ވާޙަކަ: މިހިތުގެ ލޯތްބޭ ތީ - ވިހިވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އިޒްވާއާ ތިކުލަ ވަރަށް ގުޅޭ.. ހީވަނީ ކައިރީގައި ޑާކް ބްލޫބެރީއެއް އިންހެން.. " އެއިންގޮތަށް އިނދެ އަރްހާން ބުނެލިއެވެ. އިޒްވާއަށް ލިބުނު ސިހުމުގައި އަރްހާންއާ ދިމާލަށް ބަލައިލ...

06 Mar 2023 | 17:58

ކުރީގެ އަދަދާއި ގުޅޭ...

"އިޒްވާއާ ތިކުލަ ވަރަށް ގުޅޭ.. ހީވަނީ ކައިރީގައި ޑާކް ބްލޫބެރީއެއް އިންހެން.. " އެއިންގޮތަށް އިނދެ އަރްހާން ބުނެލިއެވެ. އިޒްވާއަށް ލިބުނު ސިހުމުގައި އަރްހާންއާ ދިމާލަށް ބަލައިލެވުނެވެ. ކުއްލިއަކަށް ހަނދާންވީ ކައިސަން މަތިންނެވެ. އިޒްވާ އެކުލައިގެ ހެދުމެއް އެންމެ ފަހުން ލީ ފާއިތުވި އަހަރުގެ އީދު ދުވަހެއްގައެވެ. އެދުވަހު އެހެދުމުގައި އޭނާ ވާތަން ފެނި ކައިސަންވެސް ބުނީ އެފަދަ ބަސްތަކެކެވެ.

" މާޝާﷲ... އަހަރެންގެ އަންހެނުން ހާދަ ރީއްޗޭ.. ތިކުލައަކީ އިޒީއަށް ލެވުނު އެންމެ އިޒީއާ ގުޅޭ ކުލަ.. ލޯބިކަމުން ކާލަން ބޭނުންވަނީ.. ހީވަނީ ބްލޫބެރީކޮޅެއްހެން... " ކައިސަންގެ ބަސްތައް އިޒްވާގެ ކަންފަތްދޮށުގައި ގުގުމާލިހެން ހީވިއެވެ. އެހިނދު އިޒްވާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. އެމަންޒަރު ފެނުމުން އަރްހާން ކަންބޮޑުވިއެވެ. ހީކުރެވުނީ ބުނަން ނުޖެހޭ އެއްޗެއް ބުނެވުނީ ކަމަށެވެ.

"ސޮރީ އިޒްވާ.. އިޒްވާ ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނިއްޔާ މާފަށް އެދެން.. " އަރްހާން ބުންޏެވެ. އިޒްވާ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ކުރި ބަލައިލިއެވެ. އަރްހާންގެ ކޮންމެ ލަފްޒެއް ކޮންމެ އަދާއެއް އޭނާއަށް ކައިސަން މަތިން ހަނދާން ކޮށްދެނީއެވެ. އެކަމާ ހުރެ އޭނާ ބޯގޮވާވަރުވެއެވެ. މިހާރު އަބަދުހެން އަރްހާންގެ ހިޔާލުތައް އޭނާގެ ހިތާއި ސިކުނޑީގައި ވަކި ހިއްޕާލާފައިވެއެވެ. އަރްހާންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަދިވެސް ދެވެން ނޫޅޭތޯ އިޒްވާ ސުވާލުކުރިއެވެ. އިރުކޮޅަކުން ދެވޭނެ ކަމަށް ބުނެ އަރްހާންވެސް ދެން އިތުރަކަށް ސުވާލެއް ނުކުރެއެވެ.

ގެއަށް ވަންއިރު އެއްވެސް މީހަކު ގޭގައި ނެތުމުން އަރްހާން ރައިހާނާއަށް ގުޅީ އެމީހުން ކޮންތާކުތޯ ބެލުމަށެވެ. ރައިހާނާ އެދުނީ އެގޭގެ ބިއްދޮށް ފަރާތަށް އައުމަށެވެ. އިޒްވާ ކައިރީ ބުނުމަށްފަހު މަރިޔަމްގެ ގޮނޑި ދަމަމުން އަރްހާން އެދިމާލަށް ހިނގައިގަތެވެ.

ފެހިކަން ގަދަ ވިނަގަނޑު މަތީގައި ވަށްބުރެއްހެން އެތުރިގެން އެންމެން ތިއްބެވެ. މެދުގައި ފޮތިގަނޑެއް އަޅާފައި އޮތްއިރު އެފޮތި ގަނޑު މަތީގައި ހެނދުނުގެ ސައި ތައްޔާރު ކޮށްފައި ހުއްޓެވެ. އީލާކްގެ ކުދިންނާއި ޖަނާންގެ ކައިވާ ތަންކޮޅެއް ދުރުގައި ހުރި ބޮޑު ގަސްދޮށުގައި ކުޅެން ތިއްބެވެ. އެމީހުންގެ ކަނާތްފަރާތުން އޮތް ބޮޑު ސްވިމިންގް ޕޫލް ފެނިފައި އިޒްވާ ހުރީ ހައިރާން ވެފައެވެ. އެކަހަލަ ޕޫލެއް މީގެ ކުރިން އޭނާއަށް މުޅިންވެސް ފެނިފައި ހުރީ ފިލްމުތަކުންނެވެ.

"ކޮބާ އަވަހަށް އާދޭ..؟ ތިމީހުން ނައިސްގެން ނުފެށިފަ... " ޖަނާން ބުންޏެވެ. އޭނާ ކައިރީގައި އިން ކައިލް ޖެއްސުމަށް އަރްހާނާ ދިމާލަށް ބުމަ އަރުވައިލިއެވެ. އެމީހުންނާ މަރިޔަމްގެ ގޮނޑި ކައިރިކޮށްލުމަށްފަހު އިޒްވާ އެންމެ ފުރަތަމަވެސް އުޅުނީ މަރިޔަމްއަށް ކާއެއްޗެއް ދެވޭތޯއެވެ.

"ކޮބާ މައިރާ.. އޭނަ ނާދޭތަ؟ " ރައިހާނާ އެހިއެވެ.

"ކީއްކުރަން އޭނަ މިތަނަށް ގެންނަނީ..؟ " ހިތްހަމަނުޖެހިފައި އެހެން ބުނެލީ އަރްހާނެވެ.

"އަރްހާން ހާދަ ރުޅިއެކޭ ދޯ ތިއަންނަނީ އެމަންޖެ ދެކެ.. އެއްދުވަހު ބަވާވެސް ލައިފިކަންނޭނގެ.. ތިހެން އުޅެނިކޮށް އޭނައާ އިންނަންވެސް ޖެހިދާނެ އިނގޭ..!! " އަލައިކާ ބުނެލިއެވެ. އިޒްވާ ފިޔަވާ ދެން ތިބި މީހުން ހޭން ފެށިއެވެ.

"ތިހެން ބުނީމަ އެއްޗެއް ބުނަންތަ؟ އަހަރެންވެސް ތިހެން ބުނަން އުޅުނީމޭ އަރްހާން ކައިރީ.. އަސްލު އަރްހާނާއި މައިރާ ވަރަށް ގުޅޭ.. ބޮޑުދައްތަ އެކަމާ ވިސްނަންވީނު.. " ކައިލްވެސް ޖެއްސުމަށް ބުނެލިއެވެ.

"ޗި.. ދުނިޔޭގަ އަންހެނުން ހުސްވިޔަސް އަހަރެން އޭނާއަކާ ނީންނާނަން.. އެއީ އަހަރެންގެ ޓައިޕެއް ނޫން.." އަރްހާން ބުނެލިއެވެ. ކުދިންގެ ވާހަކަ އަޑުއަހާފައި ރައިހާނާއައި ފާރިހާ ހީލަ ހީލާ ތިއްބެވެ. އިޒްވާވެސް ވާހަކަ ނުދެއްކިއެއް ކަމަކު އެމީހުންގެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ތައްޓަކަށް ރޮއްޓަކާއި މަސްހުނިކޮޅެއް އަޅައިގެން ގޮސް މަރިޔަމްގެ ގޮނޑިކައިރީގައި އިށީނދެގެން އިނދެ ކާން ދެމުން ދިޔައެވެ.

"އެހެންތަ؟ ދެން ކޮބާއޭ އަރްހާންގެ ޓައިޕަކީ..؟ އޭރުންތާ ކުއްޖެއް ހޯދައިދޭންވެސް އެނގޭނީ.. " އީލާކް ބުންޏެވެ.

"ތެދެއް އަރްހާން ކިޔާދީބަލަ..! " އަރްހާން ގައިގާ ޖެހިގަންނަމުން ކައިލް ބުންޏެވެ. އަރްހާނަށް ލޮލުގެ ހިމަކޮޅުން ބަލައިލެވުނީ އިޒްވާ އަށެވެ. އެހިނދު އިޒްވާއަށް ވެސް އަރްހާނަށް ބަލައިލެވިއްޖެއެވެ. ހަތަރުކަޅި ސީދާވުމާއެކު އިޒްވާ އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ.

"އަހަރެން ބޭނުންވަނީ ވަރަށް ސާދާ މިޒާޖެއްގެ ކުއްޖެއް.. ދީނަށް ލޯބިކުރާ އަހްލާޤު ރަނގަޅު ކުއްޖެއް.. ދިގުކޮށް ހެދުން އަޅާ ބުރުގާ އަޅާ ކުއްޖެއް.. އަމިއްލަ އުފާތަކަށްވުރެ އަނެކާގެ އުފާތަކަށް އިސްކަންދޭ ހިތްތިރި ކުއްޖެއް.. ރިތިކަން ބޭރުގައި ނެތަސް އެތެރޭގެ ރީތިކަމުން ފުރިފައިވާ ކުއްޖެއް.. އެހެން ގޮތަކަށް ބުނަންޏާ.. އިޒްވާ.... " އަރްހާންގެ ފަހު ޖުމްލައާއެކު އިޒްވާ ސިހިފައި ބަލައިލިއެވެ. ފިނިވެ އަތުގައި ތުރުތުރެއް އުފެދުނު ހިނދު އަތުން ތަށި ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ރައިހާނާވެސް ނިތަށް ރޫގިނަވެގެން ދިޔަ ހިނދު އަރްހާނަށް ބަލައިލިއެވެ. ކައިލްވެސް ދެލޯ ބޮޑުކޮށްލީ ސިހުނުވަރުންނެވެ. އެންމެންތެރޭ އަރްހާން އިޒްވާގެ ނަން ބުނެދާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

" ......... އިޒްވާ ކަހަލަ ކުއްޖެއް ބޭނުންވަނީ... " އަރްހާން ޖުމްލަ ފުރިހަމަކޮށްލިއެވެ. އެހިނދު އިޒްވާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލައިފިއެވެ. ރައިހާނާގެ މޫނުމަތިން ފެނުނު ހައިރާންކަން ބަދަލުކޮށްލާ ހިނިތުންވެލައިފިއެވެ. ހިނިގަނޑު އެތެރެއަށް ހިންދައިލަމުން ކައިލް އިސްޖަހާލިއެވެ. ޝައްކެއްގެ މަތީގައި އިނީ ޖަނާންއެވެ. އަރްހާން އިޒްވާއަށް ބަލާގޮތް އޭނާއަށް ފާހަގަވާތާ ކިތަންމެ އިރެކެވެ. އިރުކޮޅެއް ކުރިން އަރްހާން އިޒްވާގެ ނަން ބުނެލިގޮތުން އެކުއްޖަކީ ހަމަ އަސްލުގައިވެސް އިޒްވާއަށް ވެދާނެބާއޭ ހިތަށް އެރިއެވެ. އަމުދުން އަރްހާން އެނަން ބުނި ހިނދު އިޒްވާއަށް ބަލަހައްޓައިގެން އިންގޮތާއި އެހިނދު އިޒްވާއަށް ވީގޮތް ފެނި އޭނާގެ ޝައްކު އިތުރަށް ވަރުގަދަވިއެވެ. އިޒްވާ އޭނާއަށް ކަމެއް ސިއްރުކުރަނީބާއޭ ހިތަށް އެރިއެވެ.

"ކަމޯން އަރްހާން.. އިޒްވާ ކަހަލަ ކުއްޖެއް ނުލިބޭނެ އިނގޭ..! އަހަރެމެންގެ ވާން އުޅޭ ފަހަރިއަކީ ވަން ޕީސް އެއްޗެއް... " އަލައިކާ ބުންޏެވެ.

"ކިހިނެއް އެނގެނީ..؟ އިޒްވާ ކަހަލަ ނޫނަސް އަހަރެންގެ އަރްހާނަށްވެސް ހަމަ އެފަދަ ކުއްޖެއް ލިބިދާނެއްނު.. ދޯ ދަރިފުޅާ.." ރައިހާނާ ބުންޏެވެ. ވަކި އެއްޗެއް ނުބުނެ ހީލައިގެން އަރްހާން އިނެވެ.

ހެނދުނުގެ ސައި ނިންމުމަށްފަހު އެންމެންވެގެން ކެއްކުމުގައި އުޅުނެވެ. ކެއްކުން އޮތީވެސް ހަމަ އެތަނުގައެވެ. ރައިހާނާ ބޭރުން ކާއެއްޗެހި ގެންނަން އުޅުމުން އިޒްވާއާއި އީލާކްއަށް އެގޮތް ކަމުނުގޮސްގެން ކައްކަން ފެށީއެވެ. އެމީހުންނަށް އެހީތެރިވެދެން ރައިހާނާއާއި ފާރިހާ ވެސް އުޅުނެވެ. ވަކިވެގަނެގެން އުޅުނީ އަލައިކާއެވެ. އޭނާގެ ކަމަކީ ސެލްފީ ނެގުމާއި ޕޫލް ކައިރީގައި ބަހައްޓާފައި ހުރި ޑެކް ޗެއަރގައި އޮށޯވެ އޮވެ އަރާމު ކުރުމެވެ. ތިން ފިރިހެނުންގެ ޒިންމާއަކަށްވީ ކުދިންތައް ބެލުމެވެ. ކައްކަމުން ދިޔައިރު މައިގަނޑު މައުލޫއަކަށް އޮތީ ޝިވަން ނާންނަ ވާހަކައެވެ. ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ވިޔަފާރި މުހިންމުވާތީ ފާރިހާ ރައިހާނާ ކައިރިން އެދުނީ ޝިވަންއަށް ވިސްނައިދިނުމަށެވެ. މީހަކާ އިންނަން އުޅޭއިރު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އަނބިމީހާ މުހިންމުވާނެ ކަމުގައި ބުނެދިނުމަށެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައަކަށް އިޒްވާއަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނެމުން ދިޔައީ ފަހަކަށް އައިސް އަރްހާންގެ އަމަލުތަކާ ބަސްތައް ހުންނަ ގޮތާ މެދުގައެވެ. އަރްހާން ކުރަނީ ހަމަ ގައިމުވެސް ރަހުމަތްތެރިއެއް ކުރާނޭ ސުވާލުތަކެއް ނޫނެވެ. އެފަދަ ސުވާލުތަކެއް ރަހުމަތްތެރިއެއް ކުރިޔަސްވެސް އަރްހާނަކީ އޭނާގެ ރަހުމަތްތެރިއެއް ނޫނެވެ. އޭނާގެ ވާން އުޅޭ ފިރިމީހާގެ ކޮއްކޮއެވެ. އޭނާގެ ޅިޔަނެވެ. އަދި މިއަދު ހެނދުނު އެންމެންގެ ކުރިމަތީގައި އޭނާގެ ނަންބުނެލި ގޮތެވެ. ނަންބުނިއިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިންގޮތެވެ.

ހުރިހާ ފިރިހެނުން ހުކުރު ނަމާދަށް ދިއުމުން މޭޒުމައްޗަށް ކާއެއްޗެހި އަރުވަން އިޒްވާއާއި އީލާކް އުޅުނެވެ. ނަމަވެސް ރައިހާނާ އެކަން މަނާކުރިއެވެ. ހުރިހާ އެއްޗެއް ޕެކްކޮށްގެން ދާނީ މޫދަށް ކަމުގައި ބުންޏެވެ. އެންމެންވެސް އެގޮތަށް އެއްބަސްވިއެވެ ޚާއްސަކޮށް ކުދިންކޮޅު ހީވީ އުފަލުންގޮސް އެހެން ފަދަ ކަމެއް ހެންނެވެ.

މޫދުގައި އެންމެން މަޖާ ނަގަމުން ދިޔައިރު މަރިޔަމް ކައިރީ ހުއްޓިލައިގެން މަންޒަރު ބަލަން އިޒްވާ ހުއްޓެވެ. މޫދަށް އެރުމަކީ އެއްވެސް އިރެއްގައި އޭނާ އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. އޭނާ ގަދަކަމުން މޫދަށް ގެންދާ މީހަކީ ކައިސަންއެވެ. އެހެން ހުއްޓާ ކައިރިން މީހެއްގެ ހިލަންވެގެން އިޒްވާ ބަލާލައިފިއެވެ. އެކަނި ސޯޓެއްގައި ހުރި އަރްހާޏް ފެނުމުން އިޒްވާ އަވަސް އަވަހަށް އިސް ޖަހާލައިފިއެވެ. އަރްހާންނަށް އެކަން ފާހަގަވުމުން ގަސްމަތީގައި އަޅުވާފައި އޮތް އޭނާގެ ޓީޝާޓު ނަގާ ބޮލަށް މަހައިލިއެވެ.

"ދާންވީނު މޫދަށް އެރިލަން.. އަހަރެން މިތާ މާމަ ކައިރީގައި މަޑުކޮށްލާނަން.. " ހަޓު މަތީގައި ހުރި ފެންފުޅި ނަގާ ލޮނުން ފެނުން ތެމިފައިވާ މޫނާއި އިސްތަށިގަނޑު ދޮންނަމުން އަރްހާން ވާހަކަ ދެއްކިއެވެ. އިޒްވާ ވަކި އެއްޗެއް ނުބުނެ ހުއްޓާ އިސްތަށިގަނޑުން ފެންހިއްކުމަށް އަރްހާން ދެފަރާތަށް ބޯހޫރައިލިގޮތުން ބައެއް ފެންތިކިތައް ބުރައިގެން ދިޔައީ އިޒްވާގެ މޫނަށެވެ. އެހިނދު އިޒްވާއަށް ބަލައިލެވިއްޖެއެވެ. ތެމިފައިވާ އިސްތަށިގަނޑު ނިތްކުރިމައްޗަށް ވެއްޓިފައި އޮތްގޮތުން ބަލާލަން ހިތްގައިމުގޮތެއް ހުއްޓެވެ.

"ކިހިނެއްވީ ތިބަލަނީ.. " އަރްހާނަށް ހެވުނެވެ. އިޒްވާ އަވަސްއަވަހަށް އިސްޖަހައިލިއިރު އެމޫނުން ލަދުވެތިކަން ފާޅުވެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ހަމައެއާއެކު އަރްހާންގެ ސަބަބުން އޭނާއަށް ވަމުންދާ ގޮތްގޮތާ މެދު އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.

"އަހަރެން ބޭނުމެއް ނޫން މޫދަށް އެރޭކަށް.. ތިހެން އަބަދު އައިސް އަހަރެންނާ ވާހަކަ ދައްކަން ނޫޅެފާނަންތަ؟ ޕްލީޒް... " އިޒްވާއަށް ރުޅިގަނޑު ބޭލުނީ އަރްހާނަށެވެ. ކިޔާނެ ބަހެއް ނޭނގިފައި އިޒްވާއާ ދިމާލަށް އަރްހާން ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް އެތަނުން ދިއުމަށް އިޒްވާ ބުނެފިއެވެ. ފެންފުޅި ހުރިތަނުގައި ބެހެއްޓުމަށްފަހު އަރްހާން އެތަނުން ދުރަށް ހިނގައިގަތެވެ. އިޒްވާ ނުރުހިފައި ދެފަރާތަށް ބޯހޫރާލިއިރު އޭނާގެ ދެލޮލުން ކަރުނަ ފާޅުވާން ހުއްޓެވެ.

މޫދުގައި އޮތް ޖަނާންގެ ނަޒަރު ހުއްޓިފައިވީ އަރްހާންއާއި އިޒްވާގެ ހަރަކާތްތަކަށެވެ. އެމީހުން އެދައްކަނީ ކޮންވާހަކައެއް ކަން ނޭނގުނުނަމަވެސް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ޖަނާންއަށް ސިހުމެއް ލިބުނީ ކައިރިން ކައިލް ގޮވައިލި އަޑުއިވިފައެވެ. ކައިވާ ރޯވަރުން ކައިލް އެދުނީ އެއްގަމަށް އަރާ ކައިވާ ފެންވަރުވާލާ އެއްޗެހި ބަދަލުކުރުވުމަށެވެ.

*****

މޫދުން އައިއިރު އެންމެން ތިބީ މުޅިން ވަރުބަލިވެފައެވެ. އަލައިކާއާއި އީލާކް ޝަކުވާ ކުރަމުން ދިޔައީ އިޒްވާ މޫދަށް ނޭރޭތީއެވެ. އަރްހާން ފަހުން ނުފެންނާތީ ވީގޮތް ކައިލް އޭނާ ކައިރިން އޮޅުންފިލުވިއެވެ. ސިއްރުކުރުމުގެ ބަދަލުގައި އަރްހާން ވެދިޔަ ކަންތައް ކައިލްއަށް ކިޔައިދިނެވެ. ކައިލް ޖަހާލީ ހިނިގަނޑެކެވެ.

"ޔަގީން އިޒްވާއަށް ކަލޭގެ ހިތުގެ އެދުން އެނގުނީކަން.. ނޫންނަމަ އޭނާ އެގޮތަކަށް ކަންތަކެއް ނުކުރާނެ.. ކީކޭ ހިތަށް އަރައިގެން މިއަދު އެންމެންތެރޭގައި އިޒްވާގެ ނަން ބުނީ.. " ކައިލް ބުނެލިއެވެ.

"އަހަރެންނަށް ރަނގަޅީވެސް އިޒްވާއަށް އެނގުނިއްޔާ.. ސިއްރުކުރާކަށް ބޭނުމެއް ނޫން.. އޭރުންތާ ވަގުތު ފާއިތުވުމުގެ ކުރިން އިޒްވާގެ ހިތް އޮތް ގޮތެއްވެސް އެނގޭނީ.. އިންފެކްޓް މިދަތުރު ނިމުމުގެ ކުރިން އަހަރެން ބޭނުންވަނީ އިޒްވާގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލަން.. ވާއެއްޗެއް އެނގިދާނެއްނު އޭރުން.." އަރްހާން ބުންޏެވެ.

"ހިތްވަރު އެބަހުރިތަ؟ " ކައިލް އެހިއެވެ.

"އާނ.. ކުރިން ނަމަ މިހިތްވަރު ނުހުރިސް ކަންނޭނގެ.. އެކަމަކު އިޒްވާ ބޭނުންވާލެއް ބޮޑުކަމުން ނެތް ހިތްވަރުވެސް ގެންނަން ބޭނުންވަނީ.. " އަރްހާން ބުނެލިއެވެ.

"ނާކާމިޔާބުވިއްޔާ؟؟؟؟ " ކައިލްގެ ސުވާލުން އަރްހާންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ.

"އިޒްވާ އަހަރެން ދެކެ ލޯބި ނުވަންޏާ އޭނާގެ ކުރިމަތީގައި މިތާ ހުންނަން އަހަރެން ބޭނުމެއް ނޫން.. އަހަރެން ދާނީ ކޮންމެވެސް އެހެން ތާކަށް.. އެހެން ރަށަކަށް ނޫނީ އެހެން ގައުމަކަށް.. އަހަރެން ފެންނަން ހުންނަންޏާ އިޒްވާއަށްވެސް އުޅެން ފަސޭހައެއްނުވާނެ އޭރުން.. އަނެއްކޮޅުން ޝިވަން ދޮންބެގެ އުފާތަކަށް ހުރަސް އެޅިދާނެތީ އަހަރެން ބިރުގަނޭ.. މިތަނުގައި ހުރެފިއްޔާ ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންނަށް އެދެމެދަށް ވަދެވިދާނެ.." އަރްހާން މާޔޫސްވެ އިނދެ ވާހަކަދެއްކިއެވެ. ހަމައެވަގުތު ސިޓިންގްރޫމުން ރައިހާނާ ގޮވާ އަޑު އިވިއްޖެއެވެ. ދެތިން ފަހަރަކު ގޮވައިލުމުން ކޮޓަރިން ނިކުތީ ކައިލްއާއި އަރްހާން އެކުއެކީގައެވެ. ސިޓިންގްރޫމުގައި ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެމީހުން ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއިރު ދޮރުމަތީގައި ފުލުހުންގެ ތިން މީހަކު ތިއްބެވެ.

"ތީ ތަ އަރްހާން އަކީ...؟؟؟ " މެދުގައި ހުރި ފުލުސް މީހާ ކުރިއަށް ޖެހިލާ އަހައިލިއެވެ. އަރްހާންގެ މޫނުމަތިން ކަންބޮޑުވުމެއް ނުފެނެއެވެ. މިފަދަ ވަގުތެއް އައިސްދާނެ ކަމަށް އޭނާ ހުރީ މާކުރިން ތައްޔާރުވެގެންނެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް