އައިލީން އާއި ރާއިފު ތެދުވެގެން ހިނގައިގަތެވެ. ދެމީހުން ޖޫސް ބޮއި ހުސްކޮށްފައިހުރި ހުސްތައްޓައް ރަޝީދު ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ގޮސް ދެ ހުސްތަށި ނެގިއެވެ. އަދި އޭގެ ތެރެއިން ރާއިފު ހުސްކުރި ތަށީގައި ރާއިފު ތުންފަތްޖެހި ހިސާބަށް ވަކިން ބަލާލުމަށްފަހު ނުލަފާގޮތަށް ހިނިތުންވެލިއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ..! ވަރަށް ބޮޑަށް...!" ތަށީގައި ރާއިފު ތުންޖެހި ހިސާބުގައި އަތް ޖައްސާލުމަށްފަހު ރަޝީދު ހިތާހިތާ ބުނެލިއެވެ.
ދެތަށި ހިފައިގެން ރެސްޓޯރަންޓްގެ ބަދިގެއަށް ވަނުމަށްފަހު ރާއިފު ޖޫސްބުއި ތަށި ރަޝީދު ބެހެއްޓީ ވަކިންނެވެ. އަދި އަނެއް ތަށި ދޮވެލުމަށްފަހު ރަޝީދު ނުކުތީ ބޭރަށެވެ.
"ހިނގާ ހަވީރު ރަށުތެރެ ބަލައިލަން ދުއްވާލަން ދަމާ...! ދާނަންތަ....؟" އައިލީން ފެންވަރައިގެން ނުކުތުމުން ރާއިފު ބުނެލިއެވެ.
"ހަމަ ދާންވީ...! އަހަރުމެން މިރަށަށް މިއައީ ހަތަރުދަމު ރޫމުގައި ތިބޭކަށްނޫނެއްނު..! ޗިލްކުރަން....! ކޮންމެ ކަމެއްވެސް ހަމަކުރަންވީ...! ކޮންމެތާކަށްވެސް ހަމަ ދާން" ޑްރެސިން ޓޭބަލް ދޮށުގައި އިށީންނަމުން އައިލީން ބުނެލިއެވެ.
އިރުއޮއްސުނު ވަގުތެވެ. ރަޝީދު ވަރަށް ބާރަށް ބޭރުން އައިސް ރެސްޓޯރަންޓުގެ ބަދިގެއަށްވަނީ ބިއްލޫރިތަށި މަތިން ހަނދާން ވެގެންނެވެ. ބަދިގެއަށްވަދެ ބަލާލިއިރު ރަޝީދު ބެހެއްޓި ބިއްލޫރިތައްޓެއް އެތާކު ނެތެވެ.
"ކޮބާ އެ ބިއްލޫރިތަށި....؟ މިތާގައި މަ ބެހެއްޓީ....! މިހާރަކުނެތް....! ޔަޤީން ކައްކާ އައިސް ތަށިތައް ދޮވެލިއިރު އެތަށިވެސް އެދޮވެލީކަން.... އަނެއްކާ އަނެއް ކަންތައްތައް.... ލާރި ބޭނުމިއްޔާ އަނެއްކާވެސް ރާއިފުގެ ނިޝާނެއް ޖެހޭނީ ހޯދަން..." ރަޝީދު ހިތާހިތާ ކިޔާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އައިލީން އާއި ރާއިފު ތިބީ ރެސްޓޯރަންޓުގައި ކާށެވެ.
ކައިގެން ހިނގާ ރަށު ތެރޭގައި ދުއްވާލަންދާން...! ހަވީރުވެސް ނުދެވުނު، އެކަންތައް ފަށަން ވެއްޖެ ވިއްޔަ....! އަނެއްކާ މިއަދު އެހާގިނައިރު ނިދީމަ ދެން ނިންޖެއްވެސް ނާންނާނެ...." ޖޫސްފޮދެއް ބޯލުމަށްފަހު ތަށި ބަހައްޓަމުން އައިލީން ބުނެލިއެވެ.
"ޔޭސް....! ސަޅި އައިޑިއާއެއް....! ނަޞީބެއް މިތަނުން ސައިކަލް ރެންޓް ކުރާކަން.... އެހެން ނޫނީ މިރަށުގައި ހިނގާފަ އުޅެންޖެހޭނީ... އަހަރެން އަންނަންތަ ރޫމަށް ގޮސް ޓޮއިލެޓަށް ވަދެލާފައި....! އަންނަންވާއިރަށް އައިލީން ކައުންޓަރަށް ގޮސް ސައިކަލެއް ހަޔަރ ކޮށްލަބަލަ...!" ކައިނިމިގެން ފެންފޮދެއް ބޯލަމުން ރާއިފު ބުނެލިއެވެ.
"އަވަހަށް އަންނާތި އިނގޭ...." ތެދުވަމުން އައިލީން ބުނެލިއެވެ.
އައިލީން ދިޔައީ ސައިކަލެއް ހަޔަރ ކުރުމަށް ކައުންޓަރު ކައިރިއަށެވެ. ރާއިފު ދިޔައީ ރޫމަށެވެ. ރޫމަށްގޮސް ޓޮއިލެޓަށް ވަދެލާފައި ނިކުތްއިރު ކޮޓަރި ތެރޭގައިހުރީ ރަޝީދު އެވެ.
ރަޝީދު...! މިތާ ރޫމްތެރޭ ކީއްތިކުރަނީ....؟ ކިހިނެތް ރޫމަށް ތިވަނީ....؟" ރަޝީދު ފެނުމުން ރާއިފު ހައިރާންވެފައި ހުރެ ސުވާލު ކުއްލިއެވެ.
"ރޫމް، ލޮކް ނުކޮށްހުރީ...." ދޮރާއި ދިމާއަށް ބަލާލުމަށްފަހު ރަޝީދު ބުނެލިއެވެ.
"ލޮކް ނުކޮށް ހުއްޓަސް މިގަޑީގައި ރޫމްއަށް ވަންނާކަށް ނުޖެހޭނެއެއްނު.... ކަމަކު ވަންނަން ޖެހުނަސް ބެލްޖެހޭނެ އެއްނު...." ރާއިފު ހިތްހަމަ ނުޖެހިފައިވާ ވާހަކަ ދެއްކިއެވެ.
"ޖޫސްތައްޓެއް ހިފައިގެން މިއައީ.... ކުރީދުވަހުވެސް ހުތްއަނބު ޖޫސް ނުލާހިކު މީރުކޮށް ބުއީމަ މިއަދު އަނެއްކާވެސް ޖޫސްތައްޓެއް ގެނައީ... ބޯލާ....!" މޭޒުމަތީގައި ބަހައްޓާފައިހުރި ޖޫސްތައްޓާއި ދިމާއަށް ބަލާލަމުން ރަޝީދު ވާހަކަ ދެއްކިއެވެ.
"އަހަރެން މިއައީ ދެންމެ ކައިގެން....! އެހެން ނޫނަސް އަހަރެން ނުބުނަމެއްނު ޖޫސްތައްޓެއް ގެންނާކަށް....." ރާއިފު ހިތްހަމަ ނުޖެހިފައިވާ ބުނެލިއެވެ.
"ވަރަށް މީރުވާނެ... އެ ބޯލާ... މަށޭ ތައްޔާރުކުރީވެސް..." ރާއިފު އާއި ދިމާއަށް ބަލަންހުރެ އަނެއްކާވެސް ރަޝީދު ވާހަކަ ދެއްކިއެވެ.
"ނުބޯނަމޭ.... ޖޫސްތަށި ހިފައިގެން މިތަނުން ނިކުމޭ.... މީގެ ފަހުން މިރޫމް ހުޅުވާފަހުއްޓަސް މިރޫމަށް ނުވަންނާތީ...." ހިތްހަމަ ނުޖެހިފައިހުރެ ރާއިފު ވާހަކަ ދެއްކިއެވެ.
ރަޝީދު ޖޫސްތަށި ނަގައިގެން ކޮޓަރިން ނުކުންނަމުން ފަހަތަށް އެނބުރި އެއްފަހަރު ބަލާލިއެވެ.
"މިފަހަރު ނުބުޔަސް އަދި ބޯވަރު ކޮށްލާނަން....." ރަޝީދު ހިތާހިތާ ކިޔާލުމަށްފަހު ކޮޓަރިން މަޑުމަޑުން ނުކުމެގެން ދިޔައެވެ.
ރާއިފު ތިރިއަށް ދިޔައިރު ރާއިފު ލަސްވެގެން އައިލީން ތިރީގައި ހުއްޓެވެ.
"ފާހާނާއަށްގޮސް ހާދަ ލަސްވީ...؟ ވީގޮތެއް ނޭނގިގެން ހޯދަންވެގެން މައްޗަށް ދާންއުޅިކޮށް ތިއައީ...." ރާއިފު ފެނުމުން އައިލީން ސުވާލުކޮށްލިއެވެ.
"ލަސްވާނެއެއްނު...!. ފާހާނާއިން ނުކުތްއިރު އެ ރަޝީދު ހުރީ ކޮޓަރިތެރޭގައި...! މިތާ މެނޭޖްމަންޓުން އެމީހުންނަށް ކޯޗެއްތަ މިދަސްކޮށްދެނީ....." ހިތްމަނުޖެހިފައި ހުރެ ރާއިފު ވާހަކަ ދެއްކިއެވެ.
"އެ ކީއްކުރަން އޭނަ ކޮޓަރިއަށް އައިސްވަނީ....! އެހެން ކޮޓަރިއަށް ވަދެވިގެން ނުވާނެއެއްނު...!" ހިނގައިގަންނަމުން އައިލީން ބުނެލިއެވެ.
"ނޭނގެ ޖޫސްތައްޓެއް ދޭންވެގެންނޯ....! އެބުނާ ޖޫސްތައްޓެއް ހިފައިގެން އައިސްހުރީވެސް....! އޭނަ ބަލަން އެހުންނަ ގޮތަކުން އަހަންނަށް ހީވަނީ އެއީ މާރަނގަޅު މީހެއް ނޫންހެން....! ކޮންމެސް އެހެން ނިޔަތެއް އޮވެގެން އުޅޭ މީހެއްހެން ހީވަނީ...! ފާޑުފާޑުގެ މީހުން މިހާރު އުޅޭނެ...! ވަރަށް ވިސްނައިގެން އަހަރުމެން އުޅެންޖެހޭނީ...! ބިރުވެރި ފާޑަކަށް ހުންނަނީވެސް...." ސައިކަލަށް އަރަމުން ހިތްހަމަ ނުޖެހި އިނދެ ރާއިފު ވާހަކަ ދެއްކިއެވެ.
"ކޮން ނިޔަތެއް....؟ އަނެއްކާ އަހަންނަށް އޭނަ ހިތްކިޔަނީތަ.....؟ ހިތްކިޔަސް މިހާރު އެއްވެސް މީހަކަށް މަށެއް ނުލިބޭނެ...! މަށަމީ ރާއިފުގެ ޙައްޤެކޭ..!" ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.
"ސާބަސް ސީރިއަސްވެބަލަ...! އަހަންނަށް ހީވަނީ އެއީ ވަރަށް ސީރިއަސް ކަމެއްހެން...! ހީވޭ އެއީ ފަންޑިތަވެސް ހަދާ މީހެންހެން....! މިރޭ އިރުއޮއްސުނުއިރު ދުށިން އޭނަ ފާޑެއްގެ ކަށިގަނޑެއް ކަހަލަ އެއްޗެއް ފުރަގަހަށްލާ ފޮރުވައިގެން އެތެރެއަށް ވަދެގެން ދިޔަތަން.... ފަންޑިތަ ހަދަން މީހުން ބޭނުންކުރާ އެއްޗެއް އެއީ... މަށަށް ހަމަ ޔަޤީން...!" ސީރިއަސްވެފައި ރާއިފު ވާހަކަ ދެއްކިއެވެ.
"އެހެންވީމާ ރާއިފުވެސް ހާދަވަރަކަށޭ ރަޝީދުއަށް ތިބަލަނީ...!" ހީނލާފައި އަނެއްކާވެސް ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.
"ނޫނެކޭ...! އައިލީން ޤަބޫލު ނުކޮށްފާނެތީ މިވާހަކަ ނުބުނަން މިހުންނަނީ...! މިރޭ އެ ރަޝީދު އަހަންނަށް ދެފަހަރަށް ފެނިއްޖެހެންވެސް ހީވޭ....! ރެސްޓޯރަންޓުގައި ތިއްބަ އޭނަ އެތެރެއަށް ވަދެގެން ދިޔައީ....! އޭގެ ފަހުން ބޭރަކަށް އޭނަ ނުނިކުމޭ.... އެކަމަކު ހަމަ އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ފޭނުނީ ބޭރުން އޭނަ އައިސް އެތެރެއަށް ވަދެގެން ދިޔަތަން.... އެފަހަރު ހީވި އޭނަގެ ލޯ ކުރިއަށްވުރެ ބޮޑުހެން...." ރާއިފު ސައިކަލު ދުއްވަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު، ތީދެން ކިހިނެތްވާނެ ކަމެއް...؟ ތިވާނީ ހީވިގޮތެއް ކަމަށް.... އޭނަ ވަދެފަ ނިކުތްތަން ރާއިފުއަށް ނުފެނުނީ ކަންނޭނގެ....! އެރަޝީދުގެ ދެލޮލުގައި ފަލަކޮން އަދުން އަޅާފަ ހުންނާތީ ރާއިފުއަށް ހީވާގޮތެއް ކަންނާނގެ ތިއީ..." ހީނލާފައި އައިލީން ވާހަކަ ދެއްކިއެވެ.
"ވެދާނެ ތިހެން ކަމަށްވެސް....! އެކަމަކު އަހަންނަށް މިހާރު އެހޮޓާ އެހާ ކޮންފޮޓެބަލް އެއް ނޫން...!" ސައިކަލް ދުއްވަމުން ރާއިފު ބުންޏެވެ.
"އަހަންނަށްވެސް ތިކަހަލަ އެއްޗެއް ފީލްވެއޭ...! ރާއިފު ހިތްހަމަ ނުޖެހިދާނެތީ އަޅާނުލާން މި ހުންނަނީ...! އަނެއްކާ އެ ހޮޓާ އެއީ އަސްލުވެސް ރަނގަޅު ތަނެއްބާ...؟" ރާއިފުގެ ބުރަކަށީގައި ހިފަހައްޓާލަމުން އައިލީން ވާހަކަ ދެއްކިއެވެ.
ކީއްވެ ތިހެން ތިބުނީ..؟. އެތަނުން އައިލީންއަށްވެސް ކަމެއް ފެނުނީތަ...؟" ކުޑަކޮށް ފަހަތަށް ބަލާލުމަށްފަހު ރާއިފު ސުވާލުކޮށްލިއެވެ.
"އަހަރުމެން ފިޔަވާ އިތުރު އެއްވެސް ބަޔެއް އެތާކު ނޫޅެއެއްނު.... އިތުރު ބަޔަކު އެތަނަށް ނާންނަނީ ކޮންމެސް ސަބަބެއް އޮވެގެން ކަމަށްވެދާނެއެއްނު...." އައިލީން ހާސްވެފައި ވާހަކަދެއްކިއެވެ.
ގެސްޓް ހައުސްތަކާއި ހޮޓާތަކަކީ އެކަހަލަ ތަންތަނޭ...." ރާއިފު ކުޑަކޮށް ހީނލާފައި ބުންޏެވެ.
"ތީގެ މާނައަކީ...! އަސްލުވެސް އެއީ އެކަހަލަ ތަނެއްތަ...؟ ދެން ކީއްކުރަން އަހަރެމެން އެހޮޓަލުގައި ތިބެން ނިންމީ...!" ހާސްވެފައި އައިލީން ބުނެލިއެވެ.
"ސާބަސް...! މިބުނީ މީހުން އަންނަފަހަރާއި، ހުސްވާ ފަހަރާއި ފުލްކޮށް ހުންނަ ދުވަސްވަރޭދާނީ.... މިދުވަސްކޮޅު އަހަރުމެން ފިޔަވައި އިތުރު ބަޔަކު ނެތީނު.....!" ރާއިފު ބުނެލިއެވެ.
"އެކަމަކުވެސް އަހަންނަށްވެސް އެހެން ކަހަލަ ގޮތެއް ފީލްވަނީ، އެ ރަޝީދު ބަލަން އެހުންނަނީ ބުޅާ މަސްގަނޑަކާ ދިމާއަށް ބަލަން ހުންނަހެން...! މިރޭ ކޮޓަރިއަށް ގޮސް ރާއިފުއަށް އެޖޫސްޓެއް ދޭންވެސް އެއުޅުނީ ކޮންމެވެސް އެހެން މަޤްޞަދެއްގަހެން މަށަށް އެބަހީވޭ މިހާރު....! މަށަށް ހަމަ ހީވަނީ ގޯހެއް އުޅޭހެން...." އައިލީން ސީރިއަސް ވެފައިއިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
"އައިލީން ހިތްހަމަ ނުޖެހެންޏާ އެހެން ތާކަށް ބަދަލުވަމާ ހިނގާ...! އެހެންނޫނީ މާދަމާ މާލެދަމާ ހިނގާ....!" ރާއިފުވެސް ސީރިއަސްވެފައި ވާހަކަ ދެއްކިއެވެ.
"މާދަން ނޫން އަނެއް ދުވަހު ފުރަންވީނު ދެން....! އެހެންވީމާ މި ދެދުވަހު ދެން އެތާ މަޑުކޮށްލަން ފެންނަނީ...!" އައިލީން ވާހަކަ ދެއްކިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 08 އޯގަސްޓް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް