ބުދު ދީނުގެ މެޖޯރިޓީ އޮންނަ ބަރުމާ ނުވަތަ މިޔަންމާގައި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާކޮށް މަރަމުން އަންނައިރު މުސްލިމް ގައުމުތަކުން އެގައުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލައި އަދި އަމަލީ މަސައްކަތްތަކެއް ފަށައިފި އެވެ.
އެގޮތުން އެންމެ ފާހަގަ ކުރެވޭ ގައުމަކީ ތުރުކީ އެވެ. ބަރްމާ މަސްރަހަށް ހައްލެއް ނުގެނެވިއްޖެނަމަ ހައްލެއް ގެންނާނެ ކަމުގެ އިންޒާރު ތުރުކީން ދީފައިވާއިރު ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވަނީ ބަރުމާގެ ލީޑަރު އައުން ސަން ސޫ ކީ އާއި މަޝްވަރާ ކުރައްވާފަ އެވެ.
އުރުދުގާން ވިދާޅުވެފައިވަނީ ބަރުމާގެ ސަރުކާރުގެ ވާގިވެރިކަމާއެކު އަސްކަރިއްޔާ އަދި ބުދިސްޓުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށްވެސް އުރުދުގާން ވަނީ ބަރުމާގެ ލީޑަރަށް އިލްތިމާސް ކުރައްވާފަ އެވެ.
މީގެ އިތުރުން ތުރުކީން ވަނީ ހާލުގައި ޖެހިފައިވާ ރޯހިންޔާ މުސްލިމް ދަރިކޮޅަށް އެހީވުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން އިއުލާނު ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެހީވަނީ، ފުރާނަ ސަލާމަތްކުރުމަށް ފަރުބަދަތަކުގެ މައްޗަށް ހިޖުރަކޮށް ހާލުގައި ޖެހިފައިވާ ލައްކައަކަށްވުރެ ގިނަ އާއިލާއަށް ކަމުގައި ތުރުކީން ވަނީ އިއުލާނު ކޮށްފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފަށާނެކަން އިއުލާނު ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ބަރުމާއާއި ދެކޮޅަށް ތެދުވި، މުސްލިމް ބައެއް ގައުމުތަކަށް ބަލާލާއިރު އިންޑޮނޭސިޔާ އަދި ޕާކިސްތާނުވެސް ހިމެނެ އެވެ. އެގޮތުން އިންޑޮނޭޝިޔާގެ ހާރިޖީ ވަޒީރު ވަނީ ބަރްމާގެ އަސްކަރީ ވެރިޔާއާއި ބައްދަލު ކުރައްވައި، ހިންގަމުން އަންނަ ޖަރީމާތައް ހުއްޓާލުމަށް އެދިލައްވާފަ އެވެ. މީގެ އިތުރުން ބަރްމާއާއި ދެކޮޅަށް ތެދުވުމަށް ޕާކިސްތާނުން ވަނީ މުސްލިމް ގައުމުތަކަށް ގޮވާލާފަ އެވެ.
އދ ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަނިޔާއިން ސަލާމަތްވުމަށް އެއް ލައްކަ ތޭވީސް ހާހަށްވުރެ ގިނަ މުސްލިމުން ވަނީ ބަރްމާ ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝަށް ހިޖުރަ ކޮށްފަ އެވެ. ރޯހިންޔާގައި ހަމަނުޖެހުން އުފެދުނީ ރޮހިންޔާގެ ބަޔަކު މިދިޔަ މަހުގެ 25 ގައި އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް