ކަލޭ ހީކުރީ ހެއްދެވިހާ ހުރިހާ ނުބައިކަމެއްކޮށްފަ ތިހެން އަނގަ މަޑުންލައިގެން ހުރެވިދާނެ ކަމަށްތަ...؟" އަޑަށް ބާރުލާފައި އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަރެން ހީކުރީ... ހީކުރީ... އައިލީން ގޭގައި ނޫޅޭ ކަމަށް...!" ނާޒިމާ އިސްދަށަށް ޖަހައިގެން އިނދެ ތުރުތުރުއަޅާ އަޑަކުން މަޑުމަޑުން ބުންޏެވެ.
"އަހަރެން ގޭގައި އުޅުނަސް، ނޫޅުނަސް ނާޒިމާއަކަށް ނުޖެހޭނެ އެހެން ކަންތައްތައް ކުރާކަށް..." އައިލީން ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.
"ބޭބީ... ބޭބީ... ބަނޑުހައިވެގެން... ބަނޑުހައިވެގެން.... ރޯވަރުން ހުއްޓާނުލައިގެން..." އަނެއްކާވެސް އަޅައަޅައި ގަންނަމުން ނާޒިމާ ވާހަކަ ދެއްކިއެވެ.
"ބަލަ ޒާރާ ރޮންޏާ ބުއްޕުޅިދޭން މިގޭގައި ކިރުދަޅެއް ގަނެފަ ހުންނާނެ....! އެހެން ނޫނަސް ޒާރާއަށް ގާތުން ދޭން ނާޒިމާ ތީ ކާކު...؟ ޒާރާގެ މަންމައަކީ އަހަންނޭ...! ނާޒިމާ ތިއީ އެވަރު ނޭނގޭ ކުޑަކުއްޖެއްތަ...؟ ތިއީ މިގޭގަ ގެންގުޅޭ މީހެކޭ...! ނާޒިމާއަށް އެވަރުވެސް ނުވިސްނޭތަ...؟: އައިލީން ރުޅި އައިސްގެން ހަޅޭއްލަވަމުން ގެންދިޔައެވެ.
އައިލީންގެ ހަޅޭކުގެ އަޑަށް ރާއިފުވެސް ކޮޓަރިން ބޭރަށް ނުކުމެގެން އައިސް އައިލީން ގާތުގައި އިށީނެވެ. އައިލީންގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނާޒިމާއަކަށް ނުވިސްނެއެވެ. ބުނާނެ ހަމަ އެއްވެސް އެއްޗެއް ނޭނގުނެވެ. އައިލީން އާ ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް އިސްޖަހާލީއެވެ.
"މަ މިކިޔާ އެއްޗެއް ކަލެއަކަށް އަޑެއް ނީވޭތަ...؟ ކަލޭ ކީއްވެހޭ އެހެން ކަންތައް ކުރީ...؟ އެހެން ނޫނަސް ކަލެއަށް ކިހިނެއް ގާތުން ދެވެންވީ...! ތީ ކާކު...؟ މިހާ ދުވަސްވީއިރުވެސް އަހަރުމެންނަކަށް ތިއީ ކާކު ކަމެއް ނޭނގުނު...! ތީ ކޮންތާކުން އައި ކާކު...؟ ކޮބާ ކަލޭގެ ފިރިމީހާ...؟ ކޮބާ ކަލޭގެ ދަރިފުޅު...؟ މިގެއަށް އައިސްގެން ކޮންބޭނުމަކު ކަލޭ ކީއްކުރަން ތިއުޅެނީ...! ތިހެން އަބަދަކު ނީނދެވޭނެ އިނގޭ...! ވާހަކަ ދައްކާ...! ކަލޭ ޖެހޭނީ މިރޭ ކަލޭގެ ހުރިހާ ޙަޤީޤަތެއް އަހަރުމެންނަށް ކިޔައިދޭން...! ކާކު ތިއީ...؟ ކަލޭގެ ބޭނުމަކީ ކޮބާ...؟" އައިލީން ރުޅިއައިސް ރަތްވެފައި އިނދެ ވާހަކަ ދެއްކިއެވެ.
"އަހަރެން... އަހަރެންގެ އެއްވެސް ބޭނުމެއް ނެތް...! އަހަރެން މާލޭގެ ތިމާގެ މީހެއްގެ ގެއެއްގައި ހުއްޓާ މިގެއަށް ގެނައީ ރާއިފު އެއްނު...! އަހަރެންގެ އެއްވެސް ބޭނުމެއް އޮވެގެނެއް ނޫން އަހަރެން މިގެއަށް އައިކީ...! އަހަރެން ރަށަށް ދާން ބޭނުން ނުވާތީ އެގޭގައި ހުއްޓާ މިގެއަށް އަންނަން ފުރުޞަތު ލިބުނީމަ މިގެއަށް އައީ...!" އިސްދަށަށް ޖަހައިގެން އިނދެ ނާޒިމާ ވާހަކަ ދެއްކިއެވެ.
"ރަށަށް ދާން ބޭނުންނެތީމައޭ...! އެއީ ކީއްވެ...؟ ކޮބާ ކަލޭގެ ފިރިމީހާ....؟ ގައިމު ތިއީ ކުއްޖަކު ވިހާފަ ހުރި މީހެއްތާ...! ކޮބާ އެކުއްޖާ...؟ ކަލޭ މިގެއަށް ގެންނަން އަހަރެން ގޮސް ވާހަކަ ދެއްކިއިރު ކަލޭ ކީއްވެ ކަލޭގެ ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިނުދީ އޮޅުވާލައިގެން މިގެއަށް އައީ...!" ރާއިފު ރުޅިއައިސްފައި އިނދެގެން ވާހަކަ ދެއްކިއެވެ.
"އަހަރެންގެ އެއްވެސް ވާހަކައެއް ރާއިފު ނާހަމެއްނު...! އަހަރެން އެއްވެސް އެއްޗެއް އޮޅުވައެއް ނުލަން...! އަހަރެން މިގެއަށް އައީ އަހަރެން ހުރި ގޭގައި މާގިނަ ދުވަހު އަހަންނަށް ހުރެވެން ނެތީމަ...! ދާނެ ތަނެއް ހޯދަމުން ދަނިކޮށް މިގެއަށް އަންނަން އަހަންނަށް ފުރުޞަތު ލިބުނީ...!" އިސްދަށަށް ޖަހައިގެން އިނދެ ނާޒިމާ ވާހަކަ ދެއްކިއެވެ.
"އަހަރެން މިއަހަނީ ކޮބައިހޭ ކަލޭގެ ފިރިމީހާ...؟ ކޮބައިހޭ ކަލޭގެ ދަރިފުޅު...! އަނެއްކާ ކަލޭ ތިއީ ރަށްމެދަށް ވިހާފައިން އަންހެނެއްތަ...؟" އައިލީން ރުޅިއައިސްފައި ބުންޏެވެ.
އެވަގުތު ނާޒިމާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ނާޒިމާއަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުނެވެ. އިސްދަށަށް ޖަހާލެވުނީއެވެ.
"ކަލޭގެ ވާހަކަ ކިޔައިދީ...! ތިއީ ކާކު...؟ ތިހެން އިސްދަށަށް ޖަހައިގެން ވާހަކަ ނުދައްކައެއް ކަލެއަކަށް ނީނދެވޭނެ...! ކީއްވެ ކަލޭ އަހަރުމެންގެ ދަރިފުޅަށް ގާތުން ދިނީ...! އޭނަ ކިތަންމެ ވަރަކަށް ރުޔަސް ކަލޭ ނުޖެހޭނެ ޒާރާއަށް ގާތުން ދޭކަށް...! ޒާރާގެ މަންމައަކީ އައިލީން...! އެއީ ޝަރުޢީ ގޮތުންވެސް ނިމިފައޮތް ކަމެއް..." ރާއިފު ވަރަށް ބާރަށް ވާހަކަ ދެއްކިއެވެ.
"އަހަރެން... އަހަރެންނަކީ ވަރަށް ފަޤީރު... ޢާއިލާއަކުން އުފަންވި ކުއްޖެއް...! މަންމައާއި ބައްޕަގެ ފަސްކުދިން ތިބޭ...! އަހަރެންނަކީ އެންމެ ބޮޑު ކުއްޖާ...! މަންމައާއި ބައްޕައާ ޖެހުނު މައްސަލައެއްގައި ބައްޕަ، މަންމަ ވަރިކުރީ...! ބައްޕަ މަންމަ ވަރި ކުރުމަށްފަހު ފަސްކުދިންގެ ތެރެއިން ބައްޕަ ބޭނުންވީ އަހަރެން ގޮވައިގެން ބައްޕަގެ ރަށަށްދާން...! މަންމަ ވަރަށް އާދޭސްކޮށްކޮށް އޮއްވަ އަނެއް ހަތަރު ކުދިން މަންމަ ގާތުގައި ބައިތިއްބާފަ ބައްޕަ ދިޔައީ އަހަރެން ގޮވައިގެން ބައްޕަގެ ރަށަށް...! ބައްޕަ ރަށަށް ދިޔަތަނާ އަހަރެއްހާ ދުވަސްތެރޭގައި ބައްޕަ ނިޔާވުމުން އަހަރެން ގެންގުޅުނީ ބައްޕަ ފަރާތުގެ ބޮޑުދައިތަ...! އަހަރެން ބައްޕަގެ ރަށަށް ބަދަލުވީ ފަހުން މަންމަގެ ޚަބަރެއް އަހަންނަށްވީ އެންމެ ފަހަރަކު...! މަންމަގެ އެ ޚަބަރަކީ އަހަރެންގެ ހިތް ކުދިކުދިވި ޚަބަރެއް...! ރަށުގެ ޞިއްޚީ މަރުކަޒުގައި އުޅުނު އިންޑިއާ މީހަކާ މަންމަ ކައިވެނި ކޮށްގެން ކޮއްކޮމެން ގޮވައިގެން މަންމަ އިންޑިއާ އަށް ބަދަލުވާ ވާހަކަ...! އަހަރެންވެސް ގެންދިޔުމަށް އަހަރެން މަންމަ ގާތުގައި ރޮއި އާދޭސް ކުރިން...! އެކަމަކު މަންމަ ބުނީ ހުރިހާ ކުދިން ގޮވައިގެން ގޮސްގެން މަންމައަކަށް ހުރިހާ ކުދިންނެއް ނުބެލޭނެ ކަމަށް...! ކޮއްކޮމެންނަށް ރަނގަޅު މުސްތަޤްބަލެއް ލިބުމަކީ އަހަރެންވެސް އެދޭގޮތް ކަމުގައިވާތީ މަންމަގެ އެވާހަކަތައް ޤަބޫލުކޮށްގެން އަހަރެން ބައްޕަގެ ރަށުގައި ބޮޑުދައިތަ ގާތުގައި ހުރީ...! ބޮޑުދައިތަ އަކީވެސް އަމިއްލަ މަސައްކަތުން ލާރި ހޯދައިގެން ބޮޑުދައިތަގެ ފަސްކުދިންނާއި އަހަރެން ބަލާ ބޮޑުކުރަމުންދާ މީހެއް...! ބޮޑުދައިތަގެ ފިރިމީހާއަކީ މަސައްކަތެއް ކުރާ މީހެއްނޫން... މަސްތުވާތަކެތިވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރާ މީހެއް..." އިސްޖަހައިގެން އިނދެ ނާޒިމާ ދައްކަމުން ގެންދިޔަ ވާހަކަ ހުއްޓުވާލީ ރާއިފުއެވެ.
"އަހަރުމެން ބޭނުމެއްނޫން ކަލޭގެ ތި ބޮޑުދައިތައާއި، ތި ބޮޑުދައިތަގެ ފިރިމީހާއާއި އެ އާއިލާގެ ވާހަކަ އަޑުއަހާކަށް...! އަހަރުމެން މިއަހަނީ ކަލޭ ތިއީ ކާކުހޭ...؟ ކަލޭގެ މަޤްޞަދަކީ ކޮބައިހޭ...؟ އެވާހަކަތައް އަހަރުމެންނަށް ކިޔައިދޭންވީ..." ރުޅިއައިސްފައި އިން ރާއިފު ބުންޏެވެ.
"އެ ވާހަކަ... އެ ވާހަކަ މި ކިޔައިދެނީ....! މާގިނަ ދުވަހަކު އަހަންނަކަށް ސްކޫލަކަށްވެސް ނުދެވުނު... ! ގްރޭޑް 9 އަކުން އަހަރެން ޖެހުނީ ސްކޫލުން ކެނޑެން...! އަހަންނަށް ޚަރަދުކުރާނެ ވަރަށް ބޮޑުދައިތަ އަތުގައި ލާރި ނެތީމަ...! އަހަންނަށް ބޮޑުދައިތަ ކަންތައް ކޮށްދޭތީ ބޮޑުދައިތަގެ ފިރިމީހާ ހުންނަނީ އެކަމާ ހިތްހަމަ ނުޖެހިފައި...! ބައެއް ފަހަރު ބޮޑުދައިތަގެ ފިރިމީހާ ބޮޑުދައިތައަށް އަނިޔާކުރާތަންވެސް އަހަންނަށް ފެނޭ...! އަހަރެން ސްކޫލުން ކެނޑުނު އިރު އަހަރެން އުމުރުން ފަނަރަ އަހަރު...! އެދުވަސްކޮޅު އަހަރެން އެ ރަށުން ކުއްޖަކާ ރައްޓެހިވިން..! ނަދުވީ އަހަންނަށް ވަރަށް ރަނގަޅު....! ކޮންމެ ދުވަހަކު މި ދުނިޔޭގައި އުޅެން ފޫހިވާ ވަރަށް އެކިއެކި މައްސަލަތައް އަހަންނަށް ދިމާވޭ...! އެ ހުރިހާ ފަހަރަކު އަހަންނަށް ހިތްވަރުދޭން އޭރު ހުރީ ނަދުވީ...! ނަދުވީއަކީ އެރަށުގައި ދިރިއުޅޭ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ ކުއްޖެއް...! އޭނަ އިންތިހާއަށް އަހަރެން ދެކެ ލޯބިވި...!" ރޮއިރޮއިފައި ނާޒިމާ ދައްކަމުންދިޔަ ވާހަކަ އަނެއްކާވެސް މެދުކަނޑާލީ އައިލީންނެވެ.
"ތި އިންތިހާއަށް ލޯބިވި މީހާގެ ދަރިއެއްދޯ ވިހައިގެން ތިއުޅެނީ...! ހުންނަ ގޮތްކުޑަކަށް....!" ރުޅިގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އައިލީން ބުންޏެވެ.
"އަހަރެން..... އަހަރެންގެ ވާހަކަ ތައް އަޑުއަހާލަބަލަ...! އަހަރެން ކުށެއް ނުކުރަމޭ...! އެއްވެސް ގޯސްކަމެއްވެސް ނުކުރަމޭ...!" ގިސްލަގިސްލާފައި ރޮމުން ނާޒިމާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ހުރިހާ ނުބައިކަމެއްކޮށްފައި ދައްކާވާހަކަ ރީއްޗެއްނު...! އަހަރެންގެ ކުރިމަތީ ކޮށްލި ކަންތައް އެހެރީ...! ދެން ގޯސްކަމެއް ނުކުރަމޭ ބުނީމަ އަހަރުމެންވީ އެވާހަކަ ޤަބޫލު ކުރަން...؟ ކިހިނެތް ޤަބޫލު ކުރަނީ...؟ ނުވާނެ ތިކަމެއް...!" މަލާމާތުގެ ރާގަކަށް އައިލީން ވާހަކަ ދެއްކިއެވެ.
"އަހަންނަށް ގޯސްކަމެއް ކުރެވިފައިވާނަމަ އަހަރެން އެހުރިހާ ކަމަކަށް މިވަނީ ތައުބާ ވެފައޭ...!" މަޑުމަޑުން އިސްއުފުލާލުމަށްފަހު ނާޒިމާ ބުންޏެވެ.
"ތަޢުބާ ވެފައޭ...! ތައުބާ ވެފަވެސް ތިހިރީ މިއަދުވެސް ކޮށްލިކަންތައް...! އެންމެހާ ނުބައިކަންތައްތައް....! މިހާރު އަހަރުމެން ނާޒިމާގެ އެއްވެސް ވާހަކަ އެއް ގަބޫލެއް ނުކުރާނަން...! ތިބުނާ ނަދުވީގެ ދަރިއެއްދޯ ކަލޭ ވިހައިފަ އައިސްގެން ތި އުޅެނީ...!" ރާއިފުވެސް ރުޅިއައިސްފައި އެވާހަކައިގައި ބައިވެރިވި އެވެ.
"ނަދުވީ އަކީ އަޚްލާޤު ރަނގަޅު ދީންވެރި ކުއްޖެއް...! ފަސްވަގުތު ނަމާދުކުރާ ހިތްހެޔޮ ރަނގަޅު ކުއްޖެއް...! ނަދުވީ ކަހަލަ މީހަކު ލިބޭނީ ވަރަށް ނަޞީބު ގަދަމީހަކަށް...! އަހަންނަކީ އެހާ ނަޞީބު ގަދަމީހެއް ނޫން...! އެދުވަސްކޮޅު އަހަންނަށް ކުރިމަތިވީ ދުވަހަކުވެސް އަހަރެން ހުވަފެނުންވެސް ދެކެން ބޭނުންވާ ކަންތައްތަކެއް ނޫން...! އަހަންނަށް ކުރިމަތިވާންފެށީ ބޮޑުދައިތަގެ ފިރިމީހާގެ އުދަގޫތައް...! ކޮންމެ ހަފްތާއަކުވެސް ދެތިން ރޭ ބޮޑުދައިތަގެ ފިރިމީހާގެ އުނދަގޫތައް އަހަންނަށް ކުރިމަތިވާން ފެށި...! އަހަރެން އެވާހަކަ ބޮޑުދައިތަ ކައިރީ ބުނެފިއްޔާ ބޮޑުދައިތަ ވަރިކުރާނެ ކަމަށާއި، ބޮޑުދައިތއަށް އަނިޔާކޮށް އޭނާ ބޭނުންގޮތެއް އަހަންނަށްވެސް ހަދާލާނެ ކަމަށް އަހަންނަށް ކޮންމެ ރެޔަކު ބިރުދައްކާ އިންޒާރު ދެމުން ގެންދިޔަ...! ބޮޑުދައިތަގެ ކުޑަކުޑަ ކުދިންކޮޅުގެ ޙައްގުގައި އަހަންނަށް ޖެހުނީ އެކަން ސިއްރުކުރަން...! އެއީ އެއްގޮތަކަށްވެސް އަހަރެން އެގޮތް ބޭނުންވެގެނެއް ނޫން...! އޭރު އަހަރެންގެ އުމުރުން 18 އަހަރު ފުރިއްޖެ. އެހެން ނަމަވެސް ބޮޑުދައިތަގެ ފިރިމީހާގެ އެ އަމަލުތަކުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ވަރަށް އަވަހަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި...! އެއް ދުވަހުން އަނެއް ދުވަހަށް ހަށިގަނޑު ފަލަވެ އުމުރަށްވުރެ ދޮށީ މީހެއްގެ ސިފަ ޖަހަމުންދިޔަ...! އަހަރެންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ފެނިފައި ބޮޑުދައިތަވެސް އަދި ނަދުވީވެސް އެތައް ފަހަރަކު ސުވާލުކުރި...! އެހެން ނަމަވެސް އެސުވާލުތަކަށް އަހަންނަކަށް ޖަވާބެއް ނުދެވުނު... ދޭނެ ޖަވާބެއް ނޭނގުނު...! އަހަންނަށް މަޖުބޫރުވީ ދޮގު ހަދަން...! އަސްލު މިހާރު އަހަންނަށް މިފުރެނީ 20 އަހަރު... އެކަމަކު މިހާރުވެސް ބަލާލާއިރު އުމުރަށްވުރެ ދޮށިހެން ހީވާނީ...!" އިސްދަށަށް ޖަހާލަމުން ނާޒިމާ ބުންޏެވެ.
"ދެން އަހަރުމެންގެ ހަމްދަރުދީ ހޯދަން ކޮންމެހެން އުޅޭނެ ކަމެއް ނެތް...! ކަލޭ ވިހޭ ކުއްޖާ ކޮބައިހޭ...؟ އެއީ ކާކުގެ ދަރިއެއްހޭ...؟ ދަރިފުޅު ނުބަލާ އައިސް މިތާ ތިއުޅެނީ ކީއްވެހޭ...!" އަހަރެންގެ ސުވާލަކީ މިއޭ...! ހިތްހަމަ ނުޖެހިފައި އައިލީން ބުންޏެވެ.
އެ ދުވަސްކޮޅު ބޮޑުދައިތަގެ ފިރިމިހާ ކުރަމުން ގެންދިޔަ ކަންތައްތަކުން އަހަންނަށް އަހަރެން ބަލިވެ އިންހެން ހީވާންފެށި...! ކުރިން ވަމުންދިޔަ އެތައް ކަމެއް ނުވާން ފެށި...! އަދި ކުރިން ނުވާ އެތައްކަމެއް ވާން ފެށި...! އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުން ކަހަލަ...! ހަދާނެ އެއްވެސް ގޮތެއް ނޭނގުނު... ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ފެނިފައި ބޮޑުދައިތަގެ ސުވާލުތައް އިތުރުވި...! ނަދުވީ އަށްވެސް ޝައްކުތަކެއް ވާންފެށި...!" ނާޒިމާ އިސްޖަހައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 08 ޑިސެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް