ރެއާލް މެޑްރިޑްގެ ރަސްކަމަށް ލަދުވެތި ނިމުމެއް!

- މިއީ 2013 ގެ ފަހުން (ޗެލްސީ) މުބާރާތުގެ ޗެމްޕިއަން ޓީމެއްގެ ގޮތުގައި އައު ސީޒަނަކާ ކުރިމަތިލާ ކުއާޓާއާ ހަމައަށް އެ ޓީމަކަށް ނުދެވުނު ފުރަތަމަ ފަހަރު - މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ...

06 Mar 2019 | 02:59

- މިއީ 2013 ގެ ފަހުން (ޗެލްސީ) މުބާރާތުގެ ޗެމްޕިއަން ޓީމެއްގެ ގޮތުގައި އައު ސީޒަނަކާ ކުރިމަތިލާ ކުއާޓާއާ ހަމައަށް އެ ޓީމަކަށް ނުދެވުނު ފުރަތަމަ ފަހަރު

- މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ރެއާލް އަމިއްލަ ދަނޑުގައި މިހާތަނަށް ނެރުނު އެންމެ ދަށް ނަތީޖާ

- ގަރުނަކަށްވުރެ ދިގު ތާރީޚްގައި ރެއާލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 4 މެޗުން ބަލިވި މިއީ 3 ވަނަ ފަހަރު

ޗެމްޕިއަންސް ލީގުގެ ފާއިތުވި ތިން އަހަރުގެ ވެސް ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ރެއާލް މެޑްރިޑަށް ލަދުވެތި ބައްޔަކާއެކު ދެ ވަނަ ބުރާ ހިސާބުން މުބާރާތާ ވަކިވާން ޖެހިއްޖެއެވެ.

ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގު ރަށުން ބޭރުގައި ކާމިޔާބު ކޮށްފައި އޮތުމުން ފަސޭހަ ކަމާއެކު ރެއާލް ކުއާޓާ ފައިނަލަށް ދާނެކަމަށް ބެލެވުނު ނަމަވެސް، ރޭ ނެދަލޭންޑްސްގެ އަޔަކްސް އަތުން ރެއާލް އަމިއްލަ ދަނޑުގައި ބަލިވީ 4-1 ގެ ނަތީޖާއިންނެވެ. އެ ޓީމު މުބާރާތުން ކެޓީ 5-3 ގެ އެގްރިގޭޓް ނަތީޖާއިން ބަލިވެގެންނެވެ.

ޗެމްޕިއަންސް ލީގާ ވެސް ވަކިވާން ޖެހުނުއިރު، ރެއާލްއިން އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ހެޓްރިކެއް ހަދައިދިން ޒިދާން އާއި ރޮނާލްޑޯ ނުލާ ކުރިމަތިލި ފުރަތަމަ ސީޒަން މި ދިޔައީ ފަނުފުލުންނެވެ. އެ ޓީމު ފާއިތުވި ހަފުތާގައި އެންމެ ވާދަވެރި ބާސެލޯނާ އަތުން ބަލިވެ، ސްޕެނިޝް ކަޕްގެ ސެމީ ފައިނަލާ ހިސާބުން މުބާރާތުން ކެޓިއިރު، ލީގުގައި ވެސް ބާސާއާ ދެކޮޅަށް ނުކުތް މެޗުން ބަލިވެ، ރެއާލް އޮތީ އެއް ވަނައިގައި އޮތް ބާސާއަށްވުރެ 12 ޕޮއިންޓް، އަދި 2 ވަނައިގައި އޮތް އެތުލެޓިކޯއަށްވުރެ 8 ޕޮއިންޓް ފަހަތުން 3 ވަނައިގައެވެ.

އެހެންކަމުން، ކްލަބް ވޯލްޑް ކަޕް ފަދަ މުބާރާތެއް ކާމިޔާބު ކުރިއަސް ރެއާލްއަށް ވާދަވެރި އެއްވެސް މުބާރާތެއްގެ ތަށީގައި އަތްލާން މި ސީޒަންގައި ނުލިބޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. މިއީ ރެއާލްއިން ޔޫރަޕްގައި ކުރަމުން އައި ރަސްކަމަށް އައި ހިތި ނިމުމެއްކަން ކަށަވަރެވެ. އަނެއްކޮޅުން މި ދަނޑިވަޅަކީ ރެއާލްގެ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ ވަގުތުކަމަށް ފުޓްބޯޅައިގެ މާހިރުން ބުނަމުން އަންނައިރު، ރެއާލްއިން އަންނަ ސީޒަންއަށް ޖޫން މަހުގެ ޓްރާންސްފާ ގައި ބޮޑު އަގުގައި ކުޅުންތެރިންތަކެއް ގެންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ރޭގެ މެޗު ފެށިގެން އެންމެ 20 މިނިޓު ތެރޭގައި ހަކީމް ޒިޔެކް އާއި ޑޭވިޑް ނެރެސް ޖަހައިދިން ލަނޑުތަކާއެކު އަޔަކްސް އިން ފުރަތަމަ ލެގުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލިއެވެ.

ހާސްކަމާއެކު ކުޅެމުންދިޔަ ރެއާލްއަށް ދެން އަޔަކްސް އަތު ނުވާނެކަން ގާތްގަނޑަކަށް ޔަގީންވީ ދެ ވަނަ ހާފުގެ ކުރީކޮޅު އަޔަކްސް އިން ޖެހި މައްސަލަ ބޮޑުވި ލަނޑާއެކުގައެވެ. އެއާއެކު ރެއާލްއަށް ނަތީޖާ އަނބުރާލަން 3 ލަނޑު ޖަހަން މަޖުބޫރުވިއެވެ.

މާކޯ އެސެންސިއޯ ޖަހައިދިން ލަނޑާއެކު ރެއާލްއަށް ކުޑަކުޑަ އުންމީދެއް ލިބުނު ނަމަވެސް، ލައްސޭ ޝޯން ޖަހައިދިން ލަނޑާއެކު އަޔަކްސް އިން ވަނީ ރެއާލްއަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 4 ވަނަ ބައްޔާ ކުރިމަތިކުރުވާފައެވެ.

މި ބައްޔާއެކު ހަފުތާއެއްގެ ތެރޭގައި އަމިއްލަ ދަނޑުގައި 3 މެޗު ކުޅެ، 3 މެޗުން ވެސް ބަލިވެ، ހުރިހާ މުބާރާތެއްހެން އަތުނުވާ ހިސާބަށް ގޮސް، ރެއާލްއަށް މިއޮތީ ހަފުތާއަކުން ގާތްގަނޑަކަށް މި ސީޒަންގެ މަގުސަދު ގެއްލި ސީޒަން ނިމިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް