އެސީސީގެ މެމްބަރުން މަޖިލިސް ކޮމެޓީއަށް ހާޒިރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހ...

06 Mar 2019 | 07:02

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހިމެނޭ އިތުރު ކަންކަން ސާފު ކުރަން ހުރި ކަމަށް ބުނެ، އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުވުމަށް އަންގައިފި އެވެ.

މާލިއްޔަތު ކޮމިޓީން އޭސީސީ އަށް ފޮނުވި ސިޓީއެއްގައި ވަނީ އެމްއެމްޕީއާރްސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އާއި އެތަންތަން ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ ރިޕޯޓުގައި ފާހަގަ ކުރި ކަންތައްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވުމަށް އެ ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންވެ، މިއަދު 11:15 ގައި މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވުމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ މެމްބަރުންނަށް އެ ކޮމިޓީން ވަނީ ސިޓީ ފޮނުވައިފަ އެވެ.

އޭސީސީގައި ފަސް މެމްބަރުން ތިއްބަވާ އިރު، އެއީ ލުތުފީގެ އިތުރުން ނައިބު ރައީސް މުއައްވިޒު ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު މުހައްމަދާއި އައިމިނަތު މިންނާ އެވެ. ލުތުފީގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުމާ އެކު، އޭނާ އޮފީހަކަށް ވަޑައެއް ނުގަންނަވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއްވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް