ހިތް އެދޭވަރުން – 12 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ .. ޒީވެސް އެބައުޅެންދޯ.'' މާހިލަށް ޒީޝާނާއި ދިމްނާ ފެނުނީ ފިހާރައިން ނިކުތް ވަގުތުއެވެ. ''އަހަރެން މުޅި ރަށުތެރޭގައި އެބުރުނަސް ނުފެންނަކަމަށް ވިއްޔާ ހަދާނީ. ދެން ހެވޭ. ފެންނަށް ޖ...

31 Jul 2017 | 07:19

ކުރީގެ އަދަދާއި ގުޅޭ ..

ޒީވެސް އެބައުޅެންދޯ.'' މާހިލަށް ޒީޝާނާއި ދިމްނާ ފެނުނީ ފިހާރައިން ނިކުތް ވަގުތުއެވެ.

''އަހަރެން މުޅި ރަށުތެރޭގައި އެބުރުނަސް ނުފެންނަކަމަށް ވިއްޔާ ހަދާނީ. ދެން ހެވޭ. ފެންނަށް ޖެހޭމީހާ ފެނެއެއްނު.'' ޒީޝާން ދިމްނާއާއި ދިމާއަށް ލާނެއް ވައްތަރަކަށް ބަލާލަމުން ބުއްޏެވެ.

''އެއްޗެކޭ ދޯ ތިބުނެލީ.'' މާހިލް ހިނިތުން ވެލިއެވެ. ''އާނ. އެހެންޏާ. ދިމް ގާތު އެހިނަމަ އެނގޭނެއެއްނު އަހަރެން އައިސްގެން އުޅޭކަން. ދެން އެވާހަކައެއް ނޫނޭ. ކޮން ދުވަހަކުންތަ ދެން އަހަރެންގެ ބަނޑުހައިކަން ފިލާނީ އަޅެ.'' ޒީޝާން ބުނި މާނައިން ފުރިގެންވީ ޖުމުލައިގެ ސަބަބުން މާހިލްއާއި ދިމްނާވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހީވަނީ ދެމީހުންނަށްވެސް އެސުވާލުގެ ޖަވާބު އަދި ނޭނގޭހެންނެވެ.

''ކީއްވެ ޖަވާބު ނުދިނީ. އަނެއްކާ ސިއްރެއްތަ؟'' ޒީޝާން މާހިލަށް ބަލާލަމުން ބުއްޏެވެ. ''އެއީ ސިއްރުކުރާވަރުގެ ކަމެއްތަ. އެކަމަކު އަދި ވަކި ތާރީޚެއް ނުނިއްމަމޭ. އެހެންވެ ދޯ ދިމް.'' މާހިލް ހިނިތުން ވެލަމުން ބުއްޏެވެ. ''އެހެންދޯވީ. ތިވީގޮތުން އަދި ޖެހޭނެތާ ހާދަ އިންތިޒާރެއް ކުރަން.'' ޒީޝާން ބުއްޏެވެ.

''ޒީ ކޮން އިރަކުންތަ އަހަރެމެންނަށް ސައިފޮދެއް ދޭނީ އަޅެ.'' މާހިލް އަހާލިއެވެ. ''އަހަރެންތަ؟ އަހަރެން ހަމަ މިހާރުވެސް ދީފާނަށް. ހިނގާސައިބޯން ދަމާ.'' ޒީޝާން ހިނގައި ގަތެވެ. ''ތިގޮތަކަށް ނޫނޭ. މިބުނީ ކައިވެނި ސައިގެ ވާހަކަ.'' މާހިލް ބުއްޏެވެ.

''އެވާހަކަދޯ. ނުވިސްނާ ހުރިކަމެއްވީމަ ނޭނގޭނެތާދޯ.'' ޒީޝާން ހީގަންނަމުން ބުއްޏެވެ. ''ނުވިސްނަށްތަ ހަމަ އެކަހަލަ ކަމަކާ.'' މާހިލް އަހާލިއެވެ. ''ކާކު މަށާ އިންނާނީ. އަހަރެންމީ ރީތި ސިފައެއް ވެސް ޖަހާމީހެއް ނޫނިއްޔާ. މަންމަ ބުނި އެއްކަލަ މޮޔަހުސޭނުބޭ ވެސް މަރުވެއްޖޭޔޯ. އޭނަ ހުރި ނަމަތާ.'' ޒީޝާން ވާހަކައިން އަދި އޭނާ ދިރިއުޅުމެއް ފެށުމާއިމެދު މާސީރިއަސްކޮށް ނުވިސްނާކަން ދިމްނާއާއި މާހިލަށް ވެސް އެގުނެވެ.

''ޒީ. ޒީ ހަމަ ނުވިސްނަށްތަ ދިރިއުޅުމަކާއި މެދު.'' ދިމްނާއަށް ނުހުރެވިގެން އަހާލެވުނެވެ. ''ތިކަމާ އުޅެވޭނީ އަދި ކިޔަވާ ވެސް ނިމުނީމަތާ.'' ޒީޝާން ބުނެލިއެވެ. ''އަނެއްކާ މާހިތްކިޔާ މީހަކު ހުރީތަ؟'' މާހިލް އަހާލިއެވެ. ''ދެން މާހިލްވެސް ދައްކާ ވާހަކަދޯ.'' ޒީޝާން ހިނިތުން ވެލިއެވެ. ''ދެން އެންމެ ރަނގަޅޭ އަހަރެމެން ގާތު ނުބުއްޏަސް ދޯ ދިމް. ކޮންމެވެސް ދުވަހަކުން ތިފޮރުވައިގެން އުޅޭ މާވަހަރު ވެސް ފެންނާނެތާ. އޭ. މިވަގުތު  ޒީމެން ގާތު ވާހަކަދައްކާ މަޖާކުރަން ހުރެވޭކަން ނެތޭ. އޮފީހަށް އެއްޗެއް ގަންނަށް ވެގެން މިހިސާބަށް މިއައީވެސް. މިހާރު އޮފީސް ކުދިން އުޅޭނެ އަހަރެން ލަސްވެގެން. އަދި މިރޭ ދިމާވާނެތާދޯ. ދެން ދަނީ އިނގޭ.'' މާހިލް ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ.

''ހޫނ ހޫނ. ދިމާ ވާނޭ ދޯ ދިމް.'' ޒީޝާން ދިމްނާއާއި ދިމާއަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ސާބަހޭ ޒީ.'' އަބަދުވެސް ދިމާކޮށްފަ ހުންނާނީ. ހިނގާ އަވަހަށް ގެއަށް ދަމާ.'' ދެމީހުން ހެމުން ހެމުން ހިނގައިގަތީ ގެއާއި ދިމާއަށެވެ.

''ކޮއްކޯ ދެންމެ ނަވީލް ގުޅި.'' ހެމުން ހެމުން އައިސްގޭތެރެއަށް ވަން ޒީޝާނަށް ބަލާލަމުން ޖީހާން ބުނެލިއެވެ.

''ކީކޭ؟ ނަވީލް ގުޅިއޭ. މަށަށް.'' ޒީޝާން ހުރީ ނަވީލް ގުޅި ވާހަކަ ބުނުމުން ހައިރާންވާގޮތްވެފައެވެ. ''ހޫނ. ''ޖީހާން ހަމަ އެކަނި ބުނީ ހޫ އެކޭ އެވެ. ނަވީލަށް ކުއްލިއަކަށް އަހަރެން މަތިން އެހަނދާންވީ ކީއްވެބާއޭ ޒީޝާނު ހިތަށް އެރިއެވެ. ގުޅިޔަސް ފޯނަކަށް ޖަވާބެއް ނުދޭ ފޯނު ނެގިޔަސް އެފޯނުން ވާހަކަދައްކާ މީހާއާއި ވާހަކަ ދައްކަން ބޭނުން ނުވާ ނަވީލް ކުއްލިއަކަސް އަހަރެން މަތިން އެހަނދާންވީ ކީއްބާއޭ ޒީޝާން ހިތަށް އަރަމުން ދެއެވެ. ޒީޝާން ދެފިކުރެއްގައި ހުރެގޮސްވަނީ ކާގެއަށެވެ.

ކުއްލިއަކަށް ޑުރެސިން ޓޭބަލްމަތީގައި އޮތް ފޯނު ރިންގުވާފެށިއެވެ. އޭރު ހަލީމާ ހުރީ ނަމާދަށެވެ. ކޮޓަރީގައި ޒީޝާނެއްވެސް ނެތެވެ. ގޭތެރޭގައި އިން ޒީޝާނަށް ފޯނުރިންގުވާ އަޑު އިވުމުން އަވަސް އަވަހަށް ގޮސް ކޮޓަރިތެރެއަށް ވަނެވެ. ނަމަވެސް އޭރު ފޯނުވަނީ ކެނޑިފައެވެ. ޒީޝާން މަޑުމަޑުން ގޮސް ފޯނުނެގިއެވެ. ފޯނުނެނގިތަނާ އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފިއެވެ. ފޯނުގެ ރިސީވު ބަޓަނަށް އޮބާލަމުން މަންމައަށް އުނދަގޫ ވެދާނެތީ އަވަސް އަވަހަށް ކޮޓަރި ނިކުތެވެ. ކާކުތޯވެސް ބަލާލުމެއް ނެތި އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ. ކަންފަތުގައި އަޑުޖެހުމާއި އެކު އެކޮޅުން ވާހަކަދައްކަނީ ނަވީލްކަން އޭނާއަށް ޔަޤީންވިއެވެ.

''ކިހިނެއްތަ ހާލު؟'' ނަވީލް އަހާލިއެވެ. ''އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. ނަވީލް ކިހިނެއްތަ؟'' ޒީޝާން ހުރީ ހައިރާންވެފައެވެ. ''ދެން ރަނގަޅުދޯ. އެކަމަކު ޒީ ނެތީމަ ވަރަށް ފޫހި.'' ނަވީލް މަޑުމަޑުން ބުއްޏެވެ. ''ކީކޭ؟ އަހަރެން ނެތީމަ ވަރަށް ފޫއްސޭ. ކީއްވެ އަހަރެން ނެތީމަ ނަވީލް ފޫހިވާންވީކީ. ނަވީލް ބުނީމެއްނު އަހަންނާއި ހެދި އުނދަގޫވާ ވާހަކަ. ދެން ކީއްވެ މިއަދު އަހަރެން ނެތީމަ ފޫހިވަނީ.'' ޒީޝާން ބޭނުންވީ ނަވީލްގެ ޚިޔާލެއް ބަލާލާށެވެ.

''އަސްލުވެސް ނޭނގެ ކީއްވެގެންކަމެއް. އެކަމަކު މިއަދު ޒީމަތިން ވަރަށް އެބަ ހަނދާންވޭ. ހިތަށް އަރާ ޒީފެންނާނީ ކޮން އިރަކުންބާއޭ.'' ނަވީލްގެ އަޑުގައި އާދަޔާ ޚިލާފު އަސަރުތަކެއް ވާހެން ޒީޝާނަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ.'' ތީދެން ވަރަށް ހެއްވާކަމެއް.ކުއްލިއަކަށް އަހަރެންމަތިން ހަނދާންވާން ޖެހުނީމަ ވަރަށް އަޖައިބު ވެއްޖެ. އެކަމަކުވެސް ނަވީލް އަހަރެން މަތިން ހަނދާންކޮށްފަ ގުޅާލީތީ ވަރަށް އުފާވެއްޖެ. ކޮބާ ޔުހާއްކޮ؟'' ޒީޝާން ބޭނުންވީ ވާހަކަ ބަދަލުކޮށްލާށެވެ. ''ނޫޅޭ ގެއަކުއެއް. ހީވަނީ ނޫރާއާއި އެކު ބޭރަށް ދިޔައީހެން. ދެންމިވަގުތު ބާއްވަނީ. އަދިފަހުން ގުޅާނަށް.'' ނަވީލް އެކޮޅުން ފޯނުބޭއްވިއެވެ. ޒީޝާންވެސް ނަވީލް ގުޅީތީ ހައިރާންވެ އިނދެގެން ގޮސް ސޯފާގައި އިށީއްނެވެ.

ޗުއްޓީގެ ދުވަސްތައް ވޭތުވެގެން ދިޔަގޮތެއްވެސް ޒީޝާނަކަށް ނޭނގެއެވެ. ޒީޝާނު ތައްޔާރުވަމުން ދިޔައީ އެބުރި އޭނާގެ މަންޒިލަށް ދިޔުމަށްށެވެ. އުފަލުން ހުރެއެއް ނޫނެވެ.ނުހަނު ލޯބިވާ މަންމައާއި ދައްތައާއި ބޭބެމެންނާއި ވަކިވާން ޖެހުމުގެ ސަބަބުން ޒީޝާންގެ ހިތްވަނީ އުދާސް ވެފައެވެ. މޫނުމަތިން އުފާވެރިގޮތް ދެއްކިޔަސް އެސަކަ މިޒާޖުގެ ޒީޝާނަކީ އާއިލާ ދެކެ ނުހަނު ލޯބިވާ ކުއްޖެއްކަން އޭނާގެ އާއިލާގެ ކޮންމެމީހަކުވެސް ޤަބޫލުކުރެއެވެ. އަމުދުން މަންމައާއި ވަކިވެގެންދާ ކޮންމެ ފަހަރަކު ޒީޝާންގެ ދެލޮލުން ކިތައްމެ ހިތްވަރެއް ކުރިނަމަވެސް ކަރުނު ފޫދިގެންދެއެވެ. އެންމެ ފަހުން ވަކިވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ސަލާމް ގަލާންކޮށް އަމާން އޮމާން ދަތުރަކަށް އެދެމުންދާމީހުންތައް ގެއަށް އައިސް ގޮސްވާން ފަށައިފިއެވެ. އެހުރިހާއެންމެންގެ ހެޔޮބަސްތައް އަޑުއަހަން ހުރި ޒީޝާނު ހަޤީޤަތުގައިވެސް ހުރީ ވަރަށް ދެރަވެފައެވެ.އެވަގުތުވެސް އޭނާ ހިތުގައި ގުގުމަމުންދަނީ މަންމަގެ ހިތްވަރުދިނުމުގެ ބަސްތަކެވެ.

''ދަރިފުޅާއޭ. ކިޔަވާށޭ. އަމިއްލަމަސައްކަތުން ދިރިއުޅެވޭވަރު ވޭތޯބަލާށޭ. ކިޔައިވައިދިން މީހުންގެ އަގު ވަޒަން ކުރާށޭ. ދަރިފުޅަށް ކިޔަވައިދޭން މަސައްކަތްކުރި މީހުންނަށްވެސް އޭގެ ހައްޤު އިނާމުދޭށޭ. މިގޮތަށް ހިތްވަރުދޭކަން އަބަދު މަންމަ ދުނިޔޭގައެއް ނުހުންނާނޭ. ދަރިފުޅާއޭ. ދުނިޔޭގައި އުޅޭއިރު ދުނިޔޭގެ ދެކޮޅަށް ވިސްނާށޭ. އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލަނީ އިންސާނެއްކަން ހަނދާން ބަހައްޓާށޭ. ''ޖޯލީގައި ޚިޔާލަކަށް ގެއްލިފައި އޮތް ޒީޝާން ސިއްސައިގެން ދިޔައީ ކޮބާ ފުރަންދާވީނުންހޭ މިހާރު އެއޮތް ފަހެއްޖަހަނީއޭ ދޮންބެ އައިސް ބުނުމުންނެވެ. އޭނާ ޖޯލިން ތެދުވެ މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތެވެ. އޭރު ގޭތެރޭގައި މަންމައާއި ދޮންތަވެސް ޒީޝާންގެ ދަތުރު އެރެހެއްޓުމަށްޓަކައި ކައްދުއަށް ދާން ތައްޔާރުވެގެން ތިއްބެވެ.ޒިޝާންވެސް ކުޑަކޮށް ތައްޔާރުވެލުމަށްޓަކައި ގޮސްވަނީ ކޮޓަރިއަށެވެ.

ޒީޝާނާއި ދިމްނާއަށް ކާޑެއްދުއަށް އާދެވުނީ އެރޭ ދިހަޖަހާ ދިޔަފަހުންނެވެ. ދެމީހުންވެސް ފޮށިތަންމަތި ހިފައިގެން ޓާމިނަލުން ނިކުތީ ދަންނަމީހަކު ނެތް ބީރައްޓެހި މާހައުލަކަށް ނަމަވެސް ޓާމިނަލް ދޮރުމަތީގައި ހުއްޓިލައިގެން ހުރި ރިޢުމާން ފެނުމުން ހަޤީޤަތުގައި ދެމީހުންގެ ހިތަށްވެސް ފިނިކަން ލިބިގެން ދިޔައެވެ. އެކަމަކު ރިޢުމާން އެރަށުގައި ކީއްކުރަނީބާއެވެ. ޒީޝާންގެ ހިތަށް އެރިއެވެ. ރިޢުމާނަށްވެސް އެއްލިކަޅިއަކުން ޒީޝާން އާއި ދިމްނާ ފެނުމުން އެދިމާއަށް ހިނގައިގަތެވެ.

''ޒީމެން އަނެއްކާ ތިނަދޫ ކެމްޕަހަށް ބަދަލުވީތަ؟'' ރިޢުމާން އައިސް ޒީޝާންމެން ގާތަށް ހުއްޓެމުން ބުއްޏެވެ. ''ބަލަ ތިކުރީ އަހަރެމެން ކުރަންވި ސުވާލެއްނު. ރިޢުމާން މިރަށުގަ ކީއްތަ ތިކުރަނީ.'' ޒީޝާން އަހާލިއެވެ. ''އަހަރެންދޯ. އަހަރެން އައީ ތިނަދޫގައި އޮތް ސްކޫލުތަކުގެ އިސްވެރިންގެ ބައްދަލުވުމަކަށް. ކާޑެއްދުއަށް އައީ އެބައްދަލުވުމަށް އައި ޓީޗާރއެޑިޔުކޭޓަރަކު ފުރުވަން ވެގެން. އޭނާވެއްޖެ ޗެކިންއަށް ވަދެ. ދެންބުނެބަލަ. ޒީމެން ކީއްވެޔޯ މިރަށަށް ތިއައީ.'' ރިޢުމާން އަހާލިއެވެ.

''ހަމަ ނޭނގިގެންތަ ތިއެހީ.'' ޒީޝާން ބުނެލިއެވެ. ''ހޫނ.''    ''ގަމަށް މިއިން ދުވަހަކުވެސް ނެތޭ ފުލައިޓެއް. އެހެންވެ ކާޑެއްދުއަށް އަންނަށް ޖެހުނީ ދޯ ދިމް.'' ޒީޝާން ދެރަވެލާފައި ބުއްޏެވެ. ''އަދިވެސް ބަލާތި ދެދުވަސް ޗުއްޓީއަށް ލިބުނަސް ރަށަށް ދެވޭތޯ. ލަނޑު ލިބިއްޖެއެއްނު މިފަހަރު.'' ރިޢުމާން ދިމާކޮށްލިއެވެ. ''ދެން އެންމެ ރަނގަޅޭ ދިމާކުރިޔަސް. ނާބުނެބަލަ. މާން ކޮންއިރަކު އައްޑުއަށް ދަނީ.'' ޒީޝާން ބޭނުންވީ ރިޢުމާނު ދާއިރެއް ބަލާށެވެ. ބޭނުމަކީ ރިޢުމާނާއި އެކު ދެވޭނެ ގޮތެއް ވޭތޯ ބެލުމެވެ.

''ކިހިނެއްވީ އަނެއްކާ؟'' ރިޢުމާން އަހާލިއެވެ. ''އަހަރެމެން މާން އާއި އެކު ގެންގޮސްދޭށޭ ބުނަށް ކަމަށް ދޯ ދިމް.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ވަރަށް ދެރަ. ލޯންޗުގަ ޖާގައެއް ނެތޭ. ދެން ކީއްކުރާނީދޯ.'' ރިޢުމާން ބޭނުންވީ ޒީޝާން ދެރަކޮށްލާށެވެ. ''އެހެންތަ. އެހެންވީ އިރު އަޅާނުލާ. މާދަމާ ދެން ކޮންމެވެސް ގޮތަކުން ދާނީ ދޯ ދިމް.'' ޒީޝާނާއި ދިމްނާ ހިނގައިގަތީ ތަންކޮޅެއް ދުރުގައި އެމީހުންގެ އިންތިޒާރުގައި މަޑުކޮށްގެން ހުރި ޝައިފާގެބޭބެއާއި ދިމާއަށެވެ.

''އޭ ޒީ. މާދަމާ އަށެއްޖަހާ އިރު ފުރަން ތައްޔާރު ވެގެން ހުންނާތި. އަހަރެން ގުޅާނަށް.'' ޒީޝާނުމެން ހިނގައިގަތުމުން ރިޢުމާން ގޮވާލިއެވެ. ''ބުނީމެއްނު ޖާގައެއް ނެތޭ. ދެން ކީއްވެ ކުއްލިއަކަށް ލޯންޗަށް ޖާގަ އިތުރުވީ.'' ދިމްނާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުއްޏެވެ. ''ސޮރީ. އަސްލު މަޖަލަކަށް އެހެން ބުނީ. އަހަރެން ގުޅާނަން. ތައްޔާރަށް ތިބޭތި.'' ރިޢުމާން ހިނިތުންވެލަމުން ބުއްޏެވެ. ޒީޝާންވެސް ރިޢުމާންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

*********ނުނިމޭ****************

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް