ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އަށް ޓެސްޓް ކުރާ އިތުރު 5،000 ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މި ކިޓްތަކުން 5،000 ޓެސްޓު ކުރެވޭނެ އެވެ. ޓެސްޓް ކިޓް ހަވާލުކުރުމަށް ދަރުބާރުގޭގައި އޮތް ހަފްލާއެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައިވާ ރިޕްރެޒެންޓޭޓިވް. ޑރ. އަރުވިންދު މާތުރު އެވެ. ސަރުކާރުގެ ފަރާތުން ޓެސްޓް ކިޓްތަކާއި ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.
މިއީ އެ ޖަމިއްޔާއިން ރާއްޖެއަށް ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ކިޓްތައް ހަވާލު ކުރާ ތިން ވަނަ ފަހަރެވެ. ޑަބްލިއުއެޗްއޯ އިން މިހާތަނަށް 11،000 ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.
މި ހަފްލާގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެއިން ވަރަށް ކުރިން ބައްޔަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށާއި އަލަށް މިލިބުނު ޓެސްޓް ކިޓް ތަކާއެކު ބައްޔަށް ޓެސްޓް ކުރުމަށް ހުރި ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޑރ. އަރުވިންދު ވަނީ ރާއްޖެއިން ބައްޔާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅު ތަކަކީ ފާހަގަކޮށްލެވޭ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭކަމަށް ޑރ. އަރުވިންދު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް