"ރިލޭކްސް.. ދެން މިހާރު ނިމިފައި އޮތް ކަމެއް އެއީ.. އެހެންނޫނަސް އަދި ކަލޭގެ އިޒްވާއަކަށް ނުވެއެއްނު.." ކައިލް މަސައްކަތް ކުރީ އަރްހާންގެ ރުޅިގަނޑު ފިނި ކުރާށެވެ. އެހެން ބުނެވުނުކަންވެސް އަރްހާންއަށް ރޭކާލީ ދެނެވެ. ހަޤީޤަތުގައިވެސް ' އަހަރެންގެ އިޒްވާ ' އޭ އޭނާއަށް ބުނެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މިކަހަލަ ކަމަކާ އޭނާ އެހާ ރުޅި އައިސްދާނެކަމަކަށްވެސް ހީނުކުރެއެވެ. ކައިލް އެވާހަކަތައް ދެއްކީންސުރެ އޭނާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.
އޮފީހުގެ މޭޒު ދޮށުގައި މަސައްކަތެއްގައި އަވަދިނެތި އުޅުނު ޝިވަންއަށް ސިހުމެއް ލިބުނީ އެތެރެއަށް ވަދެގެން އައި އަރްހާން ފެނިފައެވެ. އަރްހާން އެއޮފީހަށް ފިޔަވަޅެއް އެއެޅީ އަލަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
"އަރްހާން.. ކަމަކުތަ؟ މިގަޑީ ދޮންބެ ވަރަށް ބިޒީކޮށް މިއުޅެނީ... " ހައިރާންކަން ފިލުވާލަން މަސައްކަތް ކުރަމުން ޝިވަން ބުންޏެވެ. ވަކި އެއްޗެއް ބުނުމެއް ނެތި އަރްހާން އައިސް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑި ދަމާލާފައި އިށީނދެއްޖެއެވެ.
"ކިހިނެއްވީ؟ ލާރި ބޭނުންވީތަ؟.. އެކައުންޓްގަ ހުރި ލާރިކޮޅު ހުސްކޮށްލާފަ އިތުރަށް ބޭނުންވެގެންތަ ތިއައީ.. މަޑުކުރޭ އެބަ ޓްރާންސްފާރ ކުރަން.. " އަތުގައި އޮތް ގަލަން ގެންގުޅުނު ފައިލް ތެރެއަށް ލުމަށްފަހު ފޯނު ނެގިއެވެ.
"ނޫނޭ.. އެހެން ކަމަކު މިއައީ.. މީހެއްގެ މައުލޫމާތު ބޭނުންވެގެން.. " އަރްހާން ބުންޏެވެ. " ކުރީގަ މިތާ އުޅުނެއްނު ޝިފާ ކިޔާ ކުއްޖެއް.. އޭނައަށް ގުޅޭނެ ނަމްބަރަކާ އެޑްރެސް ލިބޭނެތަ؟
"ޝިފާއޭ...ކީއްކުރަން އެއީ..؟ ދޮންބެ ހީކުރީ މިހާރު އަރްހާން މުޅިން ބަދަލުވީކަމަށް.. އެކަމަކު ކުށްހީއެއްތާ މިކުރެވުނީ.. ޔޫ އާރ ދަ ސޭމް ވުމަނައިޒަރ... ދޮންބެ އަބަދުވެސް ބުނަމެއްނު އެއީ ރަނގަޅުކަމެއް ނޫނޭ.. ފާފައެއް އެއީ.. އަބަދުވެސް ބުނެދެމުން އައީ އަންހެނުންނަށް އިޚްތިރާމް ކުރަން ޖެހޭނެކަން.." ޝިވަންގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.
"ދޮންބެއަށް ހީވީ ހަމަ ރަނގަޅަށް.. އަހަރެން މިހާރު ބަދަލުވެއްޖައިން.. އަސްލު ޝިފާގެ ނަމްބަރު ހޯދަން މިއުޅެނީ އޭނަ ކައިރިން މައާފަށް އެދެން ވެގެން.. ތައުބާވި ނަމަވެސް މިހިތަށް ހަމަޖެހުން ލިބޭނި އަހަރެން ދެރަދިން ހުރިހާ އަންހެންކުދިން ކައިރިން މައާފަށް އެދެވުމުން.. ސޯ ޕްލީޒް އަހަރެންނަށް އެމައުލޫމާތު ހޯދަދީބަލަ.. އެހެންނޫނީ އެފައިލްތައް ހުންނާނެތަން އަހަރެން ކައިރީ ބުނަންވީނު.. އޭރުން އަހަރެން އަމިއްލައަށް ގޮސް ހޯދާލަފާނަން.. " އަރްހާން ބުންޏެވެ.
"އޯކޭ ތިހެންވީއިރު އެންމެ ރަނގަޅު.. އެންމެ މަތީ ފްލޯރގަ ހުންނާނީ އެޗް އާރް ޑިޕާޓްމެންޓް.. ވަކި ރޫމެއްގައި ހުންނާނީ ކުރީގަ އުޅުނު ހުރިހާ އެންމެންގެ ފައިލްތައް.. " ޝިވަން ކިޔައިދިނެވެ.
"ތެންކްސް ބަރްދަރ... " މިހެން ބުނެ އަރްހާން އެތަނުން ނިކުތެވެ. ދޮރު ލައްޕައިލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. ޝިވަން ކައިރީ ދޮގެއް ހަދަން ޖެހުމުން އަރްހާން ހުރީ އެކަމާ ދެރަވެފައެވެ. އަސްލު ބޭނުންވީ ޝިފާގެ ނަމްބަރެއް ނޫނެވެ. ބޭނުންވީ އައިދަންގެ މައުލޫމާތު ހޯދާށެވެ. ޝިވަން ކައިރީގައި އައިދަންގެ ވާހަކަ ބުނެފިނަމަ ކަމަކަށް ޝައްކުވެދާނެތީ ދޮގުހަދަން އަރްހާންއަށް މަޖުބޫރުވީއެވެ.
އަރްހާން ގޮސް ފައިލްތައް ހުރި ކޮޓަރިއަސް ވަނެވެ. އައިދަންގެ ނަން ފެށޭ އަކުރު ޖަހާފައި ހުރި ރެކް ހޯދަން ފެށިއެވެ. މާ ގިނައިރު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ވަރަށް ފަސޭހައިން އައިދަންގެ ފައިލް ފެނިއްޖެއެވެ. އައިދަންގެ ސީވީގެ ފޮޓޮއެއް ކެމެރާގައި ރައްކާ ކުރުމަށްފަހު އަލުން ފައިލް އޮތްތަނަށް ލައިފިއެވެ. ދާން ވެގެން އުޅެފައި ހުއްޓެވުނީ ކުއްލިއަކަށް ލޮލުގައި އަޅައިގަތް ނަން ފެނިފައެވެ.
"އަހްމަދް ކައިސަން.. " އެފައިލްގައި އިނގިލި ޖައްސާލަމުން އަރްހާން ވައި އަޑުން ކިޔާލިއެވެ. އެއީ ކާކުކަން ދެނެގަންނަން ގިނައިރެއް ނުނެގިއެވެ. އިޒްވާގެ މަރުހޫމް ފިރިމީހާގެ ފައިލް އަތަށް ނަގަމުން އަރްހާން އެ ފައިލް ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ފެންނަން އިނީ ކައިސަންގެ ސީވީއެވެ. ކަރުދާހުގެ މަތީ ކަނެއްގައި ކައިސަންގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހިއްޕާފައި ހުއްޓެވެ. އަރްހާން ވަރަށް ރަނގަޅަށް އެފޮޓޯގަނޑަށް ބަލައިލިއެވެ. ކުރެވުނީ ތަފާތު އިހުސާސެކެވެ. ވަރަށް ގާތް ހިތާ ކައިރި މީހެއްކަމުގެ އިހުސާސެވެ. އެތައް އިރެއްވަންދެން އަރްހާން އެފޮޓޮއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުއްޓާ އެހިސާބުން މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. ފައިލް އޮތް ތަނުގައި ބާއްވަން އުޅެފައިވެސް އަރްހާން ހުއްޓުނެވެ. އެއްގޮތަކަށްވެސް އެފައިލް އަތުން ދޫކޮށްލާހިތް ނުވިއެވެ. އެހެންވެ އަރްހާން އަވަހަށް އެތަނުން ދިޔައީ އެފައިލް ހިފައިގެންނެވެ.
******************
އޮފީހުން ނިކުމެ އަރްހާން މިސްރާބު ޖެހީ ދުރުގައި އޮތް އޭނާގެ ކާރާ ދިމާލަށެވެ.
"ކޮބާ ކުރަން ދިޔަ ކަންތައް ކާމިޔާބުވިތަ؟ " އަރްހާންގެ އިންތިޒާރުގައި އިން ކައިލް އޭނާ ކާރަށް އެރުމާއެކު އަހައިފިއެވެ. އަރްހާން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލުމަށްފަހު އަތުގައި އޮތް ފައިލް ފަހަތު ސީޓުގައި ބާއްވައިލިއެވެ.
"ކަލޭ ތިއައީ އައިދަންގެ ފައިލް އޮތްގޮތަށް ހިފައިގެންތަ؟ އަނެއްކާ ކީއްކުރަން ތިއުޅެނީ..؟ " ކައިލް އެހިއެވެ.
"އެއީ އައިދަންގެ ފައިލް އެއް ނޫން.. އެއީ ކައިސަންގެ ފައިލް.. " ކާރު ކުރިއަށް ދުއްވާލަމުން އަރްހާން ވާޙަކަ ދެއްކިއެވެ.
"ވަޓް.. ކީއްކުރަން ކައިސަންގެ ފައިލް.. ޤަބޫލުކުރަން ކަލޭ އިޒްވާދެކެ ލޯބިވާކަން. އެކަމަކު އިޒްވާއަށް އެނގެން ބޭނުންފަހުން ހޯދާނީ އިޒްވާގެ މައުލޫމާތު ދޯ.. ކީއްކުރަން ކައިސަންގެ ފައިލް.. " ކައިލް ބުންޏެވެ.
"ކައިސަންގެ ގޮތް އެނގުނީމަ އިޒްވާގެ ހިތް އަތުލަން ފަސޭހަވާނޭ ހިތާ.. " އަރްހާން ބުންޏެވެ. ހަޤީޤަތަކީ އެއީ ނޫންކަން އެނގެނީ ހަމައެކަނި އޭނާއަށެވެ. ކައިސަންގެ ފައިލް ގެންދަން ބޭނުންވީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. އެދުވަހު ގެއަށް ދިއުމުގެ ކުރިން އަރްހާން އެފައިލް ދިނީ ކައިލް އަތަށެވެ. ގެއަށް ގެންގޮސްގެން އުޅެނިކޮށް މީހަކަށް ފެނިއްޖެނަމަ އެތަކެއް ސުވާލެއް ކުރިމަތި ވެދާނެތީއެވެ.
*************
ހުކުރު ދުވަހުގެ ފަތިހަށް އަލިވެލުމާއެކު އެންމެން ތައްޔާރުވާން ފެށީ ހުޅުމާލެއަށް ދަތުރު ދިއުމަށެވެ. ދެދުވަހަށް ބޭނުންވާނޭ ވަރަށް އެއްޗެހި ޕެކް ކުރުމަށްފަހު އިޒްވާ ދިޔައީ މަރިޔަމް ތައްޔާރު ކޮށްފިތޯ ބެލުމަށެވެ. އެކޮޓަރީގެ ދޮރު ހުޅުވާލިއިރު މަރިޔަމް ކައިރީގައި ފުން ނިދީގައި މައިރާ އޮތެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އިޒްވާ ގޮސް މަރިޔަމް ނަގައިގެން ތައްޔާރު ކުރިއެވެ. އެއަށްފަހު ކޮޓަރިން ނިކުތީ ދިއުމުގެ ކުރިން މަރިޔަމްއަށް ކިރުތައްޓެއް ދޭން ބޭނުންވާތީ އެތައްޔާރު ކުރުމަށެވެ. ބަދިގޭގައި ބައެއް ސާމާނުތައް ޕެކް ކުރަން އުޅުނު ސާލިހާއާއި ރައިހާނާއަށް ހެނދުނުގެ ސަލާމް ކޮށްލުމަށްފަހު އިޒްވާ ކިރުތަށި ހިފައިގެން ގޮސް މަރިޔަމްގެ ކޮޓަރިއަށް ވަނެވެ. މަރިޔަމްއަށް ކިރުތަށި ދީފައި ނިކުންނަން އުޅުނު ވަގުތު އެނދުމަތިން ފެނުނު އެއްޗަކުން އިޒްވާ މަޑުޖެހުނެވެ. މައިރާ ކައިރީ އޮތް ފެހި ކުލައިގެ ގޮށް ނަގަމުން އިޒްވާ އޭގެއަށް ރަނގަޅަށް ބަލައިލިއެވެ. ބޮޑަށް ވައްތަރުވީ ފިރިހެނުންގެ ގަމީހެއްގެ ގޮށަކާއެވެ.
"ހުންނަ ލަދުކުޑަކަން.. މިކޮޓަރިއަށްވެސް ފިރިހެނުން ވައްދަން ފެށީ ރަނގަޅަށް ވިއްޔާ.. " އިޒްވާ ހިތާހިތުން ކުދި ކިޔާލެވުނެވެ. އެގޮށް ހެޑް ބޯޑު މަތީގައި ބޭއްވުމަށްފަހު އިޒްވާ އެތަނުން ނިކުތެވެ.
މަރިޔަމްގެ ގޮނޑި ދަމަމުން އިޒްވާ ނިކުތްއިރު ކާރުގައި ލެގިލައިގެން އެމީހުންގެ އިންތިޒާރުގައި އަރްހާން ހުއްޓެވެ. އިޒްވާ ފެނުމާއެކު އޭނާގެ ފައިން ފެށިގެން ބޮލާ ހަމައަށް އަރްހާނަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ކަޅު ނޫކުލައިގެ ދިގު ހެދުމެއްގައި އިޒްވާ ހުރީ ހަމައެކުލައިގެ މާތަކެއް ޖަހާފައި ހުރި ހުދުކުލައިގެ ޝޯލެއް އަޅައިގެންނެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން އަރްހާން ގޮސް އިޒްވާ އަތުން މަރިޔަމްގެ ގޮނޑި އަތުލިއެވެ.
"ކޮބާ ދައްތަ؟ " ދެކޮޅު ހޯދާލަމުން އިޒްވާ އެހިއެވެ.
"މަންމަ ހިނގައްޖެ.. ބޮޑުދައިތައާއި އަލައިކާ ބުނީމަ އެމީހުން ނަގަން ދިޔައީ.. އިޒްވާއާއި މާމަ ގޮވައިގެން އަންނަން އަހަރެން ކައިރީ ބުނީ.. " ކާރާ ދިމާލަށް ދަމުން އަރްހާން ބުންޏެވެ.
"ދެން.. ޝިވަން؟؟؟ " އިޒްވާ ބުނެލިއެވެ.
"ދޮންބެއަށް މިދަތުރުގައި ބައިވެރިވެވޭ ގޮތެއް ނުވި.. ވިޔަފާރި ދެދުވަހަށް އަތޮޅު ތެރެއަށް ގޮސްވީ.. އިޒްވާ ކައިރީ ނުބުނޭތަ؟ " ލޮލުގެ ކަނަކުން އިޒްވާއާ ދިމާލަށް ބަލައިލަމުން އަރްހާން ބުނެލިއެވެ. އިޒްވާ ވަކި އެއްޗެއް ނުބުންޏެވެ. މަރިޔަމް ކާރަށް އެރުވުމަށްފަހު އަރްހާން ގޮސް ޑްރައިވަރ ސީޓުގައި އިށީނެވެ. އިޒްވާ ފަހަތަށް މަރިޔަމް ކައިރިއަށް އަރަން އުޅުމުން އަރްހާން ގޮވައިލިއެވެ.
"އެއްޗެކޭ ހީނުކޮށް ކުރިއަށް އަރާފާނަންތަ؟ އެހެންނޫނީ މީހުން ހީކުރާނީ އަހަރެން މިއީ ޑްރައިވަރެއް ކަމަށް.." އަރްހާން ބުންޏެވެ.
"ޑްރައިވަރެކޭ މީހަކު ބުނެފާނެތީ ކަންބޮޑުވަނީ ކީއްވެ؟ އެއީ ދަށް މަސައްކަތެއްހެން ހީވަނީތަ؟ " އިޒްވާ އެހިއެވެ.
"ނޫނޭ.. ދެން.. އެހެންނެއ.. ނޫން.. " އަރްހާން ލަސްލަހުން ބުނެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އަރްހާނަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން ހުއްޓާ އިޒްވާ އައިސް ކާރުގެ ކުރީ ދޮރު ހުޅުވާލާފައި އަރާ އިށީނދެއްޖެއެވެ. ހިނިތުންވެލައިގެން އިނދެ އަރްހާން ކާރު ކުރިއަށް ދުއްވައިލިއެވެ.
ދުއްވަމުން ދިޔައިރު އިރު އިރުކޮޅުން އަރްހާންއަށް އިޒްވާއަށް ބަލައިލެވެއެވެ. އިޒްވާގެ މައުސޫމު ރީތި މޫނަށް ނުބަލާ އިނުން އަރްހާނަށް ވީ އުނދަގޫ ކަމަކަށެވެ. ހުދުކުލައިގެ މާޖެހި ޝޯލްގެ ތެރެއިން އިޒްވާގެ މޫނު ފެންނަލެއް ނުލާހިކު ރީއްޗެވެ. އިޒްވާގެ މަލެއްފަދަ މޫނަށް ވަށައިގެންވާ އެހެން މާތައް ކުރުނީސް ކުރާފަދައެވެ.
"ވާޙަކައެއް އަހާލަންތަ؟ " ކާރުތެރެއަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވައިލަމުން އަރްހާން އެހިއެވެ. އިޒްވާ ހަމައެކަނި ޙުމް ލައްވައިލިއެވެ.
"ކުރިން ދުވަހަކުވެސް އަހަރެންނާ އިޒްވާ ދިމަވެފައިވާހެން ހީވޭތަ؟ އިޒްވާއަށް ބަލައިލީމަ އަހަރެންނަށް ހީވަނީ ތީމާކުރިން އަހަރެން ދަންނަ މީހެކޭ... " އަރްހާން ބުނެލިއެވެ.
"ކުށްހީއެއް ތިއީ.. އަހަރެންނާއި އަރްހާން ދުވަހަކުވެސް ދިމައެއްނުވޭ.. " އެއިންގޮތަށް އިނދެ އިޒްވާ ޖަވާބުދިނެވެ.
"އެހެން ކިހިނެއް އެނގޭނީ އިޒްވާ.. ވެދާނެއްނު އަހަރެމެން ކުރިން ދިމާވެފައިވާކަމަށްވެސް.. އިޒްވާ ހަނދާން ނެތީ ކަމަށްވެސް.. އެހެންނޫނީ ކީއްވެ އަހަރެންނަށް މިގޮތަށް ފީލް ވާންވީ..؟ ކީއްވެ ތީ އަހަރެންނާ ވަރަށް ގާތް މީހެކޭ މިހިތް ބުނަނީ.. ކީއްވެ އެގޮތަށް ހީވަނީ... "އަރްހާން ބުންޏެވެ. އިޒްވާގެ ހަށިގަނޑަށް ފިނިވެލިއެވެ. އަރްހާންގެ ވާހަކައިގެ މިސްރާބު ދާ ގޮތުންނެވެ.
"ވެދާނެ.. އެކަމަކު އަހަރެން އެއްގޮތަކަށްވެސް އެކަހަލަ ހަނދާނެއްނުވޭ.. ދައްތަމެންނަށް ގުޅާބަލަ ކޮންތާކުތޯ ބަލައިލަން.." ވާހަކައިގެ މައުޟޫ ބަދަލުކޮށްލަން ބޭނުންވެ އިޒްވާ ބުންޏެވެ.
"އަދި އެހެންވާހަކައެއް ބުނެލިޔަސް އޯކޭތަ؟ " ޓްރެފިކްގައި ޖެހުނު ވަގުތު ކާރު މަޑުކޮށްލަމުން އަރްހާން އެހިއެވެ. އޭނާ އިނީ އިޒްވާގެ މޫނަށް ބަލަހައްޓައިގެންނެވެ. މިފަހަރު އިޒްވާ ވަކި ޖަވާބެއް ނުދިނެވެ.
"އިޒްވާއާ ތިކުލަ ވަރަށް ގުޅޭ.. ހީވަނީ ކައިރީގައި ޑާކް ބްލޫބެރީއެއް އިންހެން.. " އެއިންގޮތަށް އިނދެ އަރްހާން ބުނެލިއެވެ. އިޒްވާއަށް ލިބުނު ސިހުމުގައި އަރްހާންއާ ދިމާލަށް ބަލައިލެވުނެވެ. ކުއްލިއަކަށް ހަނދާންވީ ކައިސަން މަތިންނެވެ. އިޒްވާ އެކުލައިގެ ހެދުމެއް އެންމެ ފަހުން ލީ ފާއިތުވި އަހަރުގެ އީދު ދުވަހެއްގައެވެ. އެދުވަހު އެހެދުމުގައި އޭނާ ވާތަން ފެނި ކައިސަންވެސް ބުނީ އެފަދަ ބަސްތަކެކެވެ.
"މާޝާﷲ... އަހަރެންގެ އަންހެނުން ހާދަ ރީއްޗޭ.. ތިކުލައަކީ އިޒީއަށް ލެވުނު އެންމެ އިޒީއާ ގުޅޭ ކުލަ.. ލޯބިކަމުން ކާލަން ބޭނުންވަނީ.. ހީވަނީ ބްލޫބެރީކޮޅެއްހެން... " ކައިސަންގެ ބަސްތައް އިޒްވާގެ ކަންފަތްދޮށުގައި ގުގުމާލިހެން ހީވިއެވެ. އެހިނދު އިޒްވާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް