ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ވިކިއްޖެ

ޖަޕާނުގައި ނޫއުރަހަ ކަންނެއްޔެއް 333.6 މިލިއަން ޔެން، ނުވަތަ 3.1 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިކިއްޖެއެވެ. ބަރުދަނުގައި 278 ކިލޯ ހުރި މި ކަންނެލި ކިލޯއެއް 11،000 ޑޮލަރަށް ވުރެ ބޮޑުއަގުގައި ނީލަމުގަ...

06 Jan 2019 | 05:07

ޖަޕާނުގައި ނޫއުރަހަ ކަންނެއްޔެއް 333.6 މިލިއަން ޔެން، ނުވަތަ 3.1 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިކިއްޖެއެވެ.

ބަރުދަނުގައި 278 ކިލޯ ހުރި މި ކަންނެލި ކިލޯއެއް 11،000 ޑޮލަރަށް ވުރެ ބޮޑުއަގުގައި ނީލަމުގައި ވިއްކާލައިފައިމިވަނީ ޖަޕާނުގެ ޓޯކިޔޯގެ މަސް މާރުކޭޓެއްގައެވެ. ޖަޕާނުގެ އޮމާގެ ރައްބޭރުން ބާނާފައިވާ މި ކަންނެލި ނީލަމުގައި ގަނެފައިވަނީ ޖަޕާނުގައި ސޫށީ އަށް ހާއްސަ ސޫށީޒަންމާއީ ރެސްޓޯރެންޓް ޗެއިން ހިންގާ ކުންފުނީގެ ވެރިޔާ ކިޔޯށީ ކިމުރާއެވެ. މި ކަންނެލި ގަތުމަށް ފަހު މީޑިޔާގައި ކިމުރާ ބުނެފައިވަނީ ހީކުރިވަރަށް ވުރެ އަގު ބޮޑުވިކަމަށާއި އެހެންނަމަވެސް މިއީ އެންމެ ފެންވަރު ރަނގަޅު ކަންނެއްޔެއް ކަމަށާއި ކަސްޓަމަރުން މި ކަންނެލިން ތައްޔާރުކުރާ ކެއުމުގެ އަޖުމަ ބަލާލާނެކަމަށް އުންމީދުކުރާކަމަށެވެ. 2013 ވަނަ އަހަރުގައި ކިމުރާ ވަނީ 1.5 މިލިއަން ޑޮލަރާ ގަތް ކުރާ އަގެއްގައިވެސް ނޫއުރަހަ ކަންނެއްޔެއް ގަނެފެއެވެ.

މި ކަންނެލިން ތައްޔާރުކުރާ ކެއުންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ސްކިޖީގައި ހުންނަ ސޫށީޒަންމާއީ ރެސްޓޯރެންޓުގައެވެ. ބެލެވޭ ގޮތުގައި މި ކަންނެލިން ތައްޔާރުކުރާ ސޫށީ ތައްޓެއްގެ އަގު އުޅޭނީ 200 ޑޮލަރަށް ވުރެ މަތީގައެވެ.

މާގިނައިން ބޭނުމުގެ ސަބަބުން އާބާދީ ކުޑަވެ، ނެތިދިޔުމުގެ ބިރު ހީވެފައިވާ މަހުގެ ލިސްޓުގައި ނޫއުރަހަ ކަންނެލި ވަނީ ހިމެނިފައެއެވެ. މިކަންނެލީގެ އަގު ބޮޑުވެގެން ގޮސްފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ. ދުނިޔޭގައި ބާނާ ނޫއުރަހަ ކަންނެލީގެ ބޮޑު ބައެއް ބޭނުންކުރަނީ ޖަޕާނުގައެވެ. ސޫށީ  ތައްޔާރުކުރުމަށް ބޭނުންކުރާ ހާއްސަ މަހެއްގެ ގޮތުގައި ނޫއުރަހަ ކަންނެލި ވެގެން ގޮސްފައިވާއިރު، މިކަންނެލީގެ މަހަށް "ކަޅު ޖަވާހިރު"ގެ ނަންވެސް ޖަޕާނުގައި ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް