އިޒާންގެ ނަޒަރުން
"ނޫން ޖިނާން.. ފައިސާއަކީ ހުރިހާވެސް އެއްޗަކީ.. އޭގެ ޒަރިއާއިން ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ.. އެއްވެސް ހާލެއްގައި ޒޭބާ ފަލީހަތްވާން އަހަރެން ބޭނުމެއް ނޫން.. އެމީހުންނާ ފައިޓްކޮށްގެން އެރިސްކު ނަގަން ބޭނުމެއްނޫން.. ޖިނާއަށް ނިމާލްގެ ގޮތް ނޭނގިގެން ތިއުޅެނީ.. އެއީ ވަރަށް ނުރައްކާތެރި މީހެއް.. މީހެއްގެ ފުރާނަ ދުއްވާލުމަކީ އޭނައަށް އުނދަގޫކަމެއް ނޫން.. " އަހަރެން ބުނީމެވެ.
"އެއްގޮތް ބަންދުވިއްޔާ އަނެއް ގޮތް އޮންނާނެ.. ނިމާލްއަކީ ފައިސާ ގިނަ މީހެއް ވިއްޔާ އަހަރެންނަކީ އައިޑިއާސް ގިނަ މީހެއް.. " ޖިނާން ބުނެލިއެވެ.
"ތިބުނީ؟ " ހައިރާންވެފައި އަހަރެން އަހައިލީމެވެ.
"އިޒާން ބުނަންތަ ވާހަކައެއް.. ދުނިޔޭގައި ހުރި ދުވަހަކު ގޮތް ހުސްވެގެން ނުވާނެ.. ކަމެއް ދިމާވީމާ ބަލި ޤަބޫލުކުރުމުގެ ބަދަލުގައި އެކަމާ ކުރިމަތިލާ އެކަމާ ދެކޮޅަށް ފައިޓް ކުރެވެން ޖެހޭނެ.. އަމިއްލަ ނަފްސާއި ލޯބިވެރިޔާއަށްޓަކައި ފައިޓް ނުކުރެވެންޏާ ކިހާ ކަޑަ.. އިޒާން ތީ ހަމަ އެހާ ހިތްވަރު ދެރަ މީހަކީތަ؟ " ޖިނާންގެ އެބަސްތަކުން އަހަރެންނަށް ކުޑަ ހިތްވަރެއް ލިބުނު ކަހަލައެވެ. އެކަމާ ދެކޮޅަށް އަހަރެންނަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ޖިނާން ކައިރީގައި އެހީމެވެ. ބިރުގަންނަނީ ކުރެވޭ ކަމެއްގެ ސަބަބުން ޒޭބާއަށް މުސީބާތެއް ކުރިމަތިވެދާނެތީ ކަމުގައިވެސް ބުނީމެވެ.
"އަހަރެން ބުނާ ކަމެއް އިޒާން އަށް ކުރަން ކެރޭނެތަ؟ " ޖިނާން އެހިއެވެ. އަހަރެން ވިސްނާލުމަށްފަހު އާނއެކޭ ބުނީމެވެ. ޖިނާން ބުނިހެން ފިނޑިވެގެން އަޅާނުލާ ހުރެފިނަމަ އުމުރުދުވަހަށް އޭގެ ސަޒާ އަހަރެންނަށް ލިބިގެންދާނެތީއެވެ.
"ކުރަންވި ކަމަކީ އެމީހުން ބުނި ގޮތެއް ހަދައިގެން އިހަށް އިޒާން އުޅެންވީ.. ނައުރާއަށް ޕްރޮޕޯސްވެސް ކުރަންވީ.. އެމީހުންގެ އިތުބާރު ހޯދަންވީ.. ނިމާލްއަށް ދައްކަންވީ އިޒާންއަށް އަސްލަށްވެސް ނައުރާދެކެ ލޯބިވެވިއްޖެ ކަމަށް.. ނިމާލްގެ އެންމެ ގާތް މީހަކަށް ވެވިއްޖެ ކަމުގެ ޔަގީންކަން އިޒާންއަށް ލިބުނީމަ ދެން ކޮންމެވެސް ގޮތަކުން ނިމާލްގެ ފޯނު ހޯދައިގެން ވީޑިއޯ ޑިލީޓް ކުރާނީ.. އޭރުން ނިމާލްއަށް އިޒާންއަށް ބިރުދެއްކޭނެ ގޮތެއް ނޯންނާނެ.. " ޖިނާން ކިޔައިދިން އިރު އަހަރެން އިނީ ކަނުލާ އަޑުއަހާށެވެ. އެގޮތް އަހަރެންނަށް ކަމުނުދިޔަނަމަވެސް އެގޮތާ އެއްބަސްވުން ނޫން ގޮތެއްވެސް ނެތެވެ. އަމިއްލައަށް ހަދާނެ ގޮތެއް ނުވިސްނޭއިރު ރަނގަޅުވާނީ އެހެން މީހަކު ބުނާ ގޮތަށް ކަންތައް ކުރުން ކަން އަހަރެންނަށް ވިސްނުނެވެ.
"ދެން ޒޭބާ؟ ޒޭބާ ކައިރީ ކީކޭ ބުނާނީ؟ ނިމާލްގެ މީހުން އަހަރެންނަށް ފާރަލަމުން ދަނީ.. ޒޭބާއާ އެއްގޮތަކަށްވެސް ވާހަކަ ދައްކާ ބައްދަލުކުރުން މަނާކޮށްފައި އޮތީ.. " އަހަރެން ބުނީމެވެ.
"ތިކަން އަހަރެންނަށް ދޫކޮށްލާ.. ޒޭބާއަށް ވިސްނައި ދިނުމަކީ އަހަރެންގެ ކަމެއް.. " ޖިނާން ބުންޏެވެ. އެގޮތް އަހަރެންނަށް އެންމެ ރަނގަޅެވެ. ނަމަވެސް ދެރަވަނީ އެވާހަކަތައް އަހަރެންގެ ދުލުން ޒޭބާއަށް ކިޔައިނުދެވޭނެތީއެވެ. ޒޭބާވެސް ދެރަވާނެވަރު ހިތަށް އަރާފައެވެ.
އެރޭ ޖިނާން ގެއަށް ދިޔައީ އެތައް އިރެއް ވަންދެން އަހަރެންނާ ވާހަކަ ދައްކަން އިނދެފައެވެ. ކަންކަން ކުރާނެ ގޮތް ރޭވުމަށްފަހުގައި އަހަރެންނާއި ޖިނާން ނިންމީ މަޤްސަދު ހާސިލް ވަންދެން އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކާ ވާހަކަ ނުދެއްކުމަށެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް ދައްކާނެ ވަކި ގޮތްތަކެއް ރާވާލީމެވެ.
*********
ނިމާލް ބޭނުންވި ގޮތަށް ނައުރާއަށް ކައިވެނި ހުށައެޅުމަށް ތައްޔާރުވާން ފެށީމެވެ. ބޭނުން ގޮތަކަށް ތައްޔާރުވުމަށް ނިމާލް ހުރީ އަހަރެންގެ އެކައުންޓަށް ލާރި ފޮނުވާފައެވެ. މުޅި ރެސްޓޯރެންޓް އެއްކޮށް އަހަރެން ބުކް ކުރީ ނައުރާއަށް އޭނާ އަކީ ވަރަށް ޚާއްސަ ކުއްޖެއް ކުއްޖެއް ކަމުގައި އިހުސާސް ކޮށްދެން ވެގެންނެވެ. ނައުރާއަށް ވުރެ ވެސް ބޮޑަށް ނައުރާދެކެ ލޯބިވާ ކަމުގައި ޔަގީންކޮށްދެން ބޭނުންވަނީ ނިމާލްއަށެވެ. އަހަރެންގެ މަޤްސަދު ހާސިލް ވާނީ އޭރުންނެވެ.
ނައުރާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަހު ކާރުގައި އޭނާ ބަލާ ދިޔައީ އަހަރެންނެވެ. ނައުރާ ގޮވައިގެން ތަންތަނަށް ގޮސް ހެދުމަށް ނިމާލް އަހަރެންނަށް ކާރެއްވެސް ދިނީއެވެ. އޭނާގެ ނާޒުކު ކޮއްކޮ ސައިކަލުގައި ބުރުޖެހުވަން ބޭނުންނުވާތީއެވެ. އެހެންމީހެއް ނަމަ ނައުރާއާ ގުޅިގެން އެމީހަކަށް ވަނީ ހުސް ފައިދާ އޭ ބުނީހެވެ. ނަމަވެސް ލޯތްބަށް ވުރެ އަހަރެންނަށް މުހިންމު އެކައްޗެއްވެސް މިދުނިޔެއަކު ނުވެއެވެ.
އަހަރެންގެ އަތުގައި ހިފާލައިގެން ނައުރާ ހޮސްޕިޓަލުން ނިކުތީ ހިނިތުންވެލައިގެން ހުރެއެވެ. އިރުއިރުކޮޅާ އަހަރެންނަށް ބަލަމުން ދިޔައިރު އަހަރެންނަށްވެސް މަޖުބޫރުވީ ހިނިތުންވެލައިގެން ހުންނާށެވެ. އަހަރެންނަށް ބަލާފައި އޭނާ އެވަރަށް އެވިސްނަނީ ކީކޭ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނައުރާ އެގެއަށް ލުމަށްފަހު ދާން އުޅެނިކޮށް އެތެރެއަށް ވަނުމަށް ނައުރާ އަހަރެންނަށް ދައުވަތުދިނެވެ. ބޭނުންނުވި ނަމަވެސް އަހަރެން އެތެރެއަށް ވަނީމެވެ. ނައުރާއާއި އަހަރެން ގޮސް އެގެއަށް ވަންއިރު ނިމާލްއާއި އޭނާގެ އަންހެނުން ޒުހުދާ ނައުރާގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި ތިއްބެވެ. ނައުރާ ފެނުމާއެކު ނިމާލް ހެވިލާފައި އައިސް އޭނާ ގައިގާ ބައްދާލައި ނިތުގައި ބޮސްދީފިއެވެ. ޒުހުދާވެސް ނައުރާގެ އަތުގައި ހިފާލަމުން މިހާރު ރަނގަޅުހެއްޔޭ އަހައިލިއެވެ.
"އަރާމުކޮށްލަން ބޭނުންވަނީ.. " ނައުރާ ބުނެލިއެވެ.
"އެހެންތަ! އަވަހަށް ދޭ ކޮޓަރިއަށް.. އިޒާން ނައުރާ ކޮޓަރިއަށް ލައިދޭން ދޭބަލަ.. " ވަރަށް ހިތްހެޔޮކަމަށް ހެދެމުން ނިމާލް ބުނެލިއެވެ. އެހެން ބުނިއިރު އޭނާގެ ލޮލުން އަހަރެންނަށް ފެނުނީ އަހަރެންނަށްޓަކައި މަލާމާތެވެ. ރުޅި އައި ނަމަވެސް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތުމުން ހައްތަހާ ރުޅިވީ އިތުރެވެ. މުށްކެވެމުން ދިޔަ އަތް ޖީބަށް ކޮއްޕާލީ ގަދަކަމުން ހިނިތުންވެލާ ބޯޖަހައިލަމުންނެވެ. ނައުރާގެ އަތުގައި ހިފައިގެން އަހަރެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ. ކޮޓަރިއަށް ވަދެ ނައުރާ އެނދުމަތީގައި ބޭންދުމަށްފަހު އޮށޯވެލާ އަރާމުކޮށްލުމަށް ބުނީމެވެ.
"އިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކޮށްލަންވީނު.. " އަހަރެންގެ އަތުގައި ހިފަމުން ނައުރާ އެދުނެވެ. އެނދުމަތީގައި އިށީންނަން ބުނި ނަމަވެސް އަހަރެން އިށީނީ ތަންކޮޅެއް ދުރުގައި ހުރި ސޯފާގައެވެ.
"އަދިވެސް ޤަބޫލެއްނުކުރެވޭ..! ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅޭވެހެން.. ހިތަށް އަރަނީ އެދުވަހު ހޭނެތުނު ގޮތަށް ހޭނާރަނީބާއޭ އަދިވެސް.. ހޭނާރާ އޮވެ ބަލާ ހުވަފެނެއް ބާއޭ މިއީ.. " ނައުރާ ބުންޏެވެ.
"އަހަރެންވެސް ހިތަށް އަރާ ހުވަފެނަކަށް ވާނެ ނަމައޭ... " އެބަސްތައް ވީ އަހަރެންގެ ހިތުގައެވެ.
"ލޯތްބަކީ މިކަހަލަ އެއްޗެއް.. ބައެއް ފަހަރު އެންމެ ހީނުކުރާ ގޮތަށް ކަންތައްތައް ވާނީ.. " އެހެންބުނެވުނުއިރު އަހަރެންގެ ހިތުގައިވީ ޒޭބާގެ ތަސްވީރެވެ. ޖިނާން އެވާހަކަ ދެއްކުމުން ޒޭބާ ކަންތައްކުރީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
"އަހަރެން ވަރަށް އިންތިޒާރުކުރިން އިޒާން އަހަރެންނަށް ލޯބި ހުށައަޅާތޯ.. އެންމެ ފަހުން ކެތްނުވެގެން އަހަރެން އިޒާންއަށް ލޯބި ހުށައެޅީ.. އިޒާންގެ ފަރާތުން އިވުނު ބަސްތަކަށް ފަހު އަހަރެން ވަރަށް ހިތުގައި ޖެހުނު.. ހިތްދަތިވެ ކެތްނުވާ ހިސާބަށް ދިޔައިމަ އަތުން ފައިން ގޯސް ހެދުނީ.. " ނައުރާ ބުންޏެވެ.
"އޭރު އަހަރެންނަށް އިހުސާސްނުވީ އަހަރެން ޒެ... ނައުރާ ދެކެ ލޯބިވާވަރު.. ހޮސްޕިޓަލުގައި އޮތްތަން ފެނި އުމުރަށް ގެއްލެން އުޅޭ ކަމުގެ އިހުސާސްވާން ފެށުމުން އަހަރެންނަށްވެސް އަހަރެންގެ އިހުސާސްތަކާ މެދު ރޭކާލީ.." ޒޭބާގެ ނަން ނުބުނެވުނުކަން ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ. ލޯބީގެ ވާހަކަ ދެކެވެން ފެށުމުން އޮޓޯމެޓިކުން އަހަރެންގެ ދުލަށް އަންނަނީ ޒޭބާގެ ނަމެވެ.
"ހަމަ ޔަގީންތަ އިޒާން އަހަރެން ދެކެ ލޯބިވާކަން.. ؟؟ " އެހެން އިނދެފައި ނައުރާ އަހައިލިއެވެ.
"ކީއްވެ ތިހެން ތިއެހީ.. " އަހަރެން އެހީމެވެ.
"އެހެން ލޯބިވެރިން އުޅޭހެން އިޒާން އުޅޭތަން ނުފެންނާތީ.. ކީއްވެ އަހަރެންނާ ދުރުގައި ތިތާ ތިއިނީ.." ނައުރާ އެހިއެވެ.
"ލޯތްބަކީ ފިލްމާއި ސީރީސްތަކުން ފެންނަހެން ގާތްގޯޅިވެ އުޅުމެއް ނޫން އަހަރެން ދެކޭ ގޮތުގައި.. ލޯބީގެ އެންމެ ބޮޑު އެއްސިފައަކީ އިޚްތިރާމް.. ދެން ކުލުނު.. އަހަރެން ނައުރާއަށް ވަރަށް އިޚްތިރާމްކުރަން.. " އަހަރެން ބުނީ މުޅިޔަކުން ދޮގެއް ނޫނެވެ. އެތާ އެއިން ހިނދު އަސްލުވެސް އަހަރެންގެ ހިތުގައިވީ ނައުރާއަށްޓަކައި އިޚްތިރާމެވެ. ފަހަރެއްގައިވެސް އެއީ ނައުރާދެކެ ލޯބިވާތީއެއް ނޫނެވެ. އަންހެނަކަށް ވާތީ ކުރި އިޚްތިރާމެވެ.
"އެންމެ ފުރަތަމަ ފަހަރު އަހަރެންގެ ހިތުގައި އިޒާންއަށްޓަކައި ޖަހައިލި ފުރަތަމަ ވިންދާއެކު އަހަރެންނަށް އެނގުނު ތިއީކަން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނެ މީހަކީ.. އެދުވަހު އެހިނދުން ފެށިގެން އަހަރެންގެ ހިތުގައި އަޒުމް ކަނޑައެޅިން އިޒާން އަހަރެންގެ މިލްކަކަށް ހަދަން.. މިއަދު އެކަން އަހަރެންނަށް ވުމުން ލިބިފައި މިވާ ހިތްހަމަޖެހުން ބަޔާންކޮށްދޭން ދަތި.. އަހަރެން ހާދަ ލޯތްބެއް ވެޔޭ އިޒާން ދެކެ.. ޕްލީޒް ދުވަހަކުވެސް އަހަރެންނަށް ދޫކޮށްލާފައި ނުދާތި.. ދުވަހަކުވެސް އަހަރެންނާ ދުރުނުވާތި.. އިޒާން އަހަރެންނާ ވަކިވެއްޖެނަމަ އަހަރެން މިދުނިޔޭގައިވެސް ހުންނާކަށް ބޭނުމެއްނޫން.."
"ނައުރާ ޕްލީޒް!! " އަހަރެންނަށް އެހެން ބުނެވުނީ ހިތްހަމަނުޖެހުމުގެ ރާގެއްގައެވެ. ނައުރާ އަހަރެންނަށް ބަލައިލީ ސިހިފައެވެ. ބުނެވުނު ގޮތް އިހުސާސްވެ އަހަރެން ޖެހުނީ ވަގުތުން ރާގު ބަދަލުކޮށްލާށެވެ.
"މިބުނީ އަބަދު ތިހެން ނުވިސްނާށޭ.. ލޯބިވާ މީހާ ނުލިބުމަކީ އަމިއްލަ ފުރާނަ ދުއްވާލަންވީ ވަރުގެ ކަމެއް ނޫން.. ރަނގަޅަށް ގޮތް ނުވެސް އެނގޭ މީހަކަށްޓަކައި ތިމާގެ އަގުހުރި ފުރާނަ ދުއްވާލުމަކީ ތިމާ ދެކެ އިންތިހާއަށް ލޯބިވާ މީހުންނަށް ދެވޭ ބޮޑު އަނިޔާއެއް.. އެމީހުންނާ މެދު ކުރެވޭ ބޮޑު ނާއިންސާފެއް.. " ނައުރާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
އެތަނުގައި އިންދާ ނަސީބަކުން އައީ މަންމަގެ ފޯނެކެވެ. ބުނީ ބައްޕަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާން ޖެހޭތީ ބަލާ އައިސް ދިނުމަށެވެ. ނައުރާ ކައިރީ އެވާހަކަ ބުނުމަށްފަހު އެތަނުން ދާން އަހަރެން ހިނގައިގަތީމެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން ހުއްޓި އެނބުރި ނައުރާއަށް ބަލައިލީމެވެ. އެނދުމަތީގައި އިން ނައުރާ ނިތް އަރުވައިލީ ކިހިނެއްވީހޭ އަހާލާ ފަދަ ގޮތަކަށެވެ.
"މިރޭ ދިހަ ގަޑި ބަޔަށް ތައްޔާރުވެގެން ހުންނާތި!! އަންނާނަން ބަލާ.. " އަހަރެން އެހެން ބުނުމުން ނައުރާ ހިނިތުންވެލަމުން އަވަސް އަވަހަށް ބޯޖަހައިލިއެވެ.
އަހަރެންނަށް ހަމަޖެހުވުމުގެ ނޭވައެއް ލެވުނީ އެގެއިން ނިކުތްފަހުންނެވެ. ނައުރާ ކައިރީގައި ހުންނައިރު ކުރާ ކޮންމެ ކަމެއް ބުނާ ކޮންމެ ބަހެއް އަހަރެން ބުނަނީ ގަދަކަމުންނެވެ.
ޖީބުގައި ތަޅުދަނޑި ނެތްކަން އެނގުނީ ކާރާ ހަމައަށް ދިޔަ ފަހުންނެވެ. އަނެއްކާވެސް އެނބުރި އެގެއަށް ވަންނަން ޖެހޭތީ އަހަރެން އަމިއްލަ ނަފްސަށް ފަތިވަރު ގޮވައިގަތީމެވެ. އިތުރު އެހެން ގޮތެއް ނެތުމުން އެނބުރި އެގެއަށް ވަދެ ނައުރާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ. އެކޮޓަރިއާ އަރާ ހަމަވިތަނުން ނައުރާއާއި ނިމާލް ވާހަކަ ދައްކާ އަޑުއިވި ދޮރުކައިރީގައި އެމީހުންނަށް ނުފެންނާނޭހެން މަޑުކޮށްލީމެވެ.
"ތިކޮށްދިން ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދޮންބޭ... ދޮންބެ އިޒާން އަށް ނަގައި ތިދިނީ ވަރަށް ބޮޑު ފިލާވަޅެއް.. ދެން އިރާދަކުރެވިއްޔާ އެއްވެސް މީހަކަށް އަހަރެންނާ އިޒާން ދުރުނުކުރެވޭނެ.. ޒޭބާއަށްވެސް.... " ނައުރާ ދުލުން ބޭރުވި ޖުމްލަތައް އިވި އަހަރެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. މިކަމުގައި ނިމާލްއެކޭ އެއްވަރަށް ނައުރާވެސް ބައިވެރިވާކަން އެނގި އަހަރެންނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް