ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވޮލީއަށް ހެޔޮ ނޭދޭ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުން: ލަތީފް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވޮލީބޯޅައަށް ހެޔޮ ނޭދޭ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދ...

06 Aug 2019 | 15:06

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވޮލީބޯޅައަށް ހެޔޮ ނޭދޭ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫން މަހު ވީއޭއެމްގެ ރައީސް ލަތީފް، މަގާމުގެ މަސްއޫލިއްޔަތުން ވަނީ ދުރުކޮށްފައެވެ. މިހާރު ވީއޭއެމްގެ ހިންގުން ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހްމަދު ސަލީމް ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

ލަތީފް ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އައިއޯއައިޖީގައި ވޯލީ އިން ރާއްޖެއަށް ލިބުނު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ވޮލީބޯޅަ އާއިލާގެ ތެރެއިން، ފިތުނަ ފަސާފަ އުފެއްދި ފަރާތްތަކުން އުފުލަން ޖެހޭނެ ކަމަށެވެ.

އައިއޯއައިޖީ އިން ކާމިޔާބީ ހޯދުމަށް ކުޅުންތެރިންނާއި އޮފިޝަލުން ކުރަމުންދިޔަ މަސައްކަތް، އަމާޒަށް ވާސިލު ނުވެ ނިމިގެންދިޔައީ ވޮލީބޯޅައިގެ ކުރިއެރުމަށް އެއްވެސް ގޮތަކަށް ނޭދޭ ބައެއްގެ މަކަރުވެރި އަދި ކެހިވެރި ރޭވުމެއްގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ވޮލީ ޓީމަށް ނާކާމިޔާބުވީ، ވޮލީއަށް އެއްވެސް މިންވަރަކަށް ހެޔޮ ނޭދޭ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މި އެސޯސިއޭޝަނުން ރާވާފައިވާ ތާވަލާ އެއްގޮތަށް ތަމްރީނުތައް ކުރިއަށް ނުގެންދިއުމާއި، ތާވަލަށް ބަދަލު ގެނައުމާއި ޓީމެއްގެ ގޮތުގައި ކުޅުންތެރިން ގެންގުޅެން ނޭގުމުގެ ނަތީޖާއިންނެވެ...،" ލަތީފްގެ ބަޔާނުގައި ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ޓީމުގެ މަސައްކަތުގެ ތެރެއިން މުބާރާތަށް ތައްޔާރުވުމަށް ދުރާލާ ރާވާފައިވާ ތާވަލަށް ބަދަލު ގެނައުމުގެ ސަބަބުންނާއި ވޮލީބޯޅަ އާއިލާގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާކަން ކުޅުންތެރިންގެ ކުޅުމުން ވެސް ފާހަގަކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް