ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފު އިސްތިއުފާދެއްވުމުން އެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރަން ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝިދާތާ އިސްތިއުފާ ދެއްވިކަން އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ. އެހެންވެ ދެން އެ މަގާމަށް އައްޔަން ކުރަން ނިންމާފައިވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ ކަމަށެވެ.
އައިޝާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ޔުނިސެފްގައިވެސް މަސައްކަތް ކުރައްވާފަ ވެއެވެ. އައިޝާ، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ހިސާބަށް ވަޒީފާ އަދާކުރެއްވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނާ ވެފައި ވަނީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ސަފީރަށެވެ.
އައިޝާ އަށް މިނިސްޓަރުކަން ދެއްވީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައި ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާ އަކީ ރައީސް ސޯލިހުގެ ކުޑައިރުގެ ގާތް އެކުވެރިއެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް