ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިއްޖެ

ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ނިމެންދެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. ދައުލަތުން އަ...

06 Aug 2019 | 07:47

ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ނިމެންދެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އަދީބު ބަންދުގައި ބެހެއްޓުމަށް އެދުނީ މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޅ.މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް އަޑުއެހުމުގެ ތެރޭގައެވެ.

އަދީބު މިއަދުގެ އަޑުއެހުމަށް ވަކީލަކާއި ނުލައި އައުމުން، ވަކީލަކު ހަމަޖެއްސުމަށް ސުޕްރީމް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ޅ.މާބިންހުރާ މައްސަލައިގައި ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު އަށް އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ވަނީ އިއްވައިފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގާފައެވެ. އެހެންނަމަވެސް ހައިކޯޓުން އެ މައްސަލައަކީ ތަހުގީގު ފުރިހަމަ ނުވާ ސިޔާސީ ނުފޫޒުތައް އޮތް މައްސަލައެއް ކަމަށް ނިންމައިފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ. އަދި އެމައްސަލަ އަލުން ސުޕްރީމް ކޯޓަށް ގެންގޮސް އަދީބުގެ ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ޕީޖީން އެދުނެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރެދިނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް އެކަންޏެވެ.

އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، އޭނާ ވަނީ ޓަގު ބޯޓެއްގައި ފިލައިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އަދީބު އަތުލައިގަތީ އިންޑިއާގެ ކަސްޓަމްސް އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް