ނިޔާމަ ދަތުރަކަށް ފަހު ޒީޝާންމެން ދަތުރުކުރަމުން ދިޔަ ލޯންޗު އައިސް ހިތަދޫގެ ބަދަރަށް ވަނީ މެންދުރު ބާރަގަޑިބައިވެ އުޅެނިކޮށްށެވެ. އަވަސް އަރުވާލާފައި ލޯންޗުން ފައިބައިގެން ގޮސް ތިންމީހުންވެސް އެރީ ރިޢުމާން ބަލާ އައިސް އޮތް ކާރަށްށެވެ.ހީވަނީ ކޮންމެ މީހަކުވެސް ބޭނުންވަނީ އަވަހަށް ގެއަށް ގޮސް ދަތުރުގެ ވަރުބަލިކަން ފިލުވާލާށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކާރުގޮސް ޒީޝާނު ހުންނަގޭ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.
''އޭތް. ދިމް. އަނެއްކާ މާން އާއި އެކު މަރަދުއަށް ދާނީއެއްނޫނޭ. ގެއަށް ދާނީ.'' ޒީޝާން ކާރުން ފައިބަމުން ދިމާކުރާ ކަހަލަ ރާގަކަށް ބުއްޏެވެ.
''ސާބަހޭ އަހަރެން ނޫޅެމޭ މަރަދުއަށް ދާކަށެއް.'' ދިމްނާ ހިނިތުން ވެލަމުން ބުއްޏެވެ. ''ދިމްއަށް އެނގޭތަ. އަސްލު ޒީ ވަރަށް ދާހިތްވާނެ މަރަދުއަށް.''ރިޢުމާން ޒީޝާނާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''އަމުދަކުން މަށެއް ނޫޅެން މަރަދުއަށް ދާހިތަކުން. ''ޒީޝާން ހިނގައިގަތީ ދޮރާއްޓާއި ދިމާއަށެވެ. ''ބަލާބަލަ ނާދެވިފަ ހުއްޓާ އެހިސާބުން މިހިސާބަށް ގެނެސްދިނީމަ ޝުކުރިއްޔާއޭ ވެސް ބުނެނުލައެއްނު އެދަނީ.'' ރިޢުމާން ޒީޝާން ހިނގައިގަތުމުން ގޮވާލިއެވެ.
''އޯހ. ސޮރީ. ވަރަށް ބޮޑަށް ޝުކުރިއްޔާ ރިޢުމާން ސަރ.'' ޒީޝާން ބުނި ގޮތުން އެއްމެން ގާތަށްވެސް ހިނިއައެވެ. ޒީޝާނު ގެއަށް ވަނުމާއެކު ރިޢުމާނުމެންވެސް ކާރު ދުއްވާލައިފިއެވެ.
''އަހަ ޒީ. އަންގާވެސް ނުލާ. ކޮން އިރަކުއައީ.'' ގޭތެރެއަށް ވަން ޒީޝާނު ފެނުމުން ސިޓިންރޫމުގައި އިން ޝާހިދާ ދިޔައީ ސިހިގެންނެވެ. ''ހަމަ ދެންމެމިއައީ.ކާޑެއްދުއަށް އައިސްފަ ކަނޑުމަގުންނޭ މިރަށަށް މިއައީ ތިއްތާ. ޒީޝާން އަތުގައި ހުރި ފޮށިގަނޑުގެންގޮސް ޝާހިދާގާތުގައި ބެހެއްޓިއެވެ. ''މީގަ ހުންނާނެ ރަށުން މަންމަ ފޮނުވި ހަދިޔާ. މަންމަ އާއި ދޮންތަވެސް ވަރަށް ސަލާމް ބުނި.'' ޒީޝާނު ހިނގައިގަތީ ކޮޓަރިއާއި ދިމާށެވެ.
''މަންމަގެ ހާލު ރަނގަޅުތަ.'' ޝާހިދާ އަހާލިއެވެ. ''ހޫނ.''ޒީޝާން ޝާހިދާއާއި ދިމާއަށް ބަލާލަމުން ހިނިތުން ވެލިއެވެ. ''ދެން އަވަހަށް ގޮސް ފެންވަރާލައިގެން ނަމާދުކޮށްލައިގެން ކޮންމެވެސް އެއްޗެށް ކާލަން އާދޭ. މިއަދު ޔޫހާވެސްވީ ނޫރާމެންނާއި އެކު ދަތުރުގޮސް. ''ޝާހިދާ ވާހަކަ ދެއްކީ އެއްބަނޑު އެއްބަފާ ކޮއްކޮއަކާއި ވާހަކަދައްކާ ފަދައިންނެވެ.ޒީޝާންވެސް މަޑުމަޑުން ގޮސްވަނީ ކޮޓަރިއަށެވެ.
ޒީޝާނު ނަމާދުކޮށްލައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. ދަތުރު ވަރުބަލިކަމާއި ބޮލުގައި ހުރި ރިހުމެއްގެ ސަބަބުން އެނދުގައި ހަމަޖައްސާލި ތަނާ އޭނާއަށް ނިދޭގޮތްވެއްޖެއެވެ. ޒީޝާނަށް ހޭލެވުނީ އިރު އަސުރުންވެސް ތިރިވި ފަހުންނެވެ. އޭރު ބަނޑުހައިވެގެން ގޮސް ހުރެވެނީކީ ނޫނެވެ. އަވަސް އަވަހަށް އަސުރު ނަމާދުކޮށްލައިގެން ގޮސްވަނީ ކާގެއަށްށެވެ. އޭރު ކާގޭ މޭޒުދޮށުގައި ނަވީލްސައިބޯން އިނެވެ
''ނަވީލް. ކިހިނެއްތަ ހާލު. އަސްލު ރަށުގަ ހުއްޓާ ނަވީލް ގުޅާލީމަ ވަރަށް އުފާވި.'' ޒީޝާނު ވާހަކަ ދައްކަމުން ދިޔައީ އެންމެ ފަހަރަކުވެސް މޭޒުދޮށުގައި އިން ޝާހިލަށް ބަލާވެސް ނުލާހުރެއެވެ. އޭނާވާހަކަ ދައްކަމުން ދިޔައީ ކާންވެގެން ތައްޓަކަށް ބަތްއަޅަމުންނެވެ.
''ކީއްވެތަ އަނގައިން ނުބުނީ. އަނެއްކާ އަހަރެން ދެކެ ރުޅިއައިސްފަތަ؟'' ޒީޝާން އައިސް މޭޒުމަތީ ތަށިބަހައްޓަމުން ޝާހިލަށް ބަލާލިއެވެ. އެވަގުތު މޭޒުދޮށުގައި ސައިބޯން އިނީ ނަވީލް ނޫންކަން އެނގުމުން އޭނާ ރަކިވާގޮތްވިއެވެ. އޭރު ޝާހިލް އިނީ ކަޅިވެސް ޖަހާނުލާ ޒީޝާނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޝާހިލްގެ އެބެލުމުން އެއްކިބާވުމަށްޓަކައި ޒީޝާން އަވަސް އަވަހަށް އިސްދަށަށް ޖަހާލިއެވެ. އޭނާ އަވަސް އަވަހަށް ގޮނޑިއެއް ދަމާލާފައި އިށީއްނެވެ. ބޭނުންވަނީ ޝާހިލާއި ދިމާއަށް ނުބަލާށެވެ. އަދި އޭނާއަށް އެއީ ކާކުކަމެއްވެސް ނޭނގެއެވެ. އެއީ ކޮންމެމީހަކަށް ވިޔަސް އޭނާއާއި ނަވީލާއި ވައްތަރު ގޮތެއް ހުރިކަން ފުރަތަމަ ބަލާލުމުން ވެސް ޒީޝާނަށް ފާހަގަ ކުރެވުނެވެ. ޒީޝާން އިސްޖަހާލައިގެން އިނދެމަޑުމަޑުން ކަމުން ގެންދިޔައެވެ. ކުއްލިއަކަށް ކާގެއަށް އައިސްވަނީ ޝާހިދާއެވެ.
''އެވަރަށް ބުނީމަވެސް ނުކައި ނިދީދޯ. ޝާހިދައްތަ އިނިން ޒީ ކާން އަންނާނެކަމަށް ނުކައިވެސް. މާބޮޑަށް ލަސްވީމަ އެގިއްޖެ ނިދީކަން. ޒީއަށް އެގޭތަ މީކާކުކަން.'' ޝާހިދާ ޝާހިލު ދައްކާލަމުން ބުއްޏެވެ. ޒީޝާނު ނޭގެއޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
''މީ ޝާހިދައްތަގެ ކޮއްކޮ ޝާހިލް. ޝާހިލްކޮއްކޯ. މީ ތިއްތަ ގާތު ކިޔަވަން ހުންނަ ކުއްޖެއް. އެ އައީ ސެމިސްޓަރ ބުރޭކުގަ ރަށަށް ގޮސްފަ.'' ޝާހިދާ ޒީޝާނަށް ޝާހިލް ޝާހިލަށް ޒީޝާނަށް ތަޢާރަފުކޮށް ދިނުމަށް ފަހު އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ގޭތެރެއަށް ދިޔުމަށް ހިނގައިގަތެވެ.
މޭޒުދޮށުގައި ސައިބޯން އިން ޝާހިލަށް އިރުއިރުކޮޅާއި ޒީޝާނާއި ދިމާއަށް ބަލާލެވެއެވެ. އޭނާއަށް ބަލާލެވޭ ކޮންމެ ފަހަރުވެސް އޭނާއަށް ފެންނަމުން ދިޔައީ ޒީޝާން އަވަސް އަރުވާލާފައި ކަމުން ދާ މަންޒަރެވެ. ހީވަނީ ޝާހިލް މޭޒުދޮށުގައި އިނުމުން އޭނާއަށް އުނދަގޫތަކެއް ވަމުން ދާތީ އެކަމުން ސަލާމަތްވާން އުޅޭހެންނެވެ.
''ތިހާ އަވަސް އަވަހަށް ކާކަށް ނުވާނެ.'' ޝާހިލަށް މަޑަކުން ނީދެވުނެވެ.ނަމަވެސް ޒީޝާން އޭނާއާއި ދިމާއަށް ބަލާލުން ފިޔަވައި އިތުރު އެއްޗެއް ނުބުނެއެވެ. ''ކީއްވެ އެއްޗެކޭ ނުބުނީ. އަނެއްކާ އަހަރެން މިތާ އިނީމަ ހިތްހަމަ ނުޖެހިފަތަ ތީނީ.'' ޝާހިލް ދެވަނަ ސުވާލެއްވެސް ކޮށްލިއެވެ.
''ނޫން. އަޅުގަނޑަށް ވުރެ ކުރިން ކާގެއަށް ދުރުވީވެސް ޝާހިލެއް ނޫންތޯ؟ ވީއިރު ކީއްވެތޯ އަޅުގަނޑު ހިތްހަމަ ނުޖެހެން ވީކީ.'' ޒީޝާން ވާހަކަ ދެއްކީ އިސްދަށަށް ޖަހާލައިގެން އިނދެއެވެ. ''ވާހަކަ ނުދައްކާތީ އެހެން ހީވީ. ސޮރީ އިނގޭ.'' ޝާހިލް ޒީޝާނަށް ބަލާލާފައި މޭޒުދޮށުން ތެދުވެގެން ހިނގައިގަތެވެ. ޒީޝާނުވެސް ޝާހިލް ދިޔުމުން އަވަސް އަވަހަށް މޭޒުމަތީގައި ހުރި ތަށިތައް އެއްކޮށްލައިގެން ސިންކާ ދިމާއަށް ހިނގައިގަތެވެ.
''ކޮން އިރަކުތޯ ކަމަނާ ވަޑައިގަތީ.'' ގޭތެރެއަށް އައިސް ވަން ނޫރާއަށް ސިޓިންރޫމުގެ ސޯފާގައި އިން ޒީޝާން ފެނުމުން ހައިރާންވިއެވެ. ނޫރާގެ ފަހަތުން ޔޫހާވެސް ގޭތެރެއަށް ވަނެވެ. ޒީޝާން ފެނުމުން އޭނާ ދުވެފައި އައިސް ޒީޝާންގެ އުގުތެރެއަށް ވަނެވެ. ''ޒީދައްތަ އައީ ކޮން އިރަކު؟'' ޔޫހާ އަހާލިއެވެ.
''މެންދުރުވާން އުޅެނިކޮށް އައީ. ޔުހާއްކޮ ތިއައީ ޒީދައްތަ ނުލާ ދަތުރު ގޮސްލާފައެއްނު ދޯ.'' ޒީޝާން ޔޫހާގެ މައުސޫމު މޫނަށް ބަލާލަމުން ހިނިތުން ވެލިއެވެ. ''ހޫނ. އެކަމަކު ޒީދައްތަ ނެތީމަ އެހާ މަޖަލެއް ނޫން. ޒީދައްތަ މަތިން ވަރަށް މިސްވި.'' ޔޫހާ ބުއްޏެވެ.
''ގާތުގަ އިން އިރުވެސް ޒީދައްތަ މަތިން މިސްވަނީތަ ދަރިފުޅާ.'' ކޮޓަރިން ނިކުތް ޝާހިދާ ލޯތްބާއި އެކު ބުއްޏެވެ. ''މިހާރު މިސްއެއް ނުވެއޭދޯ ޔުހާއްކޯ.'' ޒީޝާން ޔޫހާގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ދަރިފުޅާ. މިހާރު ތިހިރީ ވަރަށް ވަރުބަލިވެފައެއްނު. ހިނގާ އަވަހަށް ފެންވަރާލަން ދާން.'' ޝާހިދާ ޔޫހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
''ނޫރާ. ދަތުރު ކިހިނެއްތަ؟'' ޒީޝާން ނޫރާއަށް ބަލާލަމުން ބުއްޏެވެ. ''އަދި ކިރިޔާދޯ އަހަރެން ފެންނަވަރުވީ. ބަލަތީ އަހަރެން އަހަންވީ ސުވާލެއް ނޫންތަ؟'' ނޫރާ ޝަކުވާކޮށްލިއެވެ. ''އަހަރެންގެ ދަތުރު ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ. ޗުއްޓީ ތަންކޮޅެއް ކުރުވީމަ މައްސަލައަކީ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ބުނަށްތަ. ތީ އަހަރެންވެސް ހަމަ މާލޭގައި ކިޔަވަން ހުރިއިރު ޖައްސާ މައްސަލައެއް. އަސްލު ރަށަށް އާދެވުނީމަ ދާހިތެއް ނުވޭ.'' ނޫރާ ޒީޝާންގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ބުއްޏެވެ.
''ހޫނ. އޭތް. ކޮބާތަ ނަވީލް؟'' ޒީޝާން ވަށައިގެން ހޯދާލަމުން ބުއްޏެވެ. ''ނޫޅޭތަ ގެއަކު. އެނގޭތަ މިހާރު އިރުއަރާއިރަށް ބޮޑުބޭބެއާއި އެކު ފިހާރައަށްދޭ. އެކަމަކު އިރުއޮއްސެންވާ އިރަށް ގެއަށް އަންނާނެ. ހީވަނީ އަދި މިއަދު ގެއަށް ނާންނަނީހެން. ވާހަކަދައްކާކަށް މިހެން އިނދެވޭކަށް ނެތޭ. އަދިމީދީ ފެންވެސް ނުވަރާ. އަންނާނަށް ފެންވަރާލައިގެން.'' ނޫރާ ތެދުވެގެން ހިނގައިގަތެވެ. ނޫރާ ދިޔުމުން ޒީޝާންވެސް ރިމޯޓު ނަގައިގެން ޓީވީގެ ޗެނެލްތަކާއި ކުޅެލިއެވެ. ޗެނެލްތައް ބަދަލުކުރަމުން ގޮސް އެންމެފަހުން އޭނާގެ އެންމެ މަޤުބޫލު ޗެނެލްކަމުގައިވާ ނެޝަނަލް ޖޯގުރަފީއަށް އަޅުވާލިއެވެ. އެވަގުތު އެޗެނެލް އިން ދައްކަމުން ދިޔަ ޕޮރުގުރާމާއި ޒީޝާން ވަރަށް ގަޔާވިއެވެ. ކުޑަކުޑަ މައުސޫމު ކުއްޖެއްގެ ހިތުގެ ސާރޖަރީއެއް ކުރެވެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. އެތުއްތުކުއްޖާގެ ހިތުގައި ހާދަވޭނެއް އަޅާނެއޭ އޭނާގެ ހިތަށް އަރަމުން ދެއެވެ.
''ހާދަ ޝަޢުޤުވެރިކަމާއެކު ބަލަން އިން ހެން ހީވެއޭ.'' ޒީޝާން ޓީވީން ދައްކަމުން ދިޔަ ޕޮރުގުރާމަށް ގެއްލިފައި އިންދާ ސޯފާގައި އައިސް އިށީންނަމުން ޝާހިލް އަހާލިއެވެ. ''ޝާހިލް ބޭނުމިއްޔާ އެހެން ޗެނެލްއަކަށް ބަދަލު ކޮށްލެއްވިޔަސް އެންމެ ރަނގަޅު.'' ޒީޝާން ރިމޯޓު ދިއްކޮށްލިއެވެ. ''ތިޕޮރުގުރާމް މަށަށްވެސް ވަރަށް ކަމުދެއޭ. ދެން ބުނެބަލަ. ޒީޝާން ކިޔަވަނީ ކޯއްޗެއް.'' ޝާހިލް އަހާލިއެވެ.
''އަޅުގަނޑު އުޅެނީ ނާރސިން ކޯހުގަ.'' ޒީޝާނު މަޑުމަޑުން ބުއްޏެވެ. ''ތިވީ މާރަނގަޅަކަށްނު. އެކަމަކު ތި އަޅުގަނޑު ކިޔުން ހުއްޓާލާފަ އަހަންނަކީ ރަޚްމަތްތެރިއެއްގެ ގޮތުގައި ދެކެފިއްޔާ ވަރަށް ރަނގަޅު.'' ޝާހިލް ޒީޝާނަށް ބަލާލަމުން ބުއްޏެވެ.
''މަސައްކަތް ކުރާނަށް.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ވަރަށް އުފާވެއްޖެ. އުއްމީދުކުރަން ޒީޝާން އަހަރެންގެ ރަޚްމަތްތެރިކަން ވެސް ޤަބޫލުކުރާނެކަމަށް.'' ޝާހިލް އުއްމީދާއި އެކު ބުއްޏެވެ. ޒީޝާން ޖަވާބުގައި ޝާހިލާއި ދިމާއަށް ބަލާލުން ފިޔަވައި އިތުރު އެއްޗެކޭ ނުބުނެއެވެ.
ކުއްލިއަކަށް އިވެންފެށީ މަޣުރިބުނަމާދުގެ ބަންގީގެ އަޑެވެ. ޝާހިލްވެސް ބަންގީގެ އަޑުއިވުމާއެކު ތެދުވެގެން ހިނގައިގަތީ ނަމާދަށް ދާށެވެ. ޒީޝާންވެސް ޓީވީގެ ސުވިޗު އޮފުކޮށްލުމަށް ފަހު ހިނގައިގަތީ ނަމާދު ކުރާށެވެ.
*************** ނުނިމޭ **************
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް