އިޒާންގެ ނަޒަރުން
"ދެން އިހަށް މަންމަ ދޭ.. އަހަރެން ބޭނުން ނިދަން.. " މޫނު މަތީ ބާލިސް އަޅައިގެން އަހަރެން އޮށޯތީއެވެ. މަންމަ ކޮޓަރިން ނިކުމެ ދޮރު ލައްޕައިލި އަޑު އިވުނެވެ. މިނެޓެއްވެސް ނުވަނީސް މަންމަ އެނބުރި އައިސް އަނެއްކާ ދޮރު ހުޅުވާލައިފިއެވެ.
"އިޒާން ހޯދަން އައިސް އެބަހުރި.. " މަންމަ ބުންޏެވެ.
"ކާކު.. ޒޭބާތަ؟ " އަހަރެން އެހީމެވެ.
"ނޫން... ކޮންމެވެސް ފަހުދެކޯ.. " މަންމަ ބުންޏެވެ. އެހިނދު ކައްޓެން ޖެހިހެން އެނދުން ތެދުވެ އަހަރެން ހުރީ ކޮޅަށެވެ. ދުރު ދުރުގައި ފިޔަވަޅު އަޅަމުން ބާރުމިނުގައި ދޮރާ ދިމާލަށް ހިނގައިގަނެވުނެވެ. ދެއަތް ފުރަގަހަށް ލައިގެން ދޮރު މަތީގައި ހުއްޓިގެން ފަހުދް ހުއްޓެވެ.
"ވަޓް އިޒް އިޓް؟؟ ކީއްކުރަން ގެއަށް ތިއައީ... " ފަހުދް ކައިރިއަށް ހުއްޓެމުން މަންމައަށް ނީވޭނެހެން މަޑުމަޑުން އަހަރެން ބުނީމެވެ.
ނިމާލް ބުނެގެން ބަލާ މިއައީ.. ހިނގާ ދާން.. އެއޮތީ ކާރު.. " ފަހުދް ބުނެލިއެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު މަންމަ އައިސް އަހަރެން ކައިރިއަށް ހުއްޓި އެއީ ކާކުތޯ އެހިއެވެ.
"އޮފީހުން އެއައީ.. ކުޑަ ކަމެއްގަ އޮފީހަށް ދާން އެބަޖެހޭ.. މަންމަ ދޭ ނިދަން.. އަހަރެންނަށް ލަހުން އާދެވޭނީ.. " މިހެން ބުނެ ފަހުދް ގޮވައިގެން ބޭރަށް ނިކުމެ ދޮރުލެއްޕީމެވެ. ފަހުދް ކާރާ ދިމާލަށް ހިނގައިގަތުމުން އަހަރެންވެސް އޭނާގެ ފަހަތުން ހިނގައިގަތީމެވެ.
ފަހުދް އަހަރެން ގޮވައިގެން ގޮސް ދިޔައީ ހޮސްޕިޓަލަށެވެ. ނައުރާ އޮތް ކޮޓަރީގެ ދޮރުމަތީގައި ނިމާލް ރުޅި އައިސް ރަތްވެފައި ހުއްޓެވެ.
"އަހަރެން ގުޅާނެތީ ތަ ފޯނު ނިއްވާލީ.. ބުނިން ދޯ ނައުރާ ހޭއަރާއިރު މިތާ އިޒާން ހުންނަން ޖެހޭނޭ. " ބުޅާ މަސްގަނޑާ ދިމާލަށް އަންނަންހެން ނިމާލް އަހަރެންނާ ދިމާލަށް އައެވެ.
"ސޮރީ.. ފޯނު ހަލާކުވީ.. " އަހަރެން ބުނެލީމެވެ. ރުޅި އައި ނަމަވެސް އަހަރެން ޖެހުނީ އެރުޅި ކޮންޓްރޯލް ކޮށްގެން ހުންނާށެވެ. ނިމާލް ވަކި އެއްޗެއް ނުބުނެ އެތަނުން އެހެން މީހަކަށް ގޮވައިލިއެވެ. އެހިނދު އެމީހާ އައިސް އަހަރެން އަތަށް މާބޮނޑިއެއް ދިއްކޮށްލިއެވެ. އޭގައި ނުހިފާ އަހަރެން ބަލައިލީ ނިމާލްއަށެވެ.
"އެނގޭތަ ނައުރާ ހޭއެރުމާއެކު އެންމެ ފުރަތަމަވެސް ކިޔާލީ އިޒާންގެ ނަން.. ތި މާބޮނޑި ހިފައިގެން އެތެރެއަށް ވަދެ ނައުރާއާ ވަރަށް ލޯބިން މިހާތަބުކުރަންވާނީ.. ނައުރާގެ ލޯބީގައި ކޮޅުން ފައިން ޖެހުނީތީ އެކަމަށް މާފަށް ވެސް އެދެން ޖެހޭނެ.. ދޭ ދޭ.. އަވަސް ކުރޭ! " ނިމާލް އެމާބޮނޑި އަހަރެން އަތަށް ގަދަކަމުން ލައިދިނެވެ. ކޮއްޕަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެން އެކޮޓަރިތެރެއަށް ވެއްދިއެވެ. އެދުވަހު އަހަރެން ވީ ނިމާލްގެ އިނގިލިތަކުގެ އިޝާރާތަށް ހަރަކާތްކުރާ ބުދަކަށްވެފައެވެ.
އެތެރެއަށް ވަންއިރު އެނދުގައި ލޯމަރައިގެން ނައުރާ އޮތެވެ. ނޫނީ އޭނާއަށް އޮތީ ނިދިފައެވެ. ނައުރާދެކެ އަންނަންވީ ރުޅިކަމެއް ނޫނީ ވާންވީ ޙަމްދަރުދީކަމެއް އޭރަކު އަހަރެންނަށް ނުވިސްނުނެވެ. އެނދުކައިރިއަށް ހުއްޓެމުން އަހަރެން ނައުރާގެ ނަމުން ގޮވައިލީމެވެ. ސިހިފައި ދެލޯ ހުޅުވާލާ ގޮތަށް ނައުރާ ލޯ ހުޅުވައިލިއެވެ. ވައި އަޑުން އަހަރެންނަށް ގޮވައިލިއެވެ. އެހިނދު އޭނާގެ ލޮލުން ކަންފަތާ ދިމާލަށް ފޭބި ކަރުނަތިކި އަހަރެން ދުށީމެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުން އަހަރެން އެތަނުގައި ހުރި ގޮނޑީގައި އިށީނީމެވެ. ނައުރާ ކަޅި ޖަހާވެސް ނުލާ އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޮތެވެ. އަތުގައި އޮތް މާބޮނޑި ނައުރާ ކައިރީގައި ބޭއްވުމަށްފަހު ނައުރާ ކައިރީގައި ކިހިނެއްތޯ ސުވާލުކޮށްލީމެވެ. އެހިނދު ތުންފިއްތާލާފައި ނައުރާ ރޯންފެށިއެވެ. އަހަރެން ކަންބޮޑުވީ ވަރުން ދޮރާ ދިމާލަށް ބަލައިލެވުނެވެ. ނިމާލްއަށް އެމަންޒަރު ފެނިއްޖެނަމަ އަހަރެން ރޮލާ ކާނެއެވެ.
"ސޮރީ ނައުރާ.. އަހަރެން ނައުރާ ހިތުގައި ޖެއްސީ ގަސްދުގައެއް ނޫން.. އެވަގުތު ރިއެކްޓް ކުރަންވީ ގޮތެއް އަހަރެންނަށް ނޭނގުނީ.. ނައުރާ ތިކަހަލަ ފިޔަވަޅެއް ނަގާފާނެ ކަމަށް އަހަރެން ހިޔެއްވެސް ނުކުރަން.. " އަހަރެން ބުނީމެވެ.
"އިޒާން ކީއްކުރަން މިތަނަށް ތިއައީ... އަހަރެންދެކެ ލޯބިނުވާއިރު... " ތުންފިތައިލަމުން ނައުރާ ބުންޏެވެ. ތެދަށް ބުނަންޏާ އެވަގުތު އަހަރެންގެ ހިތުގައި ނައުރާއާ މެދު ރަހުމް އުފެދުނެވެ.
"އަހަރެންނަށް މާފުކުރޭ.. އަހަރެން އެގޮތަށް ކަންތައްކުރީ ނައުރާދެކެ.. ލޯބި ނުވާތީއެއް ނޫން.. " ލޯބި ނުވާ މީހެއްދެކެ ލޯބިވާ ވާހަކަ ބުނުންވީ އަހަރެންނަށް ވަރަށް އުނދަގޫކަމަށެވެ.
"ތިބުނީ.. ތިބުނި އެއްޗެއް ނުވިސްނުނު... " ނައުރާ ބުންޏެވެ. އަހަރެން ހީކުރީ އެވަރަށް ބުނުމުން ބުނަން އުޅުނު އެއްޗެއް ނައުރާއަށް ވިސްނޭނެ ކަމަށެވެ. އެންމެ ފަހުން ކުރަން ބޭނުންނުވި ކަންތައްވެސް އަހަރެން ޖެހުނީ ކުރާށެވެ. އުނދަގޫ ނަމަވެސް ޒޭބާއަށްޓަކައި އެކަން ކުރުން އަހަރެންނަށް މަޖުބޫރެވެ.
"މިބުނީ... މިބުނީ... އަހަރެންވެސް.. އަހަރެންވެސް ނައު... ނައުރާދެކެ ލޯ...ބިވެޔޭ... " އުނދަގުލާއެކު އަހަރެން ބުނީމެވެ. އެހިނދު ނައުރާގެ ތުންފަތް ދެފަރާތަށް ދެމިލިތަން އަހަރެން ދުށީމެވެ.
"އަސްލަށްތަ ތިބުނީ.. ؟ " ޤަބޫލުނުކުރެވިގެން އަހާލާފަދަ ގޮތަކަށް ނައުރާ އެހިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލީމެވެ.
"ނައުރާ އަހަރެންނާ އިންނާނަންތަ؟ " ވާހަކަތައް މާދިގުކުރަން ނުހަދާ އަހަރެން ބުނީމެވެ. ނައުރާއަށް ލިބުނީ ސިހުމެކެވެ.
"ޔަގީންތަ އިޒާން އަހަރެންނާ ސަމާސަ ކުރަނީ ނޫންކަން.. " ނައުރާ އެހިއެވެ.
"މީ ސަމާސާއެއް ނޫން ނައުރާ.. ޕްލީޒް ދެން އަވަހަށް ޖަވާބެއް ދީބަލަ..!! " އަހަރެން ބޭނުންވީ އަވަހަށް އެތަނުން ސަލާމަތް ވާށެވެ.
"އަހަރެންގެ ޖަވާބު އިޒާންއަށް ރަނގަޅަށް އެނގޭނެ.. އަހަރެން ލޮލުން ބޮލުން ތައްޔާރު.. " ނައުރާ ބުންޏެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.
"ދެން ނައުރާ އަރާމުކޮށްލާ.. އޭރުން އަވަހަށް ރަނގަޅުވެގެން ގެއަށް ދެވޭނީ.. " މިހެން ބުނެ އަހަރެން އިންތަނުން ތެދުވީމެވެ. ނައުރާ ބަސްއަހާ ކުޑަކުއްޖަކު ފަދައިން ބޯޖަހައިލުމަށްފަހު ދެލޯ މަރައިލިއެވެ. އަހަރެން އެތަނުން ނިކުތްއިރު ނިމާލް ދޮރުމަތީގައި ހުއްޓެވެ. އަހަރެން ފެނުމުން ތުންފަތަށް ވެރިކޮށްލީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ފަހުދް ދާނެ އިޒާން ގެއަށް ލައިދޭން.. ދާ މަގުމަތީ ފޯނަކާ އާ ސިމެއްވެސް ގަނެދޭނެ.. އަދި އެއްވާހަކަ.. މީގެ ފަހުން ފޯނު ނިއްވާލާފައި އޮވެގެން ނުވާނެ.. އަހަރެން ބޭނުން ކޮންމެ ވަގުތަކު އިޒާންއަށް ގުޚެން ޖެހޭނެ. މީގެ ފަހުން ޒޭބާއާ އެއްވެސް ގުޅުމެއް ބޭއްވިކަން އެނގިއްޖެނަމަ ހަނދާންކުރާތި!! އިޒާންއަށް އެނގޭނެ ދެން ވާނެ ގޮތެއް.. " ނިމާލް ބުންޏެވެ.
*******
އަހަރެން އެނބުރި ގެއަށް އައިއިރު މަންމަ ކައިރީ ސޯފާގައި ވާހަކަ ދައްކަން ޖިނާން އިނެވެ. އޭރުން ގަޑިން އެގާރަ ޖަހަން ގާތްވަނީއެވެ. އެފަދަ ގަޑިއެއްގައި ޖިނާން އައުމުން ކިހިނެއްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ފެނުމުން އެހެންޏާ ޖިނާންގެ މޫނުމަތިން ފެންނަ ހިނިތުންވުމެއް މިފަހަރަކު ނުފެނުނެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.
"ޖިނާން ވަރަށް ގިނައިރުވެއްޖެ ދަރިފުޅު އަންނަންދެން މިތާ އިންނަތާ.. ދަރިފުޅު ފޯނަށް ކިހިނެއް ތި ހެދީ.. ދަރިފުޅު ދިޔަ ފަހުން މަންމައަށް ފެނުނީ ކޮޓަރިތެރޭގައި ފޯނު ފުނޑުފުނޑުވެފައި އޮއްވައި.. " މަންމަ އެހިއެވެ.
"އަހަރެން އަތުން ފޯނު ވެއްޓުނީ... މަންމަ ދެން ދޭ އަވަހަށް ނިދަން.. " އަހަރެން ބޭނުންވީ އަވަހަށް މަންމަ ފޮނުވާލާށެވެ. ޖިނާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެންގެ މަޖުބޫރީގައި އެހީއެއް ނުދެވުނަސް އަހަރެންނާ އެކު އަހަރެން އެޅި ކޮންމެ ފިޔަވަޅެއްގައި ޖިނާން ހުންނާނެކަން ޔަގީންވިއެވެ. އެހެނަސް ކަންތައްވީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ. ޖިނާންއަށް އެވާހަކަތައް ކިޔައިދެވުމަކީ އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އެވާހަކަތައް އެދުވަހު އަހަރެން ޖިނާންއަށް ނުކިޔައިދިންނަމަ މިއަދު އޭނާ ދުނިޔޭގައި ހުރީހެވެ.
ޖިނާން ގޮވައިގެން އަހަރެން ގޮސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އަތުގައި ފޯނު އެނދުމަތީގައި ބޭއްވި ވަގުތު ޖިނާން އެފޯނަށް ބަލައިލިއެވެ.
"މުއްސަނދި ބައިވެރިޔާ މޮޅު ފޯނެއް ގަނެދިނީމަ ދޯ ބާ ފޯނު ހަލާކުކޮށްލީ.. ކިހިނެއް ތި އުޅެނީ އިޒާން.. " ޖިނާން ބުނެލިއެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. ޖިނާންއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.
"ކީއްވެ ތިހެން ތިބުނީ.. " އަހަރެން އެހީމެވެ.
"އަހަރެން އިޒާންގެ ފަރާތުން ތިކަހަލަ އުއްމީދެއް ނުކުރަން.. ޒޭބާ ކިހާ ދެރަވާނެ.. މިރޭ އަހަރެން މިގެއަށް އައީވެސް އިޒާން ކައިރިއަށް ގޮސްދޭށޭ ޒޭބާ ކިޔާ އާދޭސްކުރާވަރުން.. އިޒާން ފޯނަށް ނުގުޅޭތީ ވަރަށް ކަންބޮޑުވެފައި ހުރީ.. މިގެއަށް އައުމުން އިޒާންގެ މަންމަ ބުނީ މިރޭ އިޒާން ދެއްކި ވާހަކަ.. ޒޭބާ ނޫން މީހެއް ދެކެ ލޯބި ނުވެވޭނޭ ކިޔާފައި އެންމެ ފަހުން ކިހިނެއް ތިހެދީ.. އެވެސް ޒޭބާ އާ އިންނަން އެހާ ގާތްވެފައި ވަނިކޮށް.. އެފަކީރުގެ ކޮން ކުށެއް އޮތީ.. އޭނަ ކިހާ ދެރަވާނެ.. އިޒާން ފިނޑިކަމުން ކުޑަމިނުން އޭނަ ކައިރީ ތެދަށް ބުނަންވެސް ނުކެރުނެއްނު.. " ޖިނާން ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.
"ޖިނާން!! ކަންތައްވަނީ ތިހީކުރާ ގޮތަކަށް ނޫން.. އިހަށް މިތާ އިށީނދެބަލަ.. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން.. " އަހަރެން ބުނީމެވެ.
"ތި ނިންމުން ނިންމުމުގެ ކުރިން އަހަރެން ކައިރީ ނުބުނެފަ ދެން މިހާރު ކޮން ވާހަކައެއް ދައްކާކަށް.. ހަނދާންކުރާތި އިޒާން ނައުރާ އާ ކައިވެނި ކުރާ ދުވަހުން ފެށިގެން އަހަރެންނާވެސް އެއްވެސް ގުޅުމެއް ނޯންނާނެ.." ޖިނާން ބުނެލިއެވެ. އަހަރެން ހިތުގައި ޖެހުނީ އިންތިހާއަށެވެ. އެންމެ ލޯބިވާ މީހާ ނުލިބި އެންމެ ގާތް އެކުވެރިޔާވެސް ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ފޯރ ގޯޑްސް ސޭކް އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ ޖިނާން!! އަހަރެން އަދިވެސް ލޯބިވަނީ ހަމައެކަނި ޒޭބާ ދެކެ.. އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް ޒޭބާ ނޫން އެހެން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ.. " ހިތްވަރުކުރިނަމަވެސް އަހަރެން ދެލޮލުން ކަރުނައެވެ. އެމަންޒަރު ފެނުނީމަ ކަންނޭނގެއެވެ. ޖިނާން މަޑުމަޑުން އަހަރެން ކައިރީ އިށީނެވެ.
"ދެން ކީއްވެ އިޒާން މަންމަ ކައިރީ ދޮގު ތިހެދީ.. ؟ " ޖިނާން އެހިއެވެ.
"އަހަރެން މިހުރީ ވަރަށް ބޮޑުކަމެއްގައި ބެދިފައި.. އަހަރެންގެ ސަބަބުން ޒޭބާވެސް މިކަމުގައި ބެދިއްޖެ.. މިކަމުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ނައުރާއާ ކައިވެނި ކުރުން... " އަހަރެން ކަންތައްވީ ހުރިހާ ގޮތެއް ޖިނާންއަށް ކިޔައިދިނީމެވެ. އެވާހަކަތައް އަޑުއަހާފައި ޖިނާން ކައިރިއަށް އިންތިހާއަށް ރުޅިއައެވެ.
"އަހަރެން މީ އިޒާން ނަމަ އެމީހުންނާ ފައިޓް ކޮށްގެން ނަމަވެސް އެވީޑިއޯ ނައްތާލާނަން.. މުއްސަނދިކަން ފިޔަވާ އެމީހުންނަށް ލިބިފައިވާ އެހެން ގަދަކަމެއް ނޯންނާނެ.. " ޖިނާން ބުންޏެވެ.
"ނޫން ޖިނާން.. ފައިސާއަކީ ހުރިހާވެސް އެއްޗަކީ.. އޭގެ ޒަރިއާއިން ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ.. އެއްވެސް ހާލެއްގައި ޒޭބާ ފަލީހަތްވާން އަހަރެން ބޭނުމެއް ނޫން.. އެމީހުންނާ ފައިޓްކޮށްގެން އެރިސްކު ނަގަން ބޭނުމެއްނޫން.. ޖިނާއަށް ނިމާލްގެ ގޮތް ނޭނގިގެން ތިއުޅެނީ.. އެއީ ވަރަށް ނުރައްކާތެރި މީހެއް.. މީހެއްގެ ފުރާނަ ދުއްވާލުމަކީ އޭނައަށް އުނދަގޫކަމެއް ނޫން.. " އަހަރެން ބުނީމެވެ.
"އެއްގޮތް ބަންދުވިއްޔާ އަނެއް ގޮތް އޮންނާނެ.. ނިމާލްއަކީ ފައިސާ ގިނަ މީހެއް ވިއްޔާ އަހަރެންނަކީ އައިޑިއާސް ގިނަ މީހެއް.. " ޖިނާން ބުނެލިއެވެ.
"ތިބުނީ؟ " ހައިރާންވެފައި އަހަރެން އަހައިލީމެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް