މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ، ޕްލޭޔާ/ކޯޗެއްގެ ގޮތުގައި އިނގިރޭސި ކްލަބަކާ ގުޅެން ނިންމައިފިއެވެ.
އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޫނީ، އަންނަ ޖެނުއަރީ މަހު ގުޅޭނީ އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބު ޑާބީ ޔުނައިޓެޑާއެވެ. އިނގިރޭސި ޗެމްޕިއަންޝިޕަކީ ދެވަނަ ޑިވިޝަނުގެ ލީގެވެ.
އަންނަ ޖެނުއަރީ މަހު ރޫނީ، ޑާބީއާ ގުޅޭނީ 18 މަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާ ގޮތަށް އޮތް ނަމަވެސް، އޭނާއަށް އެ އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ޑާބީއާ ގުޅުމަށްފަހު ރޫނީ ބުނީ އެ ކްލަބާ ގުޅުމަށް ފުރުސަތު ލިބުމުން އުފާކުރާ ކަމަށާއި ކޯޗެއްގެ ގޮތުގައި އެކްލަބުގެ އެކަޑަމީ އަދި ފަސްޓް ޓީމާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ. ޑާބީ އިން ދިން ފުރުސަތަށްޓަކައި ރޫނީ ވަނީ އެކްލަބުގެ ވެރިންނަށާއި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
ރޫނީއަކީ އިނގިރޭސި ގައުމީ ޓީމު އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް