ވާހަކަ: ޑައިރީ – ތިރީސް ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... މީހަކު ފެންނަށް ނެތުމާއެކު އެނބުރި ދިޔުމަށްޓަކައި ސިޑިން މައްޗަށް އެރުމަށް އެނބުރިވަގުތު އަޅާގަތީ ކުރިމަތީގައިހުރި މީހެއްގެ ގައިގައެވެ. "ކާކު މިތާ...؟ ސިއްސައިގެންނޭ އެދިޔައީ.....

04 Aug 2024 | 07:18

ކުރީގެ އަދަދާއި ގުޅޭ...

މީހަކު ފެންނަށް ނެތުމާއެކު އެނބުރި ދިޔުމަށްޓަކައި ސިޑިން މައްޗަށް އެރުމަށް އެނބުރިވަގުތު އަޅާގަތީ ކުރިމަތީގައިހުރި މީހެއްގެ ގައިގައެވެ.

"ކާކު މިތާ...؟ ސިއްސައިގެންނޭ އެދިޔައީ.... ތިއީ މީހުން ކަންތައްކުރާ ގޮތެއް ނޫނެއްނު...!" ކުޑަކޮށް ހަޅޭއްލަވައި ގަތުމަށްފަހު ހިތްހަމަ ނުޖެހިފައި އައިލީން ބުނެލިއެވެ.

"މިއީ ރަޝީދު...! މިތާ ސްޓާފެއް...! އެއްޗެއް ބޭނުންވީތަ....؟" ބަރު އަޑެއް އިވިގެން ދިޔައެވެ.

"އާނ...! ބަނޑުހައިވެގެން ނުނިދިގެން ކާއެއްޗެއް ލިބޭތޯ މިއައީ.... މިގަޑީގައި އެއްވެސް އެއްޗެއް ލިބެން އެބަހުރިތަ...؟" ކުޑަކޮށް ފަހަތަށް ޖެހިލުމަށްފަހު އައިލީން ބުނެލިއެވެ.

"މިހާ ދަންވިއިރުވެސް އަދިވެސް ނުނިދާތަ ތިއުޅެނީ...؟" ރަޝީދު ދެއްކީ ބޭރު އެހެން ވާހަކައެކެވެ.

"އާނ...އަދި ނުނިދާ މިއުޅެނީ.... ކޮންމެސް ކާއެއްޗެއް މިގަޑީގައި ލިބިދާނެތަ....؟ އަނެއްކާ އައިލީން ސުވާލު ކުރިއެވެ.

"ކުރިން ބުނިނަމަ ރަނގަޅު އެއްޗެއް ތައްޔާރުކޮށްލާފަ ބެހެއްޓީހީ...! އެކަމަކު މިގަޑީގައި އެއްޗެއް ތައްޔާރު ކުރަން ވަރަށް އުދަގޫވާނެ....! މިތާނގައި ކައްކާމީހާ ވެސް މިހާރުވީ ގެއަށްގޮސް...! މިގަޑީގައި ދެން ލިބޭނީ ޑްރިންކެއް....." އަނދިރީގެ ތެރޭގައި އައިލީންގެ މޫނަށް ބަލަހައްޓައިގެން ހުރެ ރަޝީދު ވާހަކަދެއްކިއެވެ.

"އެއްޗެއް ނެތިއްޔާ މިގަޑީގައި ޑްރިންކެއްވެސް އޯކޭވާނެ.... އެކަމަކު ދެ ޑްރިންކް ބޭނުންވަނީ.... އެއިންވެސް ކޮންމެސް ވަރެއްވާނެ...!" އައިލީން ބުނެލިއެވެ.

"ދެ ޑްރިންކް ކީއްކުރަން....! ފިރިމީހާވެސް އަދިވެސް ހޭލާތަ އޮތީ....." އައިސްއަލަމާރިން ދެ ޑްރިންކް ދިއްކޮށްލަމުން ރަޝީދު ބުނެލިއެވެ.

"އާނ...! އަހަރުމެން އަދި ނުނިދަމޭ...! މިހެން އައިސްއުޅޭއިރު އެހާ އަވަހަށް ނިދާއެއްޗެއް ނޫނެއްނު...! މަޖާކުރަންތާ މިކަހަލަ ތަންތަނަށް މިއަންނަނީ..." އައިލީން ދެ ޑްރިންކް ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ.

"އާނ...! މިފަހަރު އެނބުރި މާލެދާންވާނީ ވަރަށް ރަނގަޅަށް މަޖާކޮށްލާފައި....!" ތުންފަތަށް މަކަރުވެރި ހިނިތުންވުމެއް ގެންނަމުން ރަޝީދު މަޑުމަޑުން ބުނެލިއެވެ.

"ކީކޭ...؟ އެއްޗެކޭ ބުނިންތަ...؟" ރަޝީދު މަޑުމަޑުން އެއްޗެކޭ ބުނިހެން ހީވެގެން އައިލީން އަނެއްކާވެސް އެނބުރިފައި ސުވާލު ކޮށްލިއެވެ.

"ނުބުނަން އެއްވެސް އެއްޗެއް...!" ރަޝީދު ޖަވާބު ދިނެވެ.

"އެންމެ ރަނގަޅު...! މަށަށް ކިޔަނީ އައިލީން...! އަހަރެންގެ ފިރިމީހާގެ ނަމަކީ ރާއިފު...!" އަނެއްކާވެސް އައިލީން ހިނގައި ގަންނަމުން ބުނެލިއެވެ.

"އިނގެޔޭ ތިކަން....! މިކޮޅު ލިސްޓުގައި ތިދެމީހުންގެ ނަން އޮންނާނެއެއްނު...!" ރަޝީދުގެ ތުންފަތްމައްޗަށް އަދިވެސް ވެރިވެފައިވަނީ މަރުކަވެރި ކަމުގެ ހިނިތުންވުމެވެ.

އައިލީން ގޮސް ސިޑިން މައްޗަށް އަރަންދެން ރަޝީދު، އައިލީންއަށް ބަލަހައްޓައިގެން ހުއްޓެވެ. އައިލީން ރޫމަށް ވަންއިރު ރާއިފު އެނދުގައި އިށީނދެލައިގެން އިނެވެ.

"އެއްވެސް ކާއެއްޗެއް ނުލިބުނޭ... މިހާލަސްވީމަ މިތާނގައި އުޅޭ ކައްކާ މީހާއެއްވެސް ނެތޯ....! އެހެންވެ ޑްރިންކެއް އެކަނި ލިބުނީ... ނަޞީބެއްނު މިވެސް ލިބުނުކަން...! އެހެން ނޫންނަމަ މިރޭ ހަތަރުދަމު ދެމީހުން ބަނޑަށް ތިބެން ޖެހޭނީ...!." ޑްރިންކް ދައްކާލަމުން އައިލީން ބުނެލިއެވެ.

"އޯކޭވާނެ...! މިވަގުތަށް ދެން ޑްރިންކަކުން ފުއްދާލާނީ....! މި ބޯލީމަ އަދި އެހެން ޑްރިންކެއްވެސް ދެއްޗޭ...." އައިލީން އަތުން ޑްރިންކް ދަމައިގަންނަމުން މިފްޒާލް ހެމުންހެމުން ބުނެލިއެވެ.

"އެންމެ ރަނގަޅު...! އެކަމަކު ތިބުނާ ޑްރިންކެއް ދޭން މިއަންނަނީ ޓޮއިލެޓަށް ވަދެލާފައި" ފާހާނާއާއި ދިމާއަށް ހިނގައިގަންނަމުން އައިލީން ބުނެލިއެވެ.

"އައިސް އަނެއްކާ ފަށާނީދޯ....؟ ރާއިފުއަށް ލިބިފައި މިހިރީ ހަމަ ލޯބިގަނޑެއް...! ދެރައީ ކުރިން މިކަން ނޭނގުނުކަން...!" އައިލީން ފާހާނާއަށް ގޮސްގޮސް ހުއްޓާ އައިލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ރާއިފު ބުނެލިއެވެ.

"ނޫޅެން..!. ދެން ނިދާނީ...! ރާއިފު ވަރުބައްޔެއްވެސް ނުވޭތަ...؟ އަހަރެން މިހާރު ވަރުބަލިވެއްޖެ...!" އައިލީން އަނެއްކާވެސް ހިނގައިގަންނަމުން ސަމާސާ ރާގަކަށް ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް ބޭރުން އެއްޗެއް ވެއްޓުނު އަޑަށް ރާއިފު ތެދުވެގެން ގޮސް ދޮރުހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. އޭރު ކޮޓަރި ދޮރުކައިރީ ރަޝީދު ހުއްޓެވެ. ބޭރުގައިހުރި ކުޑަމޭޒެއް މަތީގައި ބަހައްޓާފައިހުރި ބޮކޭ އެއް ވެއްޓިފައި ބިންމަތީގައި އޮތެވެ.

"ކަލޭ މިގަޑީގައި މިރޫމް ދޮރުމަތީ....؟ އަނެއްކާ ތީ ކޮންކަމެއް...؟ " ރާއިފު ޙައިރާންވެފައި ސުވާލު ކުރިއެވެ.

އާން..!. އާން...! އަދި.. އަދި ޑްރިންކް ބޭނުންތޯ ބަލާލަން.... އެހާ ލަސްވަންދެން ނުނިދާ ތިބެންޏާ ވަރަށް ބަނޑުހައިވާނެ އެއްނު... އެހެންވެ...!" ރަޝީދު އަޅައިގަންނަމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

"ދެން ބޭނުމެއް ނޫން...! ބޭނުމިއްޔާ ބުނާނަން...! ހާދަ ޚިދުމަތް ރަނގަޅު ތަނެކޭދޯ މިއީ....!" ރާއިފު ދޮރުލައްޕަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

ޖެހިގެން އައިދުވަހުގެ މެންދުރުގެ ވަގުތެވެ. ރާއިފު އާއި އައިލީން ބީޗުގައި ސަކަރާތްގަނެ މަޖާކުރަން އުޅުމަށްފަހު އެރުނީ މޫދަށެވެ. މޫދުގައިވެސް ވަރަށް ގިނައިރު އުޅުމަށްފަހު އައިސް ވެލިގަނޑުމަތީގައި ޖައްސާލިއެވެ. ދެމީހުން އެކިއެކި ވާހަކައިގައި ބީޗުގައި ތިއްބާ ގޮނޑުދޮށުގައިހުރި މަގޫ ގަސްތަކާ ދިމާއަށް ބަލާލިއިރު އެދިމާއިން ދުރުގައި އައިލީން މެންނާ ދިމާއަށް ބަލަހައްޓައިގެންހުރީ މިފްޒާލްހެން އައިލީން އަށް ހީވިއެވެ. އެހެން ނަމަވެސް އިރުކޮޅަކުން ބަލާލިއިރު އެތަނުގައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އައިލީންއަށް ހީވީ އެއީ މިފްޒާލް ކަންތައްކުރި ގޮތާމެދު އައިލީން ވިސްނާތީ އޭނާއަށް ހީވި ގޮތެއް ކަމަށެވެ. އެހެން ނަމަވެސް އައިލީން މެންއުޅޭ ގޮތަށް ފާރަލުމަށްޓަކައި އެވަގުތު އެތަނުގައި ހުރީ މިފްޒާލް އެވެ. އެ އުފާވެރި ދަތުރުގައިވެސް އައިލީން އަށް ބައެއް ފަހަރު މިފްޒާލް އާ ދޭތެރޭގައި ވިސްނޭތީ އައިލީން ގަސްދުކުރީ ކުރިން ކަންތައްތައް ވީގޮތް ރާއިފުއަށް ކިޔައިދިނުމަށެވެ. އެވާހަކަތައް އަޑުއެހުމަށްފަހު ރާއިފު އައިލީންއަށް މާފުކުރާނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އެވާހަކަ ކިޔައިދޭން އައިލީން ފަރިކޮށްލި ވަގުތު އެދިމާއިން މޫދަށް އެރިއުޅުނު ކުޑަކުއްޖަކަށް ލޮނުބޮވިގެން ކެއްސަން ފެށިއެވެ. ރާއިފު ދުވެފައި ދިޔައީ އެ ދިމާއަށެވެ. އައިލީން އޭނާގެ އެބޮޑު ސިއްރު ރާއިފުއަށް ކިޔައިދޭން ތައްޔާރުވި ވަގުތު އެ ކަމަށް ހުރަސްއެޅުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮން ކަހަލަ ފާލެއް ބާއެވެ؟ ވިސްނާލުމަށްޓަކައި އައިލީންއަށް ދެވަނަ ފުރުޞަތެއް ލިބުނީބާއެވެ؟ ރާއިފުގެ ފަރާތުން އެންމެ ބޮޑު އިހާނެތިކަމެއް އައިލީންއަށް މީގެ ކުރިން ލިބެމުންދިޔައީ ލޯބީގެ އުފާތައް ހޯދުމުގައެވެ. އެހެންނަމަވެސް ޖެހިލުންވެ ހުރެ ނަމަވެސް އެ ވާހަކަ ފިރިމީހާއާ ހިއްސާ ކުރުމުން، އެ މައްސަލަ ޙައްލުވެ އެކަމުގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އައިލީންއަށްވެސް މިހާރު ލިބެމުންދެއެވެ. ކައިވެންޏެއްގެ ފުރިހަމަ އުފާވެރިކަން އައިލީންއަށް މިހާރުވަނީ ލިބިފައެވެ. އެހުރިހާ އުފަލެއް ލިބުނުއިރު އައިލީންވަނީ އެހެން މަޅިއެއްގައި ބަނދެވިފައެވެ. މިފްޒާލް އެގެންގުޅޭ ފޮޓޯގަނޑަކީ އައިލީންގެ ކައިވެނި ރޫޅިގެންދާވަރުގެ ފޮޓޯއެކެވެ.

ހިނގާ ރޫމަށްދާން...! ވަރަށް ވަރުބަލި ވެއްޖެ...! އަހަރެންގެ ފައި އަކުނިވަޔަށް ދަމާހެންވެސް އެބަހީވޭ....." އައިލީންވެސް އެއްޗެއް ނުބުނެ މާގިނައިރު ވެލިގަނޑު މަތީގައި އޮށޯވެލައިގެން އޮތުމުން މާބޮޑަށް ވަރުބަލިވީ ކަމަށް ހީކޮށް ރާއިފު ބުނެލިއެވެ.

"މާދަން އަދި މޫދަން އެރެން އަންނަމަތިން ދާނީ.... ބީޗުވެސް ރީތިކަންދޯ...." ވިސްނާލަން އިރުކޮޅަކު އޮތުމަށްފަހު ތެދުވަމުން އައިލީން ބުނެލިއެވެ.

އައިލީން އާއި ރާއިފު ހޮޓަލަށް ވަންނަން އައިއިރު ހޮޓާ ދޮރުމަތިން ދިމާވީ ރަޝީދު އާއެވެ. ހީވީ އެމީހުން އަންނަންދެން އިންތިޒާތުގައި ދޮރުމަތީގައި ހުރިހެންނެވެ.

"މޫދަށް އެރިލާފަ ދޯ....؟ ކިހިނެތްވަނީ....؟ މިރަށުގެ މޫދު ރިތި ވާހަކަ އެއްމެންވެސް ދައްކާނެ...!" ރާއިފު އާ ދިމާއަށް ބަލަންހުރި ރަޝީދު ސުވާލު ކުރިއެވެ.

"އާން...! ބީޗްވެސް މޫދުވެސް ވަރަށް ސަޅި...! ސަރަކާތްގަނެ މަޖާކޮށްލާފައި މިއައީ....!" ރާއިފުގެ ބަދަލުގައި ސުވާލަށް ޖަވާބުދިނީ އައިލީން އެވެ.

"ހޮޓަލުގައި ނެތްކަން އެނގިގެން، ކަލޭމެން މޫދުގައި އުޅެނިކޮށް ގޮނޑުދޮށަށް މަވެސް ދިޔައިމޭ....! މޫދުން އަންނައިރު ބަނޑުހައިވެފަ ތިބޭނެތީ އަންނަންވާއިރަށް ހުންނާނެ ވަރަށް މީރު ޖޫހެއް ތައްޔާރުކޮށްފައި....! ވަރަށް މީރުގޮތަކަށް ތައްޔާރުކުރީވެސް...! ސީދާ އަހަރެން އަތުން...." ރާއިފު އާ ދިމާއަށް ބަލަންހުރެ ރަޝީދު ބުނެލިއެވެ.

"އެހެންތަ....؟ ކޮންކަހަލަ ޖޫހެއް...؟ މިހާ ހޫނުގަދަ ގަޑިއެއްގައި ފިނިޖޫސް ތައްޓެއް ވަރަށް ފައްކާވާނެ...!. މިތަނަށް ގެންނަންވީނު...!." ގޯތިތެރޭގައިހުރި ގޮނޑިއެއްގައި އިށީންނަމުން ރާއިފު ބުނެލިއެވެ.

"ހުތްއަނބު ޖޫސް...! ވަރަށް ތަފާތުވާނެ...! މިއަންނަނީ ހިފައިގެން...! ތިތާނގައި މަޑުކޮށްލާ...!" ރަޝީދު އެތެރެއަށް ވަންނަމުން ބުނެލިއެވެ.

ރަޝީދު އެތެރެއަށްވަދެ ދެ ޖޫސްތަށި ހިފައިގެން އައިސް ދެމީހުންނަށް ދިއްކޮލިއެވެ. ރާއިފު އާއި އައިލީން ސަކަރާތް ގަންނަމުން ޖޫސްތަށި ބޮމުން ގެންދިޔައެވެ. ރަޝީދު އިނީ ކަޅި ޖަހާނުލާ ރާއިފު އާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ހިނގާ ދެން ފެންވަރަންދާން.... ކުޑަކޮން ރެސްޓްކޮށްލާފައި ހަވީރު އަދިދާންވާނެ ރަށުތެރެ ބަލާލަން...!" ހުސްތަށި ބެހެއްޓުމަށްފަހު އައިލިން ބުނެލިއެވެ.

އައިލީން އާއި ރާއިފު ތެދުވެގެން ހިނގައިގަތެވެ. ރަޝީދު ދެމީހުން ބޮއި ހުސްކޮށްފައިހުރި ހުސްތައްޓައް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ގޮސް ދެހުސްތަށި ނެގިއެވެ. އަދި އޭގެ ތެރެއިން ރާއިފު ހުސްކުރި ތަށީގައި ރާއިފު ތުންފަތްޖެހި ހިސާބަށް ވަކިން ބަލާލުމަށްފަހު ނުލަފާގޮތަށް ހިނިތުންވެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 އޯގަސްޓް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް