތަކުގަ އެވެ.

"މި ޓެންޓްތައް ހުންނާނީ ހަމަ އާދައިގެ ޓެންޓްތައްވެސް ހުންނަ ސަރަހައްދުގައި، ހަމަ އެގައުމެއްގެ ހައްޖުވެރިންގެ ޓެންޓްތައްވެސް ހިމެނޭ ސަރަހައްދުގައި، ނަމަވެސް ހިދުމަތްތައް ވަރަށް ތަފާތުވާނެ" މަހުޖަނުންނަށް މި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ވެރިއަކު ނަން ހާމަނުކުރުމަށް ސަރުތުކޮށް ސައުދީ ގެޒެޓަށް މައުލޫމާތު ދެމުން ބުނެފައި ވެ އެވެ.

އެ ޓެންޓްތަކުގެ ދޮރުމަތީގައި ސެކިއުރިޓީ ގާޑުން ތިބެ އެވެ. "އާދައިގެ ހައްޖުވެރިއަކު" އެ ޓެންޓަށް ވަދެދާނެތީ ފޯރިމެރުމުގައި ސެކިއުރިޓީން ތިބެ އެވެ. އެ ޓެންޓްތަކުގެ ތަޅުމުގައި ޖަހާފައިހުންނަނީ ވިދާ މުށްޓެވެ. އެތެރެ ޒީނަތްތެރި ކޮށްފައި ހުންނަނީ މާމެލާމެއްޔާއި ތަފާތު ކުލަ ކުލައިގެ ދިއްލުންތަކުންނެވެ. އުމުރުން ދުވަސްވީ ފަރާތްތަކާއި ބަލި ފަރާތްތަކަށް ހާއްސަ، ދުއްވާ ގޮނޑި ހުރެ އެވެ. ޖަމްރާތަށް ހިލަ އުމުގައި މި ގޮނޑިތައް ބޭނުން ކުރެ އެވެ. ލަގްޒަރީ ސޯފާ ތަކާއި އެނދުތައް ހުރެ އެވެ.

އެފަރާތްތަކަށް ހާއްސަ ކެންޓީނުތައް ޓެންޓްތަކުގައި ގާއިމް ކޮށްފައި ހުރެ އެވެ. އެ ކެންޓީންތަކުން 24 ގަޑިއިރު ކާނާ ލިބެ އެވެ. ހިދުމަތް ކުރުމަށް ދެ ޖިންސުގެ ހިދުމަތްތެރީން ތިބެ އެވެ.

މި ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައިވެސް 300 އަށްވުރެ ގިނަ ޗާޓަރު ފްލައިޓް މައްކައަށް ޖައްސަ އެވެ. މަހުޖަނުން ހައްޖުވުމަށް ދަނީ މި ފްލައިޓްތަކުގަ އެވެ. ގިނަ މަހުޖަނުން ނިސްބަތްވަނީ މިސްރު، ލުބުނާނު، ސީރިޔާ، ލީބިޔާ އަދި މޮރޮކޯ އަށެވެ.

މި ފަރާތްތައް މަދީނާއަށް ދަނީ ދުލްހިއްޖާ މަހުގެ ހަތްވަނަ ދުވަހުގަ އެވެ. މަދީނާގައި އެއް ރޭ ހޭދަ ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު މައްކާއަށް ދެ އެވެ. މައްކާގައި އުމްރާ ވުމަށްފަހު ދުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހު އަރަފާތު ބިމަށް ދެ އެވެ. މި ފަރާތްތައް އަވަހަށް ފުރަން ބޭނުންވާތީ މެންދަމު 12 ގައި މުޒްދަލިފާއަށް ދެ އެވެ. ހިލަ އުކުމަށްފަހު ހަމަ އެރޭ މައްކާއަށް ގޮސް ތަވާފް އަލް އިފާދާ ފުރިހަމަ ކުރުމަށްފަހު ފަތިސް ނަމާދަށް ގޮވާންވާއިރަށް ފަސްތަރީގެ ހޮޓާތަކަށް މި ފަރާތްތައް ރުޖޫއަ ވެ އެވެ.

މި ފަރާތްތައް ހޮޓަލުގައި ތިބޭއިރު، ކެއުންތައް ކުރިއަށްދާއިރު ދީނީ އިލްމުވެރިން ދަރުސްތައް ދެ އެވެ. ދީނީ އިލްމުވެރިންގެ ތެރޭގައި ޓީވީތަކުން ފެންނަ އިލްމުވެރިން ހިމެނެ އެވެ. މި ފަރާތްތައް ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ފުރަނީ ދުލްހިއްޖާ މަހުގ 12 ވަނަ ދުވަހުގެ ވަގުތުތަކުގަ އެވެ.

މިއީ ސައުދީ ގެޒެޓުގައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް