ޤަތަރުގެ މައްސަލަ އިތުރު ދެ އަހަރަށް ދިގުދެމިގެންދިޔަސް ނުރައްކަލެއް ނެތް: ސައުދީ

ޤަތަރުގެ މައްސަލަ އިތުރު ދެ އަހަރަށް ދެމިގެންދިޔަ އެކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމުގައި ސައުދީ އަރަބިއްޔާއިން ބުނެފި އެވެ. މިހެން ވިދާޅުވެފައިވަނީ ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބެއި...

05 Sep 2017 | 22:04

ޤަތަރުގެ މައްސަލަ އިތުރު ދެ އަހަރަށް ދެމިގެންދިޔަ އެކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމުގައި ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

މިހެން ވިދާޅުވެފައިވަނީ ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބެއިރު އެވެ. އޭނާ ވިދާޅުވެފައިވަނީ ޤަތަރުގައި އަމުރު މައުރޫފް ހިންގާނީ ކޮންބައެއްކަން ނިންމާނީ ޤަތަރުގެ ރައްޔިތުން ކަމަށެވެ.

ޖުބެއިރު މިހެން ވިދާޅުވެފައިވާއިރު ޓެރަރިސްޓް ޖަމާއަތްތަކަށް ޤަތަރުން ވާގިވެރިވާކަމަށާއި އަދި ޓެރަރިޒަމަށް ޤަތަރުން ތަރުހީބު ދޭކަމަށްބުނެ އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުން ވަނީ ޤަތަރާއި ގުޅުން ކަނޑާލާފަ އެވެ. އެ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެ ހިމެނެ އެވެ.

ޖުބެއިރު މިހެން ވިދާޅުވެފައިވަނީ ޔަމަނުގެ މަސްރަހާއި ބެހޭގޮތުން މީޑީއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ. ޔަމަނުގެ މަސްރަހާއި ބެހޭގޮތުން އޭނާ ވިދާޅުވީ ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީން ވަނީ ވަކި ބަޔަކު އެކަމަށް ސައުދީ ހިޔާރު ކުރުމުން ނޫން ކަމަށެވެ. މަޖުބޫރު ވުމުން ކަމަށެވެ. އޭނާ ވިދާލުވެފައިވަނީ އދ އިން ސަނާގެ ކަންކަމާ ހަވާލުވާން ތައްޔާރުނަމަ ޔަމަނުގެ ސަނާ އެއަރޕޯޓް އަލުން ހުޅުވިދާނެ ކަމަށެވެ. ސަނާ އެއާޕޯޓް މިވަގުތު އޮތީ ހޫތީންގެ އަތްދަށުގަ އެވެ.

އޭނާ ވިދާޅުވީ ހިޒްބުﷲ މެދުވެރިކޮށް ޔަމަނުގައި ޓެރަރިސްޓް އެޓޭކްތައް އިރާނުން ދެމުންދަނީ މެދުއިރުމަތީގެ ހާލަތު ގޯސް ކކުރުމަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިރާނުން ސައުދީއާއި ގުޅުން ބަދަހިކުރަން ބޭނުން ނަމަ ޓެރަރިޒަމާއި އެހެން ޤައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައަށް ދެ އަހަރުވެފައިވާއިރު ދާހިލީ ހަނގުރާމަ ކުރެވެމުން އަންނަނީ އެގައުމުގެ ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާއި ހޫތީންނާއި ދެމެދުގަ އެވެ. ދާހިލީ ހަނގުރާމައިގާ އިރާނުން ވާގިވެރިވަމުންދަނީ ހޫތީންނަށެވެ. ސައުދީން ވާގިވެރިވަމުން އަންނަނީ ސަރުކާރާއި ސަރުކާރުގެ ވާގިވެރިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް